ރައީސް މުހައްމަދު މުއިއްޒު ފ. ފީއަލީ ރައްޔިތުންނާ ބައްދަލުކުރެއްވުން. (ފޮޓޯ/ރައީސް އޮފީސް)

ޓެކްސް އާމްދަނީން ބައެއް ކައުންސިލްތަކަށް ލިބޭ ގޮތް ހަދާނަން: ރައީސް

ރައީސް ވިދާޅުވި ގޮތުގައި މިއީ ކައުންސިލްތަކަށް އޮތް އާމްދަނީގެ ދަތިކަމުގެ މައްސަލަ ހައްލުކޮށް، ކައުންސިލްތައް ފުދުންތެރި ކުރުމަށް ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަން
14 އޭޕްރީލު 2024

ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ވަކި އިންސައްތައެއް ކައުންސިިލްތަކަށް ލިބޭނެ ގޮތެއް، ގާނޫނަށް އިސްލާހު ގެނެސްގެން ފަހިކޮށްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - ރައީސް މުއިއްޒު ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފީއަލީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވިދާޅުވީ ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރަން ގިނަ ކަންތައްތަކެއް ސަރުކާރުން ކުރިއަށް ރާވަމުންގެންދާ ކަމަށެވެ.

އެގޮތުން އެންމެ ބޮޑު ކަމަކީ، އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެކި ކަހަލަ ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީން ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ މަގުފަހިކުރުމެވެ.

"އެންމެ ބޮޑު އެއް ކަމަކީ ދައުލަތަށް މި ލިބޭ އާމްދަނީއިން [ޓޫރިޒަމް ޓެކްސް އާއި އެކި ކަހަލަ ޓެކްސްތައް އެބަ ލިބޭ] މީގެ ތެރެއިން އިންސައްތައެއް، ޓެކްސްގެ ގާނޫނާއި ކަމާގުޅޭ އެހެން ގާނޫނުތައް އިސްލާހުކޮށްގެން ކައުންސިލްތަކަށް ސީދާ ޖަމާކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

"އޭރުން ވެސް އެ ކައުންސިލްތަކަށް ރަށުގެ ތަރައްގީއަށް ކުރެވޭނެ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ... އަދި ކައުންސިލްތަކާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް ފަޅުރަށްތައް ދޫކުރުމަށް ވެސް މިހާރު މި ވަނީ ނިންމާފައި."

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުން މުއްސަނދި ކޮށްދޭން، ފުދުންތެރި ކޮށްދޭން. މިކަންކަން ކުރެވޭނީ މިކަން ކުރެވޭ ކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް ފަހިވެގެން."

ރައީސް މުހައްމަދު މުއިއްޒު ފ. ފީއަލީ ރައްޔިތުންނާ ބައްދަލުކުރެއްވުން. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް އެމަނިކުފާނު 168 ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރެއްވިއިރު، ފާހަގަވެވަޑައިގަތީ ކައުންސިލްތައް ބާރުވެރި ކުރުވަން ޖެހޭ ކަމެވެ.

އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ގާނޫނު އޮތީ އަމަލީގޮތުން އެ ކޮމެޓީތަކަށް ހަރަކާތްތެރިވެވޭ ގޮތަކަށް ނޫން ކަމަށެވެ.

"ލާމަރުކަޒީ ގާނޫނުން ކޮމެޓީ އުފެދިފައި މި އޮތީ. އެހެން ނަމަވެސް އެލަވަންސެއްގެ ގޮތުގައި ކުޑަ އެއްޗެއް ލިބުން ފިޔަވައި މާ ބޮޑު ފުރުސަތުތަކެއް ނެތް. ކައުންސިލްގެ ބަޖެޓުން އޮންނަ ފަސް ޕަސެންޓުގެ ތެރެއިން ހުރިހާ ކަމެއް ކުރަން މި އޮންނަނީ،" ރައީސް ވިދާޅުވި އެވެ.

"ބައެއް ރަށްރަށުގައި އާބާދީ ކުޑަވީމަ، އެ އޮންނަ ފޯމިއުލާގެ ތެރެއިން ލިބޭ ބަޖެޓުން އަހަރު ދުވަހުގެ އެލަވަންސް ނުދެވޭ... އާބާދީ ވަރަށް ކުޑަ ރަށްރަށުގައި އެ ފޯމިއުލާ އެޕްލައި ކުރީމަ ތިން މަހުގެ އެލަވަންސް ދެވިފައި ބާކީ މަސްތަކުގައި ނުދެވޭ."

އޭގެ އިތުރުން އެ ކޮމެޓީގެ މެމްބަރުންނަށް އެއްވެސް ހައިސިއްޔަތެއް ނޯންނާތީ ރޯދަ އެލަވަންސާއި ވިހެއުމުގެ ޗުއްޓީ ފަދަ އިނާޔަތްތައް ނުލިބޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ލިބޭ ކަމުގައި ވާ ނަމަ، މި ގާނޫނު އިސްލާހު ކުރަން. ކޮށްގެން މި ދެންނެވި ހުރިހާ ކަމެއް ހައްލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް