ލ. ގަމުގައި މިއަދު އެމްޑީޕީއިން ބޭއްވި ކެމްޕޭން ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

މި ސަރުކާރުގެ ވައުދުތަކަކީ އިންތިހާބަށް ދައްކާ ދަޅައެއް: ސޯލިހު

މި ސަރުކާރުން ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބުކުރުމުގެ ނިޔަތުގައި އެއްވެސް ރޭވުމެއް ނެތި، ފައިސާ ވެސް ހަމަނުޖެހޭ މަޝްރޫއުތަކެއްގެ ދަޅަ ދައްކަމުން އަންނަ ކަމަށް ސޯލިހު ވިދާޅުވި
14 އޭޕްރީލު 2024

މި ސަރުކާރުން ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ދިމާކޮށް އެކި މަޝްރޫއުތައް އިއުލާން ކުރަމުންދިޔަ ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް، ދަޅަތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ލ. ގަމުގައި މިއަދު އެމްޑީޕީއިން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބާ ދިމާކޮށް އާ މަޝްރޫއުތަކުގެ ދަޅަތަކެއް މި ސަރުކާރުން ދައްކަމުން ދިޔަ ނަމަވެސް. އެއްވެސް ޕްލޭނަކާއި އެކަމަށް ބޭނުންވާ ފައިސާ ނެތި އެއްވެސް މަޝްރޫއެއް ނުހިންގޭނެ ކަމަށެވެ.

އިންތިހާބަށް ދަޅައެއްގެ ގޮތުގައި މަޝްރޫއުތަކެއް ހިންގާކަމަށް ދައްކަމުންދާ ދިއުމާ އެކީގައި، ސޯލިހު ވިދާޅުވީ:

  • ބަޖެޓުކޮށް ފައިސާ ހަމަޖެހިފައި ހުރި މަޝްރޫއުތައް ވެސް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް؛ އޭގެ މިސާލެއްގެ ގޮތުގައި އިޝާރާތް ކުރެއްވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ލ. ގަމުގައި އަޅަން އިއުލާން ކުރި ކެންސަރު ހޮސްޕިޓަލް މަޝްރޫއު ކުރިއަށް ނުގެންދަން ނިންމުން

ލ. ގަމުގައި މިއަދު އެމްޑީޕީއިން ބޭއްވި ކެމްޕޭން ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

"މިއީ ބަޖެޓު ހަމަޖެހި، ޕްލޭންކުރެވި، ރާވައި، ފަށާ ހިސާބުގައި އޮތް ކަމެއް. މިތަނުގައި މެންޓަލް ހޮސްޕިޓަލެއް އެޅުމުގެ ދަޅައެއް ދެއްކީ. ކޮބައިތޯ ފައިސާ؟ އެއަށްވުރެ މާ ރަނގަޅެއް ނޫންތޯ މިހާރު ހުރި ފައިސާ ބޭނުންކޮށްގެން މި ރަށުގައި ކެންސަރު ހޮސްޕިޓަލެއް އަޅައިގެން ހިދުމަތް ދޭން ފެށި ނަމަ،" ސޯލިހު ވިދާޅުވި އެވެ.

"ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި ވެސް ކުރަން ހުރި ހުރިހާ ކަމެއް އެ ހުރީ ކުރެވިފައި. ފައިސާ ވެސް ހަމަޖެހިފައި. ހަމައެކަނި މަސައްކަތް ފަށައިގަންނަ ހިސާބުގައި އެ އޮތީ."

މި ސަރުކާރުން ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރާ މަޝްރޫއަށް ވެސް ފާޑުވިދާޅުވަމުން ސޯލިހު ވިދާޅުވީ އެއީ ވެސް އިންތިހާބަށް ދައްކާ ދަޅައެއް ކަމަށެވެ.

"ދެން މިހާރު އެ ދައްކަނީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރާ ވާހަކަ. އެއާޕޯޓުގެ ކޮޅުގައި އެކްސްކަވޭޓަރެއް ބާއްވައިގެން ކުޑަ ފަސްކޮޅެއް އަޅައިގެން އިންޓަނޭޝަނަލް ކުރާ ވާހަކަ، ދަޅައެއް ދައްކާ އެބަ. އެއީ އެހެން ވާ ކަމެއް ނޫން. ޕްލޭންތަކެއް ކޮށްގެން، ރާވައިގެން ފައިސާ ހޯދައިގެން ނޫން ގޮތަކަށް އެކަމެއް ނުވާނެ،" ސޯލިހު ވިދާޅުވި އެވެ.

"މިއީ ހަމައެކަނި ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ، މި ގޮނޑިތައް ކާމިޔާބު ކުރުމަށްޓަކައި ދައްކާ ދަޅައެއް. އަޅުގަނޑަށް ހަމަ ޔަގީން މި އިންތިހާބު ނިމުމާ އެކީގައި، އެކަމެއް އެގޮތަކަށް ނުކުރެވޭނެ."

ލ. ގަމުގައި މިއަދު އެމްޑީޕީއިން ބޭއްވި ކެމްޕޭން ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

'ވެރިކަމަށް 5 މަސް؛ ތަރައްގީއަށް ފެށީ ކޮން މަޝްރޫއެއް؟'

ސޯލިހު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކަކީ ދޮގާއި އޮޅުވާލުންކަން ރައްޔިތުންނަށް މިހާރު އިހުސާސް ކުރެވެން ފަށައިފި ކަމަށެވެ.

"[ވެރިކަމަށް] ފަސް މަސް ވަމުންދާއިރުގައި ކޮބައިތޯ ފެށި މަޝްރޫއެއް ތަރައްގީއަށްޓަކައި؟ އަޅުގަނޑުމެން ތަރައްގީއަށް ފަށާފައި އޮތް 1،700 މަޝްރޫއެއް އެކީގައި ހުއްޓާލައިގެން އެ ތިބީ،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ އެކި ރަށްރަށުގެ ތަރައްގީއަށް ފެށި އެ މަޝްރޫއުތަކަކީ މިއަހަރަށް ފާސްކޮށްފައި އޮތް ބަޖެޓުގައި ފައިސާ ވެސް ކަނޑައަޅާފައި ހުރި މަޝްރޫއުތައް ކަމަށެވެ.

"އެހެން ނަމަވެސް ހުއްޓާލާފައި ހަމައެކަނި ކުރައްވާ ކަމަކީ ސިޔާސީ މަގާމުތަކަށް މީހުން އިތުރުކުރުން، އެ މީހުންނަށް މުސާރަ ދިނުން. އެ ނޫން އެއްވެސް ކަމެއް ނުކުރައްވާ،" ސޯލިހު ވިދާޅުވި އެވެ.

"އެއް ގޮތަކީ ބަޖެޓު މެނޭޖުކުރަން ނޭނގެނީ އެ ބޭފުޅުންނަށް. ނޫނިއްޔާ ގަސްތުގައި އަޅުވެތިކަމެއްގެ ތެރެއަށް ރައްޔިތުން ގެންދަން މަސައްކަތް ކުރަނީ. އެ ބިރުވެރިކަން އެ ދައްކަނީ."

ސަރުކާރުން ބިރުދައްކަން އުޅުނު ނަމަވެސް ސޯލިހު ވިދާޅުވީ ރައްޔިތުން އެކަން ގަބޫލު ނުކުރާނެ ކަމަށެވެ.

ސޯލިހުގެ ވާހަކަފުޅު ނިންމަވާލައްވަމުން ލ. ގަމުގެ ރައްޔިތުންގެ ފަރާތުން އެދިވަޑައިގަތީ އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބެކޭ ވެސް އެއްފަދައިން ކުރިއަށް އޮތް އިންތިހާބުގައި ވެސް އެމްޑީޕީއަށް ތާއީދު ކުރުމަށެވެ.

"ވެރިކަމުގައި ތިއްބަސް، ވެރިކަމުގައި ނެތަސް، ރައްޔިތުން މަޖިލީހުގެ މެޖޯރީޓީ އަބަދުވެސް އޮންނަން ޖެހޭނީ އެމްޑީޕީއަށް. އެއީ ރައްޔިތުންނަށް ހިދުމަތް ކުރާ ބަޔަކަށް ވާތީ. އެހެންވީމަ މި ފަހަރު ވެސް އެގޮތަށް ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވާ،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް