އަމީނީމަގުގައި ހުންނަ ފުލުހުންގެ ސްޓޭޝަން ފޮޓޯ/އަބްދުﷲ އިޔާން

މަކަރާއި ހީލަތް

ބޮޑު ވެހިކަލް ސްކޭމެއްގެ ތަހުގީގު ފަށައި ލަނޑު ލިބުނު މީހުން ފުލުހުން ހޯދަނީ

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވެނީ، 'މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް' ނަމަކަށް ކިޔާ ތަނަކުން

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް މިއަދު ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ ސްކޭމުގައި އިތުރު ބަޔަކު ޖެހިފައިވޭތޯ ބެލުމަށް މިއަދު ފުލުހުން ކުރި އިއުލާންގައި ވާގޮތުން ވެހިކަލް ގެނެސްދޭނެކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވެނީ 'މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް' ނަމަކަށް ކިޔާ ތަނަކުންނެވެ. އެގޮތުން: 

  • އެ ކުންފުންޏަކީ މުހައްމަދު ޒާޖީ އިސްލާއީލް ނަމަކަށް ކިޔާ މީހެއްގެ ވިޔާފާރިއެއް

  • އޭނާ އަކީ މޯލްޑިވްސް ވޭވްގެ ނަމުގައި ރާއްޖޭގެ އަމިއްލަ ގަޑި ބްރޭންޑެއް ތައާރަފްކޮށް ހިންގާ މީހެއް

  • މި މައްސަލަ ފެންމަތިވެ އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިވާކަމަށްވޭ 

  • އެ ވެހިކަލް ސްކޭމްގައި ހިމެނޭ ފައިސާގެ އަދަދު އެތައް މިލިއަން ރުފިޔާއަކަށް އަރާ ކަމަށްވޭ

ބުނީ ކީކޭ؟ - ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ އެ މައްސަލާގައި މެގަޓްރޯން މޮޓޯސް އިން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށް މިއަދު ފުލުހުން ކުރި އިއުލާންގައި ވެއެވެ.

އެހެންކަމުން، އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް