މ. ރަބީއުވިލާގޭގައި އަލިފާން ރޯވެ އަނދަނީ

މާލޭގައި ފަޅަށް ހުރި ގެއެއްގައި ވަރަށް ބޮޑަށް ރޯވެއްޖެ

ލިބުނު ގެއްލުން ވަޒަން ކުރުމަށް ގެ ހުންނަ މަގު މިހާރު ވަނީ ބަންދުކޮށްފައި

ފަޅަށް ހުންނަތާ ގިނަ ދުވަސްވެފައިވާ މ. ރަބީއުވިލާގައި މިރޭ ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެ އެވެ.

ވީ ކިިހިނެއް؟ - އެމްއެންޑީއެފުން ބުނިގޮތުގައި، ކެނެރީ މަގުގައި ހުންނަ އެ ގޭގައި ރޯވީ، ގޭގެ ހަތަރު ވަނަ ބުރީގަ އެވެ. އެ ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް، ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން ގޭގައި ވަރަށް ބޮޑަށް ހުޅު ހިފި އެވެ.

އެ ތަނުން ބުނި ގޮތުގައި:

  • ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައި

  • އެކަމަކު ލިބުނު ގެއްލުން ވަޒަން ކޮށް، ރައްކާތެރިކަން ޔަގީންކުރެވެންދެން އެ މަގު ވަނީ ވަގުތީ ގޮތުން ބަންދުކުރެވިފައި

  • މަގުގައި ދަތުރު ނުކުރެވޭއިރު، އެ ސަރަހައްދުގައި ހުންނަ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުން މަގު ބޭނުމެއް ނުކުރެވޭނެ

އެނގިފައިވާ ގޮތުގައި އެ ގޭގައި މީހުން ދިރިނޫޅޭތާ މިހާރު ދެތިން ހަތަރު އަހަރު ވެއްޖެ އެވެ. އެކަމަކު މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އުޅޭނެ ތަނެއް ނެތް މީހުން އެތަނުގައި ނިދާ ހަދަ އެވެ.

އެކްސްގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނިގޮތުގައި ނުރައްކަލަށް ހުށަހެޅިދާނެ ފަދަ ގޮތަކަށް ހުރި މި ގޭގެ މައްސަލަ ވަނީ އެކި ފަހަރު މަތިން ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާފަ އެވެ.

"މިގޭގެ މައްސަލަ ސަމާލުކަމަށް ގެނައިތާ މިހާރު އެތައް އަހަރެއް ވެއްޖެ. އެކަމަކު މިހާތަނަށް އައިއިރު އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތް. މި ގެއަކީ ހިނގަހިނގާ ހުރި ޓައިމްބޮމެއް ކަހަލަ ތަނެއް،" އެކްސްގައި މީހަކު ލިޔުނެވެ.

މަޝްހޫރު މިއުޒީޝަން އަދި އެ ގެއަށް ނިސްބަތްވާ އީސާ އަބްދުﷲ ސޯޝަލް މީޑިއާގައި ބުނިގޮތުގައި ކަރަންޓާ ފެނާ ނެތް، ފަޅުގެއެއް ފަދަ މިތަނުގައި ގެދޮރު ނެތް މީހުން ނިދާ ހަދަ އެވެ.

"ވަރަށް ދެރަ. އުއްމީދު ކުރަނީ މީހުންނާއި އަވައްޓެރިންގެ މުދަލާތަކެތި ސަލާމަތްވުން،" އޭނާ ބުންޏެވެ.

މިހާދިސާ ހިނގިތަން ބައްލަވާލެއްވުމަށް، ރައީސް މުހައްމަދު މުއިއްޒު ވެސް ވަޑައިގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް