ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ނިންމާލުމާ އެކު، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން (ވ) ޖަމީލްއާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ޕީއެންއެފް

ރައީސަށް އަވަހާރަފުޅު ނުލެއްޕެވުނީ ކުރައްވަން އުޅުއްވި ކަންތައް ނާކާމިޔާބުވީމާ: ޖަމީލު

އޭނާ ވިދާޅުވި ގޮތުގައި ރޭގެ ޖަލްސާއަށް ހުރަސް އެޅީ، މުއިއްޒުގެ އިތުރުން އިހްސާނާއި ޝަފީއުގެ ރޭވުމެއްގެ ދަށުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިދިނުކުރެއްވުނު ކަމަށް އެ މަނިކުފާނު ވިދާޅުވި ވާހަކަފުޅަށް، ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރައްދު ދެއްވައިފި އެވެ. 

ވީ ކިހިނެއް؟- ޕީއެންއެފް އުފެއްދުމަށް ރޭ ގިޔާސުއްދީން ސްކޫލުގައި ބާއްވަން މަސައްކަތްކުރި ޖަލްސާއަށް ފުލުހުން ހުރަސް އަޅައި ބާރުގެ ބޭނުން ކުރި އެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތެއް ރޫޅާލުމަށްޓަކައި ފުލުހުން ރޭ އަމަލުކުރި ގޮތަށް އާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

ޖަލްސާއަށް ފުލުހުން ހުރަސް އެޅީ، ސަރުކާރުން، ވަކިން ހާއްސަކޮށް ރައީސް މުއިއްޒުގެ "އޯޑަރަށް" ކަމަށް ޕީއެންއެފްއިން ތުހުމަތު ކުރެ އެވެ. އެކަމަކު ފުލުހުން އެގޮތަށް އަމަލު ކުރީ ރައީސް އަންގަވައިގެން ނޫން ކަމަށާއި ޖަލްސާއަށް ހުރަސް އަޅަން ފުލުހުން ދިޔައީ އެމަނިކުފާނަށް އެނގުމަކާ ނުލައި ކަމަށް ވިދާޅުވި އެވެ. އަދި އެކަން ކޮށްފައިވަނީ ދެއްވާފައި އޮތް އިރުޝާދާ ވެސް ހިލާފަށް ކަމަށާއި އެކަމާ ހުރެ ރޭ އަވަހާރަފުޅު ވެސް ނުލެއްޕެވުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ހުރަސްއެޅުމަށް ފުލުހުން ރޭ ގިޔާސުއްދީން ސްކޫލު ބަންދުކޮށް، ޖަލްސާއަށް ވަންނަން ދިޔަ ބައެއް މީހުން ހުއްޓުވައި ދުރަށް ފޮނުވާލަނީ (ދައުރު ފޮޓޯ/މުހައްމަދު އަޒުމީ އަހުމަދު)

ޔާމީނާ އެކު ޕީއެންއެފް އުފެއްދުމަށް އުޅުއްވާ، އެ މަނިކުފާނުގެ ވަކީލު ޖަމީލު، މުއިއްޒުގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ވިދާޅުވީ:

  • އެންމެ ފުރަތަމަ ފުލުހުން ފޮނުއްވީ ހަވީރު ހަތަރެއް ޖެހި އިރު ކަމަށް. 

  • އަދި [ފުލުހުން] މުޅި ރޭ ރައްޔިތުންގެ ގައިގާ ތަޅައި އަނިޔާކޮށް ހިންގި އަމަލުތައް އެތައް ގަޑިއިރަކަށް ދެމިގެން ދިޔަ ކަމަށް

  • އަދި އެވަރުވާއިރު، ގައުމުގެ ރައީސަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށާއި ރައީސަށް އަވަހާރަފުޅު ނުލެއްޕެވުނީ އެ މަނިކުފާނު ކުރައްވަން އުޅުއްވި ކަންތައް ނާކާމިޔާބުވުމުން ކަމަށް

"ރައީސް ހުރިހާ ކަމެއް ރޭއްވެވީ... ރައީސް ސީދާ އެސްއޯ [ފުލުހުން] ފޮނުއްވީ،" ޖަމީލު ވިދާޅުވި އެވެ.

 އެއްވެފައިވާ މީހުންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި، ނަހަމަ ގޮތުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވެސް ވިދާޅުވި އެވެ. އަދި އެ މައްސަލަ ރިވިއު ކުރުމަށް ޕޮލިސް ކޮމިޝަނަރަށް އަންގަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ޖަމީލުގެ ވާހަކަ ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި އެހުރިހާ ކަމެއް ރޭއްވެވީ ރައީސާއި އިހްސާންގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއެވެ.

އެ މައްސަލާގައި މުއިއްޒާއި ސަރުކާރުގެ އިސް ބޭފުޅުންގެ ވާހަކަތަކަށް، ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވެސް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ "ބުހުތާން ދޮގުތައް" އެ ފަޅާއަރުއްވާލައްވަނީ އެވެ.

"ވަރަށް އަވަހަށް ތިޔަ ބޭފުޅުން ކަންކުރި ގޮތް އަކުރުން އަކުރަށް ތުނޑުން ތުނޑަށް މި ފަޅާ އަރުވާލަނީ. ޑިފެންސްއަށް ތައްޔާރުވޭ،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ޕޮލިސް ކޮމިޝަނަރުގެ ބޮލަށް ކަނޑާނުލައްވައި، މުއިއްޒު ނުވަތަ ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އެނގުން މުހިއްމު- މިއަދު އީދު ސަލާމް ކުރެއްވުމުގެ ތެރެއިން ބައެއް ނޫސްވެރިން ގެންދަވައި އެކަމާ ގުޅޭ ގޮތުން ދެންނެވި ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވި:

  • ރޭގެ ކަންތައް ހިނގައިދިޔަ ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް. އަދި އެސްއޯ ފުލުހުން ފޮނުވައިގެން އެފަދަ ކަންކަމަށް ހުރަސް ނާޅަން ފުލުހުންގެ އިސް ވެރިންނަށާއި ހޯމް މިނިސްޓަރަށް ވެސް މީގެ ކުރިން ދަންނަވާފައިވާނެ ކަމަށް

  • ރޭގައި ކަންކަން ހިނގައިދިޔައީ ވަރަށް ގޯސްކޮށް ކަމަށް. އެސްއޯ ފުލުހުން ފޮނުވަން ނުވާނެ ކަމަށް ވަރަށް 'ކްލިއާ އިންސްޓްރަކްޝަން' ދީފައިވާނެ ކަމަށް ވިދާޅުވި

"[އެސްއޯ ފުލުހުން] ފޮނުވަން ޖެހިއްޖިއްޔާ އަޅުގަނޑަށް އެނގޭނެ މި ގައުމުގައި އެ ހިސާބަށް ދިޔައިމާ. އަޅުގަނޑު ދަންނަވާނަމޭ އެފަދަ ކަމެއް ކުރަން ޖެހިއްޖިއްޔާ. އެއީ، ބައެއްގެ މުދަލަށް ގެއްލުންދީ، ތަނެއްގައި ރޯކޮށް، މީހުންނަށް އަނިޔާކޮށް، ޖިސްމާނީ އަނިޔާކޮށް މި ކަހަލަ ކަންތައްތައް ނޫނީ މުގައްދަސް ތަނެއް، މިސްކިތެއް ކަހަލަ ތަނަކަށް ގެއްލުން ދިނީމަ އެނގޭނެ އެންމެނަށް ވެސް. އެ ހިސާބަށް ނުދަންޏާ [އެސްއޯ ފުލުހުން ފޮނުވައިގެ ނުވާނެ] ނުވެސް ދާނެ އިރާދަކުރެއްވިއްޔާ،" ވަކި މީޑިއާތަކެއް ގެންގޮސްގެން މިއަދު ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ރ ރ ބ

11 އޭޕްރީލު 2024
ޱރ ޖަމީލު އަށް ވަނީ ތައުލީމް ލިބިގަތުގެ ނަސީބު ވަރައްގަނޅައް ލިބިފަ ނަވެސް އެއްވެސް ވަރަކަށް ހިލްމެއް ނުލިބުނު. ތިޔައީ ދުވަސްކޮޅަކަށް މިޤައުމުގެ ނާއިބު ރައީސް ކަންވެސް ކުރިމީހެއް އަދިހަމަ އިއްޒައްތެރި ގިނަވަޒީފާތަކެއް އަދާކުރި ނަމަވެސް މޮށުންތެރިކަމުގަ ނެއް ެއްވެސް އިހުތިރާމެއް އަނެކުންނަށް. އުޅުން ތިޔަހެރީ މަގުމަތީ ކުދިންނާ އެއްލެވެލެއްގަ.
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް