ކިނޮޅަހު ބީޗުގައި އަލަށް ހެދި މިސްކިތް: މިތަނުގައި 30 މީހުންނަށް ނަމާދު ކުރެވޭނެ

ރ. ކިނޮޅަސް

ކިނޮޅަސް ބީޗު ފައްކާ މިކުރީ ރީތި މިސްކިތަކާ އެކުގައި

މިއީ ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން، އަތިރިމަތީގައި ރީތި މިސްކިތެއް އެޅި ފުރަތަމަ ފަހަރު

ވަރަށް ފަހަކާ ޖެހެންދެން، ރ. ކިނޮޅަހުގެ މީހުން ޕިކްނިކް ހަދާލައި މަޖާކޮށްލަން ގޮސް އުޅެނީ، ކައިރީގައި އޮންނަ ފަޅުރަށްތަކަށެވެ. އެކަމަކު ސަރުކާރުން އެ ރަށްތައް ރިސޯޓް ހެދުމަށް ވިއްކާލައި ނުވަތަ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމުން، ދަތުރު ދިޔުމަށް ރީތި ރަށެއް ނެތުމަކީ އެ ރަށުގެ މީހުންގެ ބޮޑު ކަންބޮޑުވުމަކަށްވި އެވެ.

އެކަމުގެ ހައްލަކަށް، ކިނޮޅަހުގެ ކައުންސިލަށް ފެނުނީ އާއްމުން ދަތުރު ގޮސް ހެދުމަށް އެ ރަށުގެ އަތިރިމަތިން ވަކި ސަރަހައްދެއް ހާއްސަކުރުމެވެ. ރީތި ހިމުން ދޮންވެލިގަނޑެއް އޮންނަ އެ ރަށުގެ ތުނޑީގައި ޖޯއްޔާއި އުނދޯލި ޖަހައި، ކައްކައި ކެވޭ ގޮތް ހެދި އެވެ. މިހާރު އަލުން އެތަން ތަރައްގީކޮށްފައި އޮންނަނީ، އެހެން ރަށްރަށާ ހިލާފަށް ގިނަ ހިދުމަތްތަކަކާ އެކުގަ އެވެ.

"އަޅުގަނޑުމެން މިތަން ހެދީ ރީތި މިސްކިތަކާ ވެސް އެކުގައި. އެއްފަހަރާ 30 ވަރަކަށް މީހުންނަށް ނަމާދަށް އެރޭއިރު އަންހެނުން ނަމާދު ކުރުމަށް ވެސް ވަކި ބައެއް ހުންނާނީ ހާއްސަކޮށްފައި،" ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސެން ވިދާޅުވި އެވެ.

ކިނޮޅަހު ބީޗުގައި ހުންނަ މިސްކިތުގައި ބަޔަކު ނަމާދު ކުރަނީ

މީހުން ހިތްހަމަ ޖައްސާލުމަށް، އުނދޯއްޔާއި ހަޓުތަކާ އެކު ރަށްރަށުގައި ބީޗުތައް ތަރައްގީކޮށްފައި ހުރި ނަމަވެސް، ފެންވަރު ރަނގަޅު މިސްކިތަކާ އެކު ހިދުމަތް ދޭން ފެށި މިއީ ފުރަތަމަ ފަހަރެވެ.

ކިނޮޅަހުގެ ހިތްގައިމު އެ ސަރަހައްދުގައި ކައުންސިލުން މި ފަހުން ވަނީ ފާހާނާ ބަރިއަކާއި ގުދަނެއް ވެސް ހަދާފަ އެވެ. އަދި އެއް ފަހަރާ ގިނަ ބަޔަކަށް ކެވޭ ގޮތަށް މޭޒު ޖަހާފައި ހުރި އިރު ވަށައިގެން ޖޯލި ޖަހައި އަދި ކުޑަކުދިން ކުޅޭނެ ތަނެއް ވެސް ހަދާފައި ހުރެ އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ އެ ދުވަހު އަނބުރާ އަވަށަށް ދާން ނުޖެހޭ ވަރަށް ތަނުގެ ހިދުމަތްތައް ރަނގަޅުކޮށްލުން،" އަހުމަދު ވިދާޅުވި އެވެ.

ކައުންސިލުން ތިން ލައްކަ ރުފިޔާ ހަރަދުކޮށްގެން ހެދި މި ބީޗުވީ، ހީކުރި ވަރަށް ވުރެ މާ ޑިމާންޑު ބޮޑުތަނަކަށެވެ. ކިނޮޅަހުގެ މީހުންގެ އިތުރުން، ކައިރި ރަށްރަށުން ވެސް މިތަނަށް މީހުން ދަތުރު ދެ އެވެ. ސްކޫލު ދަރިވަރުންގެ ހަރަކާތްތަކަށާއި ކައިރި ރިސޯޓުތަކުގެ މުވައްޒަފުންގެ ޕާޓީތައް މިތަނުގައި ބާއްވަ އެވެ. ކިނޮޅަހުގެ މި ބީޗު މިހާރު މަޝްހޫރުވެފައި އޮންނަނީ ޕްރައިވެޓް ހަފްލާތަކަށް ވެސް ހާއްސަ ތަނެއްގެ ގޮތުގަ އެވެ.

ކައުންސިލުން ތަރައްގީކޮށްފައިވާ ކިނޮޅަހު ބީޗު ސަރަހައްދު

އެތަން ޒީނަތްތެރިކޮށްފައި ހުންނަ ގޮތުން، ކައިވެނި ހަފުލާއަށް ފަހު ފޮޓޯ ނަގާ ތަނެއްގެ ގޮތުގައި ވެސް ބައެއް މީހުން ބޭނުން ކުރެ އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދިނިން ވަރަށް ބޮޑު ޕްރައިވަސީއެއް މިތަނަށް ދިނުމަށް. މި ސަރަހައްދު ބޭނުންކުރެވޭނީ ފަހަރަކު ބަޔަކަށް،" އަހުމަދު ވިދާޅުވި އެވެ.

ކިނޮޅަހުގެ މި ރީތި ބީޗު އެ ރަށުގެ މީހުންނަށް ކުއްޔަށް ދޫކުރަނީ 200 ރުފިޔާ އަށެވެ. ރަށުން ބޭރު މީހުންނަށް 1،000 ރުފިޔާއަށް ދޫކުރާއިރު ރިސޯޓުތަކަށް ކުއްޔަށް ދޫކުރަނީ 3،000 ރުފިޔާއަށެވެ.

ކައުންސިލުން ތަރައްގީކޮށްފައިވާ ކިނޮޅަހު ބީޗު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން

ކައުންސިލުން ބުނިގޮތުގައި އެތަން ކުއްޔަށް ދޫކުރަން ނިންމީ، ދެމެހެއްޓެނިވި ގޮތުގައި އެތަން ބެލެހެއްޓުމުގެ ގޮތުންނެވެ. އަގެއް ނެގި ނަމަވެސް، ތަނުގެ ހިތްގައިމުކަމާއި ހިދުމަތްތައް ރަނގަޅުވުމުގެ ސަބަބުން ކިނޮޅަހުގެ އެ ބީޗުވެފައި އޮންނަނީ ވަރަށް ކުރިއާލާ އުޅެގެން ނޫނީ ނުލިބޭނެ ތަނަކަށްވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް