ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޑިމޮކްރެޓްސްގެ މަޖިލިސް ކެމްޕޭނަށް ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ

ކުރީގެ ރައީސް ސިޔާސީ ކެމްޕޭނަކަށް މި ވަޑައިގަންނަވަނީ ދުވަސްކޮޅަކަށް ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގެންނެވި ކަމަށް އިއުލާންކުރައްވާފައި އޮއްވާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ދަ ޑިމޮކްރެޓްސްގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މާފަންނު މެދު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ޑިމޮކްރެޓްސްގެ ކުރިއަށް އޮތް ކެމްޕޭން ބައްދަލުވުންތަކުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަދައްކަވަމުން އިބްރާހިމް ރަޝީދު މިރޭ ވިދާޅުވީ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަން ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 19ގައި ކަމަށެވެ. ދެން އެނބުރި ވަޑައިގަންނަވާނީ އިންތިހާބު ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުން ޑިމޮކްރެޓްސްގެ ކުރިއަށް އޮތް ތިން ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ:

  • 19ވަނަ ދުވަހުގެ ހަވީރު ވިލިމާލޭގައި ބާއްވާ ޖަލްސާ

  • ހަމަ އެރޭ މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާ އިއުލާންކުރާ ޖަލްސާ

  • 20 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ބާއްވާ ކެމްޕޭން ޖަލްސާ

އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ، މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ނަޝީދު ވަގުތީ ގޮތުން ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންނެވިކަން އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރުމަހު އެވެ.

އޭގެ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ލިބިވަޑައިގަތުމެވެ. އެ މަގާމު އަދާކުރައްވަން ނަޝީދު މިހާރު ދިރިއުޅުއްވަނީ ގާނާގަ އެވެ.

ކޮމެންޓް (1)

އަސްތާ

9 އޭޕްރީލު 2024
މަބުނީ ކްލައިމެޓް މައްސަލަ ހައްލުވީތޯ؟ ހާދަ އެފިޝަންޓޭ ދޯ. ލޮލް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް