ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުން ކެބިނެޓުގެ ބައްދަލުވުމެއްގައި (ފޮޓޯ/ރައީސް އޮފީސް)

ކުޑަކުދިން ކުށްކުރުމުގެ މައްސަލަތައް ހައްލުކުރަން ވަޒީރުންގެ ޓާސްކްފޯސްއެއް

ވަޒީރުންގެ މައްޗަށް އެކުލެވޭ މި ޓާސްކްފޯސް އިން މައްސަލަ ހައްލުކުރަން ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ

ރޭ އއ. ރަސްދޫގައި ކުޑަކުއްޖަކަށް ގަނާކޮށް އަނިޔާކުރާ ވީޑިއޯއެއް ފެންމަތިވި މައްސަލައާ ގުޅިގެން މުޖުތަމައުގެ ތެރޭގައި ކުޑަކުދިންގެ ތެރޭގައި ގަނާ ކުރުމާއި އަނިޔާ ކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ރައީސް މުހައްމަދު މުއިއްޒު ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ރޭ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯގައި ފެންނަނީ ކުޑަކުދިންތަކެއް އެމީހުންނަށް ވުރެ އުމުރުން ހަގު ކުއްޖަކަށް ގަނާކޮށް އަނިޔާކުރާ މަންޒަރެވެ. އެކަމާ ގުޅިގެން ކުޑަކުދިން ކުރާ މިފަދަ ކުށްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ. 

ބުނީ ކީކޭ؟ - މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ވަޒީރުންގެ ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލާފައިވާކަން އިއުލާނުކުރެއްވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެވެ.

"ރޭގައި މި ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަންކަން ބަލައި މިކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ސަރުކާރުގެ ވަޒީރުން އެކުލެވޭ ޓާސްކްފޯސްއެއް އެކުލަވާލާފައި،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓާސްކްފޯސްގެ ބެލުމުގެ ދަށުން މަސައްކަތްތައް ކުރިއަށް ދާއިރު ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް - ގާނޫނުއަސާސީގެ ދަށުން ދައުލަތުން ކުޑަކުދިންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ:

  • އެކަން ކޮށްދިނުމުގެ ގޮތުން ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނެއް ވަނީ މިދިޔަ ސަރުކާރުގައި އެކުލަވާލާފައި

  • ނަމަވެސް އެ ގާނޫނުގެ ދަށުން ދައުލަތުން ހަދަންޖެހޭ ރިހެބިލިޓޭޝަން ސެންޓަރުތައް ހެދިފައެއް ނުވޭ އަދި ކުރަންޖެހޭ އިތުރު ގިނަ ކަންތައްތައް ވެސް ވަނީ ނުކުރެވި

  • ސަރުކާރުން މިދިޔަ ހަތަރު މަހުގެ ތެރޭ ގާނޫނު މުރާޖައާކޮށް ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ވަނީ ފަށާފައި އަދި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ

ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ފަހު އެކުދިން ހަމަ މަގަށް އަޅުވާ އަލުން މުޖުތަމައުއަށް ނެރުމަށް ޓަކައި ކުރީ ސަރުކާރުން ދ. ކުޑަހުވަދޫގައި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރި އެވެ. ނަމަވެސް ވެރިކަން ބަދަލުވި އިރު ވެސް އެ ސެންޓަރުން ހިދުމަތް ދޭން ފަށާފައެއް ނުވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމްކުރަން ޖެހޭ ރިހެބިލިޓޭޝަން ސެންޓަރުތައް މިހާތަނަށް ގާއިމްކުރެވިފައި ނުވުމުގެ ކަންބޮޑުވުން ހޯމްލޭންޑް ސެކިއުރިޓީ މިިނިސްޓަރު އަލީ އިހުސާން ވެސް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ކުޑަހުވަދޫގައި މިދިޔަ ސަރުކާރުން އެޅި ސެންޓަރުގެ އިންސްޕެކްޝަން އެއް މި ސަރުކާރުން ހެދި؛ އެތަން ހުރީ ހިދުމަތް ދެވޭ ހާލަތުގައެއް ނޫން

  • އެތަން ރަނގަޅުކުރުމަށް މިހާރު ވަނީ ކޮންޓްރެކްޓަރާ ހަވާލުކުރެވިފައި

އެހެންކަމުން އިހުސާން ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވަނީ ހއ. ހޯރަފުށީގައި ހުރި ސެންޓަރުގައި ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށަން ކަމަށެވެ. 

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ފެށޭ ހަފްތާގައި އެތަން ހުޅުވާނަން. ހުޅުވާފައި މިހާރު އެޓް-ރިސްކުގައި ތިބި އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ޕްރައޮރިޓީއަށް ލެވޭ އެތަނުގެ މެކްސިމަމް ކެޕޭސިޓީއަށް ނެގޭނެ ކުދިން އަޅުގަނޑުމެން އެތަނަށް ނަގައިގެން އަޅުގަނޑުމެން ރިހެބިލިޓޭޝަން ފަށާނަން." އިހުސާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • މިހާރު ވެސް ރާއްޖޭގައި ފަރުވާ ދޭން ޖެހޭ 200 އެއްހާ ކުދިން ތިބި ކަމަށް ރެކޯޑު ކުރެވިފައިވޭ

  • އެކުދިންނަށް ފަރުވާ ދެވޭނެ ފެންވަރަށް ގާނޫނުން ލާޒިމްކުރާ ފެސިލިޓީތަކާއި ސެންޓަރުތައް ގާއިމްކޮށް ހިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރަމުން

  • ދިގު މުއްދަތަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިގެން  މުޖުތަމައުއާ ވަކިން ރީހެބިލިޓޭޓް ކުރަން ޖެހޭ ކުދިން ވެސް އެބަތިބި؛ އޭގެ ތެރޭގައި ތަކުރާރުކޮށް ކުށުގެ ވެށިން ފެންނަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ކުދިން ހިމެނޭ

  • ސަރުކާރުގެ ވިސްނުން ހުރީ އެފަދަ ކުދިން ރިހެބިލިޓޭޓް ކުރުމަށްޓަކައި ވަކި ރަށެއްގައި އެކަމަށް ހާއްސަ ލޯންގް-ޓާމް ކެއާ ފެސިލިޓީއެއް ގާއިމްކުރަން 

  • އެފަދަ ފެސިލިޓީތަކަށް ގެންދެވޭ ކުދިން 18 އަހަރު ވަންދެން ބަލާނީ ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން؛ އެކުދިން ލައްވާ ދީނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުވާ އެކުދިންނަށް ތައުލީމުދީ އަހުލާގީ ގޮތުން ފަރުވާދީ ހުނަރު ތަރައްގީކުރާނެ

"އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ދޭނެ ޔަގީންކަމަކީ މިކަމަށް ޖުމްލަ ހައްލެއް މި ސަރުކާރުގެ ތެރޭގައި ގެނެސްދޭނަމޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

7 އޭޕްރީލު 2024
އިދާރާތަކާއި ވުޒާރާތައް މަދީތޯ؟ ބޭނުންވަނީ ޓާސްކް ފޯހެއް ނޫން! އިޚްލާސްތެރި ނިޔަތަކާއެކު ކަންކުރަންކެރޭ ވިސްނުމެއް! ޒުވާނުން މަގުމަތީގައި ވަޅިހިފައިންގެ ދުވެ ހަކުރުވިއްކާ ކަމަށްވާނަމަ، ކުޑަކުދިން ގޭގައި ބަސްއަހައިގެން ތިބޭނެކަމަށް ބަލައިގެން ނުވާނެ! ފުރަތަމަ ހުއްޓުވަންވީ އެކަން!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް