މާލެ ލޯކަލް މާރުކޭޓުގައި ކުރުނބާ ގަންނަ ގޮސް ހުރި މީހަކު ގޮޅިއެއް ކައިރީ މަޑުކޮށްލައިގެން (ދައުރު ފޮޓޯ)

ބާޒާރުގައި ކުރުނބާ "ރަނަށް"ވެ، ފެން ފުޅިއެއް 200ރ.އަށް

ވަކިވަކިން ކުރުނބާގެ އަގު މިހާރު ހުރީ 60ރ. އިން މަތީގައި. ބައެއް ގޮޅިތަކުން ކުރުނބާ ވަނީ އެއްކޮށް ހުސްވެފައި

ރޯދަ މަސް ފެށި އިރު މާލޭ ލޯކަލް މާރުކޭޓުން ކުރުނބައެއް 30ރ.އަށް ލިބުނެވެ. އަދި ކުރުނބާ ފެނުން ފުރާލާފައި ހުންނަ 1.5 އެމްއެލްގެ ފުޅިއެއްގެ އަގު އުޅުނީ ގާތްގަނޑަކަށް 100ރ. ގައެވެ.

ނަމަވެސް ރޯދަ މަހުގެ ފަހުކޮޅަށް އެޅުމާ އެކު އަގުތައް ދެގުނަ ވެއްޖެ އެވެ. މާރުކޭޓްގެ ބައެއް ގޮޅިތަކުން ކުރުނބާ އެއްކޮށް ހުސް ވެސް ވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން މިހާރު މާރުކޭޓުގައި ނިސްބަތުން އެންމެ އަގުބޮޑު އެއް ބާވަތަކީ ކުރުނބަ އެވެ.

އިއްޔެ ހަވީރު މާރުކޭޓަށް ދިޔައިރު ބައެއް ގޮޅިތަކުން ކުރުނބާ ވިއްކަމުން އައީ 60ރ. އަށެވެ. ކުރުނބާ ފެން ފުޅިއެއްގެ އަގު 200ރ.އިން މައްޗަށް ދިޔަ އެވެ.

"ކޮއްކޯ މިހާރު މިއީ ރަން،" ގޮޅީގައި ހުރި މީހެއް ކައިރީ އަގު އަހާލުމުން، ކުރުނބާ ގަންނަން ގޮސް ހުރި މީހަކު ބުނެލި އެވެ.

ލޯކަލް މާރުކޭޓުގައި 1.5 އެމްއެލްގެ ފުޅިއަކަށް ކުރުނބާ ފެން އަޅަނީ: އޭގެ ފުޅިއެއްގެ އަގު މިހާރު ވަނީ 200ރ. އަށް އަރާފައި (ދައުރު ފޮޓޯ)
ފުޅިއަކަށް ކުރުނބާ ފެން އަޅަނީ (ދައުރު ފޮޓޯ)

އެންމެ ކުޑަ ކުރުނބައެއް 60ރ. އިން ފެށިގެން ގޮސް ބައެއް ކުރުނބަލުގެ އަގު 80ރ.އަށް ވެސް އަރަ އެވެ. އެހެންވެ އޭނާ އެހެން ބުނެލުމުން ހައިރާނެއް ނުވި އެވެ.

"މިހާރު ހަމަ ނުލިބެނީ. ރަށްރަށުން ވަރަށް މަދު ކުރުނބާ މިކޮޅަށް އަންނަލެއް،" އެހާ އަގުބޮޑީ ކީއްވެގެންތޯ އަހާލަމުން ގޮޅީގައި އިން ވިޔަފާރިވެރިޔާ ބުނެލި އެވެ.

އޭނާ ބުނި ގޮތުގައި ރަށްރަށުގައި ކުރުނބާ އެބަ ހުޓެވެ. އެކަމަކު ރުކަށް އަރައިގެން އެކަން ކުރާނެ ބަޔަކު ނެތީ އެވެ.

"ހުސް ބިދޭސީން މިހާރު އުޅެނީ. އޭގެން މީހަކު މިފަދަ ކަމެއް ކުރިޔަސް ކުރަނީ. އެމީހުންގެ ކޮންޓްރޯލް އޮންނަނީ. ކީއްކުރާނީ،" އޭނާ އިތުރަށް ބުންޏެވެ.

މާލެ ލޯކަލް މާރުކޭޓުގައި ކުރުނބާ ވިއްކަމުން ދިޔަ ގޮޅިއެއް: މިހާރު އެ ގޮޅިން ކުރުނބާ ވަނީ ހުސްވެފައި (ދައުރު ފޮޓޯ)
މާލެ ލޯކަލް މާރުކޭޓުގައި މީގެ ކުރިން ކުރުނބާ ވިއްކަމުން ދިޔަ ގޮޅީއެއް ބަންދުކޮށްފައި (ދައުރު ފޮޓޯ)
ބާޒާރުގެ ގޮޅިއެއްގައި ކުރުނބާ ހަދަނީ: މީގެ ކުރުނބައެއްގެ އަގު އުޅެނީ 60ރ. ގައި (ދައުރު ފޮޓޯ)

ކުރުނބާ ހުސްވެފައިވާ ގޮޅިއެއްގައި އިން މީހަކު ބުނި ގޮތުގައި ކުރުނބާ ނުލިބޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެންމެ ފަހުން ހުރި ކުރުނބާތައް ދެ ދުވަސް ކުރިން ހުސްވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިއްޔެ މެންދުރުފަހު މާރުކޭޓަށް ދިޔަ މީހަކު ބުނި ގޮތުގައި ކިއު ހަދާލައިގެން ވެސް ބައެއް މީހުން ކުރުނބާ ފެން ފުޅި ގަންނަން ތިއްބެވެ.

ކޮމެންޓް (2)

ޝުއައިބު ށާހު

6 އޭޕްރީލު 2024
ހުރިހާ ބަންގާޅީން ބޯޓަކަށް ލާފަ ފޮނުވާލާނެ ވެރިއެއް ބޭނުންވަނީ.
0 0

ޢިންމަ

6 އޭޕްރީލު 2024
އަވަށްޓެރި ގައުމު ތަކުގަ އެބަހުރި 10 rufiyaa އަށް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް