އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވަނީ ސަރުކާރު ވެރިންގެ ހަނދާން ބަލީ ކަމަށް

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ދޮންކުރަމުން އަންނަ އިރު ސަރުކާރު ފަޅިން ދައްކަނީ މިދިއަ ފަސް އަހަރު މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮވެގެން އެމްޑީޕީއަށް ކަމެއް ނުކޮށްދެވުނު ވާހަކަ
4 އޭޕްރީލު 2024

އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގައި ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮވެމެ، ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނުކުރާކަމަށް، ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް ވެރިން ދައްކަވާ ވާހަކަފުޅުތަކަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުމާ އެކުހެން 2019ގައި އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބުކުރި އެވެ. އެ ވެރިކަން މިދިއަ 17 ނޮވެމްބަރުގައި ނިމުނު އިރު ވެސް އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބިފައިވެ އެވެ. އެކަމަކު އެ އަގުލިބައްޔަތުގެ ފައިދާ ގައުމަށާއި ރައްޔިތުންނަށް ނުކުރާ ކަމަށް ވިދާޅުވެ، މިހާރުގެ ސަރުކާރުގެ ވެރިން ތަކުރާރުކޮށް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.

ތަފުސީލް - ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ހާއްސަ ކަވަރޭޖްގައި 'ދައުރު'އާ ވާހަކަ ދައްކަވަމުން ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދަށް އެ ސުވާލު ދެންނެވުމުން ފުރަތަމަ ވިދާޅުވީ 'ރައީސް ޑރ. މުއިއްޒުގެ ހަނދަމަފުޅު ބަލީ' ކަމަށެވެ.

ސުޕަ މެޖޯރިޓީ އޮވެގެން ކުރީ ސަރުކާރަށް ކޮށްދެވުނު އެންމެ ބޮޑު ކަމަކީ، ޝާހިދު ވިދާޅުވި ގޮތުގައި، ކޮވިޑް-19ގެ އެ ބޮޑު ބަންދާއި އިގުތިސާދީ ވެއްޓުމުން ގައުމު ސަލާމަތްކޮށްދިނުމެވެ.

ކޮވިޑް-19ގެ ދުވަސްވަރު ޝާހިދު ހުންނެވީ ފޮރިން މިނިސްޓަރަކަށް. އޭރު މަޖިިލިހާއި ސަރުކާރު ގުޅިގެން ކުރި ކަންކަން ކުރުކޮށް އަނެއްކާވެސް ކިޔައިދެއްވީ ސަރުކާރުގެ ފާޑުކިއުންތަކާ ގުޅިގެން (ދައުރު ފޮޓޯ)

ކޮވިޑް-19އާ އެކު ރާއްޖެ ބަދަލުވީ 'މިޑްލް އިންކަމް ގައުމަކުން ނޯ އިންކަމް ގައުމަކަށް' ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުމާ އެކު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އެއްވެސް މީހަކަށް ކާން ނުލިބި ތިބެން ނުޖެހުނު ކަމަށް ވިދާޅުވި އެވެ.

"އެ ދުވަހު ވެސް ގޭގޭގެ މޭޒުމަތީގައި ކާން އިށީންނަ އިރު ތަރުކާރީ އާއި މޭވާއަށް ދަންދެން އަޅުގަނޑުމެން ބަހައްޓައިދިނިން،" ރާއްޖެއަށް މުދާ އެތެރެކުރުން ވެސް ދައްޗެއް ނެތި ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

"ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓް ދެވުނު. ކުދި ވިޔަފާރިތައް އަޅުގަނޑުމެން މެނޭޖްކޮށްދިނިން. ބޭނުންވާ ލޯނުތައް ދިނިން. އަޅުގަނޑުމެން ސްކޫލްތަކުގެ ކުދިންނަށް އެކި ގޮތްގޮތުން ކިޔެވޭނެ ގޮތް ހޯދައިދިނިން. އަސާސީ ބޭސް ބޭނުންވާ މީހުންނަށް ހިތަށް، ކިޑްނީއަށް ނުވަތަ އެ ނޫން ވެސް ދިގު މުއްދަތަށް ބޭސް ބޭނުންވާ އެންމެންނަށް، އަޅުގަނޑުމެން އެ ބޭސްތައް [ބޭރުން] ގެނެސް އެ ގޭގެއަށް ރައްދުކޮށްދިނިން."

15 އެޕްރީލް 2020ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރުކުރައްވަނީ: މިއީ ކޮވިޑް-19ގެ ފުރަތަމަ ކޭސްއާ އެކު ރާއްޖެ ލޮކްޑައުންއަކަށް ދިޔަކަން އިއުލާންކުރެއްވި ވާހަކަފުޅު (ފޮޓޯ: ރައީސް އޮފީސް)

ޝާހިދު ވިދާޅުވި ގޮތުގައި ވަޒީފާ ގެއްލޭ ބަޔަކަށް ވަޒީފާ ގެއްލުނީ ކަމަށް ނިންމައި، ކާންބޯން ނުލިބޭ ބަޔަކަށް ކާންބޯން ނުލިބުނީ ކަމަށް ބަލާފައި، އެ ހާލަތައިގެން ސަރުކާރު ކުރިއަށް ދާން ވެސް ބައެއް މީހުން ލަފާދިނެވެ.

"އެކަމަކު ދައުލަތެއްގެ ބޭނުމަކީ ކޮބައިތޯ؟ ދައުލަތެއްގެ ބޭނުމަކީ އެ ދައުލަތެއްގެ ބެލުމުގެ ދަށުގައި ތިބޭ ރައްޔިތަކު ނިކަމެތިވާ ހިނދު އެ ރައްޔިތުންގެ އަތުގައި ހިފަން އެނގުން. އެއީ އަޅުގަނޑުމެން [މަޖިލިހުގެ މެޖޯރިޓީއާ އެކު] ކުރި ކަމަކީ،" ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް