ރޭ ހިޔާ ސަރަހައްދަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިގަތުމުން ބައެއް ސަޕޯޓަރުން ފޮޓޯ ނަގަނީ

ވައުދުތައް ފުއްދަން 200 އަށް ވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭ: ރައީސް

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ބޭނުންވާ ކަންތައް ފުރިހަމަކޮށްދެވޭނީ، އެކަންކަން ކުރަން ބޭނުންވާ ގާނޫނުތައް ހަދަން ސަރުކާރުގެ ބަޔަކު މަޖިލީހަށް ހޮވައިގެން ކަމަށް

ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަން 200 އަށް ވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިއްމު ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންނާ ބައްދަލު ކުރުމަށް ރޭ ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 'ދިވެހިންގެ ރާއްޖެ' އަށް ދިޔުމަށް ދިވެހިން ކުރާ ފޮނި އުއްމީދުގައި ހަގީގީ ކުލަ ޖެއްސުމަށް ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

ބުނީ ކީކޭ؟ - "އޭރުން އަޅުގަނޑު ވީ ވައުދުތައް، އަޅުގަނޑުގެ މެނިފެސްޓޯގައި ހިމަނާ، ރައްޔިތުން އިތުބާރުކުރި ވައުދުތައް ފުއްދުމުގައި ކުރިއެރުން ލިބޭނީ، ނަތީޖާ ނެރެވޭނީ،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ލިޔެވިފައި ހުންނާނެ ކަމަށާއި، އެއްވެސް އެއްޗެއް ފޮރުވާފައި ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ވައުދުތައް ފުއްދުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު. މި ފަސް އަހަރަށް، ކުރިއަށް އޮތް ފަސް އަހަރަށް މި ވައުދުތައް ފުއްދުމަށްޓަކައި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފާސްކުރަން ޖެހޭ 200އަށް ވުރެ ގިނަ ގާނޫނު އެބަ އޮތް. އެއީ [ގާނޫނުތަކަށް ގެންނަން ޖެހޭ] އިސްލާހުތަކާ އެކީ،"

ރައީސް ވިދާޅުވީ މި ދައުރު ތެރޭ ވެސް މުހިއްމު ބިލުތަކެއް މަޖިލީހަށް ހުށަހަޅަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި

  • ބިމާ ބެހޭ އާ ބިލެއް

  • ބޯހިޔާވަހިކަމާ ބެހޭ ހާއްސަ ބިލެއް

  • ރިއަލް އެސްޓޭޓާ ބެހޭ ބިލެއް

  • ތޮއްޖެހިފައިވާ އެހެން ސިޓީތަކުގައި ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތް ހެދުމަށް ހަދާފައިވާ ފަދަ ގާނޫނުތައް ހެދުމަށް ބޭނުންވާ ބިލުތައް

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވާ ކަންތައް ފުރިހަމަކޮށްދެވޭނީ، އެކަންކަން ކުރަން ބޭނުންވާ ގާނޫނުތައް ހަދަން ސަރުކާރުގެ ވިސްނުމުގައި ތިބި ބަޔަކު މަޖިލީހަށް ހޮވައިގެން ކަމަށެވެެ.

"މަޖިލީސް މި ބޭނުންވަނީ މި ގައުމީ ވިސްނުމުގައި ދިވެހިންގެ ރާއްޖެ ހަގީގަތަކަށް ހެދުމަށް،" ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް