އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ބައްސާމް އާދަމް (ކ) އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ފާތިމަތު ތައުފީގު.

ބައްސާމް ވިދާޅުވީ ސަސްޕެންޑް ނުކުރެޔޭ؛ އެމްއެމްޕީއާރުސީގެ ބަހެއް ނެތް

ބައްސާމް ވިދާޅުވަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ރައްދުވާ ފަދަ ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން އޮތް ކަމަށް

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ރައްދުވާ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ބައްސާމް އާދަމް ސަސްޕެންޑު ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކުރައްވައިފި އެވެ.

އެކަން ޔަގީންކުރަން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އެމްއެމްޕީއާރުސީގެ ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.

މައްސަލައިގެ ފެށުން - އެމްއެމްޕީއާރުސީގެ އަންހެން ތިން މުވައްޒަފަކަށް ބައްސާމް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ ހޯމަ ދުވަހުގެ ރޭގަ އެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ، ޖަރުމަނުގައި އޮތް މި އަހަރުގެ އައިޓީބީ ބާލިން ފެއާގެ ތެރެއިން:

  • ރުހުމަކާ ނުލާ ޖިންސީ ނިޔަތެއްގައި މުވައްޒަފެއް ގަޔަށް އަތްލުން 

  • ތިން މުވައްޒަފަކާ ޖިންސީ ނިޔަތެއް އޮވެގެން ބޭއަދަބީ ވާހަކަ ދެއްކުން

އެ ތުހުމަތުތަކާ ގުޅިގެން އެރޭ ދަންވަރު އެ ކުންފުނީގެ ޑިސިޕްލިނަރީ ކޮމިޓީން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެ އެމްއެމްޕީއާރުސީން ނޫސް ބަޔާނެއް ނެރުނެވެ. އަދި ބައްސާމް ސަސްޕެންޑް ކޮށްފައިވާ ކަމުގެ އަޑުތަކެއް ވެސް މިހާރު ވަނީ ފެތުރިފަ އެވެ.

ބުނީ ކީކޭ؟ - ނަމަވެސް ބައްސާމް އެވާހަކަ ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވީ ސަސްޕެންޑް ވެސް ނުކުރާ ކަމަށާއި މަގާމުގެ މަސްއޫލިއްޔަތުތަކުން ވެސް ދުރު ނުކުރާ ކަމަށެވެ.

"އަޅުގަނޑުގެ މަސައްކަތުގައި ހަމަ އަޅުގަނޑު މިއުޅެނީ. އަޅުގަނޑު މިއުޅެނީ ކެމްޕޭން ކަހަލަ މަސައްކަތްތަކުގައި މިވަގުތު. ދެން އަޅުގަނޑު ބޭނުން އިރަކު އަޅުގަނޑަށް [އޮފީހަށް] ދެވޭ،" ރޯދައިގެ ފަހު 10 ދުވަސް ބަންދު ވުމާ އެކު މިދުވަސްކޮޅު ކޮންމެހެން އޮފީހަށް ދާން ނުޖެހޭ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - އެކަމާ ގުޅިގެން އެމްއެމްޕީއާރުސީގެ ބަހެއް ހޯދަން 'ދައުރު'އިން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އެ ކުންފުނީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު (ކުޑީ) ފޯނެއް ނުނަންގަވަ އެވެ. އަދި:

  • މެސެޖު ކުރުމުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް

  • ބައްސާމް ސަސްޕެންޑު ކުރިތޯ ނޫންތޯ ކުރި ސުވާލަށް ޖަވާބެއް ނުދެއްވި

ބައްސާމްގެ ބަސް - އޭނާގެ މައްޗަށް ރައްދުވާ ތުހުމަތުތަކާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލުކުރުމުން އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ބައްސާމް އުޒުރުވެރިވި އެވެ.

"އަޅުގަނޑު މިވަގުތު އެއްވެސް ކޮމެންޓެއް ނެތް ތިއީ ބަލަމުންދާ މައްސަލައެއް ކަމަށް ވަންޏާ،" ބައްސާމް ވިދާޅުވި އެވެ.

ނަމަވެސް އެފަދަ ތުހުމަތުތަކެއް ރައްދުވެފައިވާ ސަބަބާ ބެހޭ ގޮތުން ތަކުރާރުކޮށް ސުވާލުކުރުމުން އޭނާ ފަހުން ވިދާޅުވީ، އެ ތުހުމަތުތައް ރައްދުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އަޅުގަނޑަކީ ކާކުކަން. އަޅުގަނޑު ދަންނަ ރައްޓެހިންނަށް އެނގޭނެ އަޅުގަނޑަކީ ކިހާވަރެއްގެ މީހެއްކަން. އަޅުގަނޑާ އެކު މަސައްކަތް ކުރި ވަރަށް ބައިވަރު އަންހެން ކުދިން ވެސް ފިރިހެން ކުދިން ވެސް އުޅޭނެ. ވަރަށް ލަސްވަންދެން ވެސް އަޅުގަނޑު ހުންނާނެ ބޮޑެތި ސިންގާ އިވެންޓުތަކުގައި މަސައްކަތް ކޮށްފައި،" ބައްސާމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ތަހުގީގެއް ހިންގިޔަސް 'އެކަހަލަ އެއްވެސް އެއްޗެއް ނާންނާނެ' ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޔަގީންކަން އަޅުގަނޑުގެ އެބަ އޮތް."

ކޮމެންޓް (2)

ށަފާން

3 އޭޕްރީލު 2024
ތަނެއް ދޮރެއް ނޭނގޭތީއެއްނު ބުނާނީ، މިވަގުތު މިއުޅެނީ ކެމްޕެއިންގަ އޭ.
0 0

ކޮސް

2 އޭޕްރީލު 2024
ނަމަކަށް ބައްސާމު ކިޔާތީ ޚަބަރުތަކުން ޖާގަލިބޭލެއްވެސް ތިޔާގިއޭ ދޯ !
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް