އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު. (ދައުރު ފޮޓޯ/ހުސެއިން ސުނޭން)
ޖިންސީ ފުރައްސާރައިގެ މައްސަަލަ ދަނީ ބަލަމުން، ފިޔަވަޅު އަޅާނެ: އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީގެ އިސް ބޭފުޅެއް އޭނާގެ ދަށުން މަސައްކަތް ކުރާ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ތުހުމަތުތަކާ ގުޅިގެން ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެމްއެމްޕީއާރުސީން ރޭ ދަންވަރު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބޭރު ދުނިޔޭގައި ރާއްޖެ ޕްރޮމޯޓުކުރާ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް އެ ކުންފުނީގައި މަސައްކަތް ކުރާ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ ރޭގަ އެވެ.
ބައްސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ، ޖަރުމަނުގައި އޮތް މި އަހަރުގެ އައިޓީބީ ބާލިން ފެއާގެ ތެރެއިން:
-
ރުހުމަކާ ނުލާ ޖިންސީ ނިޔަތެއްގައި މުވައްޒަފެއް ގަޔަށް އަތްލުން
-
ތިން މުވައްޒަފަކާ ޖިންސީ ނިޔަތެއް އޮވެގެން ބޭއަދަބީ ވާހަކަ ދެއްކުން
ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވަނީ ޖިންސީ ފުރައްސާރައިގެ އަމަލުތައް ރައްދުވި ތިން މުވައްޒަފުން ވެސް އެކަން އޮފީހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - އެ މައްސަލައާ ގުޅިގެން ރޭ ދަންވަރު 3 ޖެހި އިރު އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ:
-
އެމްއެމްޕީއާރުސީގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް މައްސަލައެއް ކުންފުނީގެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް ހުށަހަޅާފައެއް ނުވޭ
-
ވަކި މައްސަލައެއް ގޮތަށް ރަސްމީކޮށް ހުށަހަޅާފައި ނުވާ ނަމަވެސް މެނޭޖްމަންޓަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން އެކަމުގެ ސައްހަކަން ކަށަވަރު ކުރުމަށް ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލާނެ
-
ޑިސިޕްލިނަރީ ކޮމިޓީގެ ތަހުގީގަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް އަރުވާފައިވޭ
Press Statement pic.twitter.com/M2NsYiuLNz
— Maldives Marketing & Public Relations Corporation (@mmprc_corporate) March 31, 2024
"ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ މި ކުންފުނީގެ މެނޭޖްމަންޓް އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށާއި މިފަދަ އަމަލެއް ކޮށްފި ކޮންމެ މުވައްޒަފަކާ މެދު ކުންފުނިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" އެ ބަޔާނުގައިވެ އެވެ.
'އެކްސް'ގައި ބަޔާން ޕޯސްޓް ކުރިތާ އިރުކޮޅެއް ފަހުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ޝަފީގު ވަނީ އެ ބަޔާން ރީޕޯސްޓު ކުރައްވައިފަ އެވެ.
"މިފަދަ އަމަލުތަކަކަށް ފުރުސަތެއް ނުދެވޭނެ. ބޮޑު އިސްކަމެއް ދީގެން ސީރިއަސްކަމާ އެކު މިކަން ތަހުގީގުކޮށް، ކުށް ސާބިތުވެއްޖެ ކޮންމެ މީހަކާ މެދު ފިޔަވަޅު އަޅާނެ،" ރޭ 3:30ގައި އެމްއެމްޕީއާރުސީގެ ބަޔާން ރީޕޯސްޓް ކުރައްވައި ފާތިމަތު ވިދާޅުވި އެވެ.
No such behaviour will be tolerated. This will be investigated with topmost seriousness, and action will be taken against anyone found guilty. https://t.co/ZWBBAjoUTr
— Kudii (@kudiiThaufeeq) March 31, 2024
ބައްސާމްގެ ބަސް - ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ރައްދުވާ ބައްސާމް މިއަދު ހެނދުނު ވަނީ ހުޖުރާތު ސޫރަތުގެ ހަ ވަނަ އާޔަތުގެ މާނައާ އެކު 'އެކްސް'ގައި ޕޯސްޓެއް ކޮށްފަ އެވެ.
މައުލޫމާތު ގަބޫލުކުރުމުގެ ކުރިން އެކަމުގެ ހަގީގަތް އޮޅުންފިލުވަން އިރުޝާދު ދެއްވާފައިވާ މި އާޔަތަށް އިޝާރާތް ކުރައްވައި، މީހުންގެ އަބުރު ކަތިލައި ދޮގު މައުލޫމާތު ފެތުރުމާ ދެކޮޅަށް ގުރުއާނުގައި އަންގަވާފައިވާ ކަން ރޯދަ މަހު ހަނދާން ބަހައްޓަން ބައްސާމް ގޮވާލި އެވެ.
During Ramadan, let us remember the teachings of the Quran that guide us against the spread of falsehood and the destruction of reputations. The Holy Book reminds us, 'O you who have believed, if there comes to you a disobedient one with information, investigate, lest you harm a… pic.twitter.com/Z8wR6PahY8
— BASSAM ADAM (@BoduSam) April 1, 2024
ފާހަގަކޮށްލެވޭ - މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ ރާއްޖޭގައި އާންމު ނަމަވެސް، ގިނަ ފަހަރަށް އިންސާފު ނުލިބޭ ބާވަތުގެ މައްސަލައެކެވެ.
މިދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުރި އަލީ ވަހީދުގެ މައްޗަށް ވެސް ޖިންސީ ފުރައްސާރަ ކުރުމާއި ރޭޕް ކުރަން މަސައްކަތް ކުރުމުގެ ގިނަ ދައުވާތަކެއް ކުރެވުނެވެ. ނަމަވެސް، ދައުވާތައް އަނބުރާ ގެންގޮސް އޭނާ މިހާރު ވަނީ މިނިވަން ވެފަ އެވެ. އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް އޭނާ ވާދަކުރެ އެވެ.
ކޮމެންޓް (1)
ބައްލަވާ