ރޭ ބޭއްވި ޕީއެންސީގެ މަޖިލިސް ކެމްޕޭނު އިވެންޓެއްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ޕީއެންސީ)
ފަހު10ގައި ވެސް ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދަން ޖެހެނީ ދީނުގެ ހައްގުގައި: ރައީސް
ރޯދަ މަހުގެ ފަހު 10ގައި ވެސް ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދަން ޖެހެނީ ދީނުގެ ހައްގުގައި ކުރާ މަސައްކަތަށް ނިކުމެ އުޅުއްވަން ޖެހޭތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނުގެ ފަރާތުން ލ. ގަމު ދާއިރާ އަށް ވާދަކުރައްވާ ޔޫސުފް ނަޝީދުގެ ކެމްޕޭނު އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ރޭ ވިދާޅުވީ ރޯދަ މަހުގެ އޮނަހިރި ރެޔެއްގައި އަޅުކަމުގައި މަސްއޫލުވެ އުޅުން މުހިއްމު ކަމަށާއި ކެމްޕޭނުގައި މަސްއޫލުވެ އުޅުމަކީ ވެސް ގައުމާއި ދީނުގެ ހައްގުގައި ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ބުނީ ކީކޭ؟ - "ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހަޔެއްގެ މި އޮނަހިރި ރޭ ތިޔަ ބޭފުޅުން އަޅުކަމުގެ ތެރޭގައި މަސްއޫލުވެ އުޅެމުން ވެސް މި މުހިއްމު، ހަމަ އެހާމެ މާތް މުހިއްމު މަސައްކަތުގައި އުޅުއްވުމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. މި ގައުމު ސަލާމަތް ކުރުމަށް ޓަކައި އަޅުގަނޑުމެންނަށް މިހާރު ޖެހިފައި މިވަނީ ރަމަޟާން މަހެއް ކަމަކު، ފަހު 10އެއް ކަމަކު، އޮނަހިރި ރެޔެއް ނަމަވިޔަސް، މަސައްކަތް ކުރަން ޖެހިފައި، ގައުމަށްޓަކައި، ދީނުގެ ހައްގުގައި،" ރައީސް ރޭ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރު އޮތް އިރު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮވެ، ދީނަށް ހަޖޫޖަހާ ކުޑައިމީސް ކުރި ކަމަށާއި އެކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ.
"... އެކަން ތަކުރާރު ކުރުމަށް އެ މިސްރާބަށް ގައުމު ގެންދިޔުމަށް ދެން ފުރުސަތު ނުދިނުމަށްޓަކައި މި މަސައްކަތް ކުރަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.
ކުރީ ސަރުކާރު އޮތް އިރު އިސްލާމް ދީނާ ހިލާފު ރިޕޯޓެއް ޝާއިއުކުރި މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ރަސޫލާ އަށާއި އިސްލާމީ އަގީދާ އަށް ހަޖޫޖަހާ ނެރުނު އެ ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް އެމްޑީޕީގެ ސަރުކާރުގައި އިސް މަގާމުތައްދީ، ރައްޔިތުންގެ ފައިސާއިން ބޮޑެތި މުސާރަތައް ދެމުން ދިޔަ ކަމަށެވެ.
"އެހެންވީމާ އެ މިސްރާބަށް ގައުމު ގެންދަން ދެން އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ. ގައުމީ ވިސްނުމެއްގައި، ދީނީ ވިސްނުމެއްގައި ގައުމު ސަލާމަތްކުރުމަށް ރައްޔިތުން ނިންމާ، ދިވެހިންގެ ރާއްޖެއެއް ގާއިމް ކުރުމަށްޓަކައި ދިވެހިންނަށް އިސްކަންދީ، ދިވެހި ވަންތަ ގައުމެއްގެ ގޮތުގައި މި ގައުމު ކުރިއަށް ގެންދިޔުމަށް ޓަކައި ދިވެހިން ނިންމި ނިންމުން ފުރިހަމަ ކުރުމަށް ޓަކައި މި މަސައްކަތް ކުރިއަށް ގެންދަން މި ޖެހެނީ."
ސަރުކާރުން ތާއީދު ކުރާ މެންބަރުން މަޖިލީހަށް ހޮވައިގެން ނޫނީ ރައްޔިތުން ބޭނުންވާ އަމާޒަށް މަސައްކަތް ނުކުރެވޭނެ ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.
ކޮމެންޓް (1)
ސުބުޙާނަﷲ