އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވަލައި، މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު އަވަސް ކުރުމަށް އަޑުއުފުލުމަށް އާންމުން މިދިޔަ ނޮވެމްބަރު މަހު އެއްވުން (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

އިޒްރޭލް

އިޒްރޭލުގެ ފަތުރުވެރިންނާއި އުފެއްދުންތައް މަނާ ކުރަން މަޖިލީހުން ގޮވާލައިފި

އެކަމަށް ގޮވާލާ ގަރާރު ފާސްކޮށްފައިވަނީ މިއަދު މަޖިލީހަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުން
1 އޭޕްރީލު 2024

ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކޮށް، އެގައުމުން އެކްސްޕޯޓް ކުރާ އެއްވެސް މުދަލެއް ރާއްޖެ އެތެރެކުރުން މަނާކުރަން ރައްޔިތުންގެ މަޖިލީހުނެ ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުން މިގޮތަށް ގޮވާލީ، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެގައުމުގެ ދަރިފަސްކޮޅު ނައްތާލުމަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅުހެދުމުގެ ގޮތުން އެކަންކަން ކުރުމަށް އެދި މަޖިލީހުން މިއަދު ފާސްކުރި ގަރާރަކުންނެވެ. އެ ގަރާރު ފާސްވީ މިއަދު ހާޒިރުވެ ތިބި 41 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ތަފްސީލް - މިދިޔަ އޮކްޓޫބަރު މަހު 14ގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި މި ގަރާރަށް މަޖިލީހުގައި ބަހުސްކޮށް، ކޮމިޓީއަށް ފޮނުވުމަށް ފަހު ފާސްކޮށްފައިވަނީ އިތުރު ބަދަލެއް ގެނައުމަކާ ނުލައި، ގަރާރު ހުށަހެޅި އިރު އޮތް ގޮތަށެވެ.

އެ ގަރާރުގައި ގޮވާލާފައިވާ މައިގަނޑު ކަންތައްތަކަކީ:

  • ބައިނަލްއަގުވާމީ މުޖްތަމައުގައި ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަކާލާތު ކުރުން

  • ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުންނާއި މުދާ އެތެރެ ކުރުން މަނާކުރުން

  • އިޒްރޭލާއި ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ، އެ ގުޅުންތައް ވަގުތުން މެދުކަނޑާލުން (އިޒްރޭލްއަކީ، ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމެއް ނޫން)

  • އިޒްރޭލުން ހިފަމުން ގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކުން ފައިބާ މެދުއިރުމަތީގައި ސުލްހަ ގާއިމްކުރެވެންދެން މި ފިޔަވަޅުތައް ދެމެހެއްޓުން

"އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާއި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ގޮވާލުމާއި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރި ކުރުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތަށް ކަށަވަރުކޮށްދިނުމަށް،" ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.

ވިލިގިނލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/މަޖިލިސް)

އެނގުން މުހިއްމު -  ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ އެންމެ އިސް ވެރިޔަކީ ރައީސް އެވެ. އެހެންވެ އިޒްރޭލް ރައްޔިތުންނަށް ރާއްޖެ އައުން މަނާކުރުން ފަދަ ބަދަލެއް ހާރިޖީ ސިޔާސަތަށް ގެނެވޭނީ ސަރުކާރަށް ކަމަށް ވާތީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މިދިޔަ ނޮވެމްބަރުގައި އެގޮތަށް ލަފާދޭން ފާސްކޮށްފަ އެވެ. 

އެކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެއީ މަޖިލިސް ތެރެއިން ގާނޫނަށް އިސްލާހު ގެނެސްގެން މަނާކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އެއީ ގާނޫނަށް ބަދަލު ނުގެނެސް ރައީސަށް މިހާރުން މިހާރަށް ވެސް ނިންމެވޭނެ ނިންމުމެކެވެ.

ފާހަގަކޮށްލެވޭ - މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހުގެ މަސައްކަތްތައް މިދިޔަ އޮކްޓޫބަރުގައި ހުއްޓިފައި އޮތުމުން، އެ ގަރާރުގެ މަސައްކަތް ވެސް ކުރިއަށް ނުގޮސް ދުވަސްތަކެއް ވަންދެން އޮތެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަން އާންމުން މަޖިލިސް ދޮށަށް އެއްވެފައި ވެސްވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް