ފިނޭންސް މިނިސްޓްރީ އިމާރާތް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދައުލަތުގެ ބައެއް އިސް ވެރިންނާ އެކު ވިޔަފާރިކުރުން މަނާވާ އުސޫލެއް

އެ ނޫން މުވައްޒަފުންނާ ގުޅުން ހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތް ކުރެވޭ ގޮތްތައް ވެސް މި އުސޫލުގައި ވަނީ ބަޔާންކޮށްފައި

ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ގުޅުން ހުރި ފަރާތްތަކާ އެކު ސަރުކާރުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތަށް ފިނޭންސް މިނިސްޓްރީން އުސޫލެއް ނެރެފި އެވެ.

ވީ ކިހިނެއް؟ - 'ދައުލަތުގެ މުވައްޒަފަކާ ގުޅުން ހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުމާ ބެހޭ އުސޫލު' ފިނޭންސް މިނިސްޓްރީން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ތަފްސީލު - ދައުލަތުގެ މުވައްޒަފުންނާ ގުޅުން ހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ހުއްދަ އެ އުސޫލުގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ލިބިދެ އެވެ. ނަމަވެސް ބައެއް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ގުޅުން އޮތް ފަރާތަކާ އެކު އެއްވެސް ހާލަތެއްގައި ވިޔަފާރީގެ މުއާމަލާތެއް ނުހިންގޭނެ ކަމަށް އެ އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެއީ:

  • ޕްރޮކިއުމަންޓް ޑިޕާޓްމަންޓު ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް މުވައްޒަފު

  • ފައިސާއާ ބެހޭ ޑިޕާޓްމަންޓުގެ އެންމެ އިސް މުވައްޒަފު

  • އެ ޕްރޮކިއުމަންޓަކާ ގުޅޭ ޑިޕާޓްމަންޓެއްގެ އެންމެ އިސް މުވައްޒަފު

  • ޕްރޮކިއުމަންޓަށް ހުއްދަ ދޭ އެގްޒެކެޓިވް ފަންތީގެ މުވައްޒަފުން

  • ބިޑު ކޮމެޓީ އާއި ޕްރޮކިއުމަންޓާ ބެހޭ އެހެނިހެން ކޮމެޓީތަކުގެ މެމްބަރުން

  • ބިޑު ނުވަތަ ބީލަން އިވެލުއޭޓުކުރާ ނުވަތަ ވަޒަންކުރާ ފަރާތްތައް ނުވަތަ ވަޒަންކުރުމަށް އެހީވެދޭ ފަރާތެއް ނުވަތަ އެކަން ކުރާ ކޮމެޓީގެ މެމްބަރުން

  • މާލީ ޒިންމާދާރު ވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލް

  • ބިޑް ޑޮކިއުމަންޓު ނުވަތަ ޓެންޑާ ޑޮކިއުމަންޓު ތައްޔާރުކުރުމުގައި ބައިވެރިވާ ނުވަތަ އެހީވެދޭ ފަރާތެއް (ކޮންސަލްޓެންޓުނާއި މިކަމާ ބެހޭ މާހިރުން ވެސް ހިމެނޭ ގޮތަށް)

އެ ފަރާތްތަކާ ގުޅުން އޮންނަ ގޮތަކަށް ސަރުކާރުން ވިޔަފާރީގެ މުއާމަލާތެއް ކުރެވޭނީ، މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ކުއްލި ހާލަތެއް ދިމާވެގެން، އެ ނޫން ގޮތަކަށް އެކަން ކުރެވެން ނެެތް ހާލަތެއްގައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް ފަހު ލިޔުމަކުން ހުއްދަ ލިބިގެންނެވެ.

އެ ނޫން ހާލަތްތަކުގައި ނުވަތަ ދައުލަތުގެ އެހެން މުވައްޒަފުންނާ ގުޅުން ހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނީ، އެ މުއާމަލާތެއް ފެށުމުގެ ކުރިން ލިޔުމަކުން ހުއްދަ ލިބިގެންނެވެ.

އެފަދަ ހާލަތްތަކުގައި ވިޔަފާރި މުއާމަލާތްތައް ކުރާނެ މިންގަނޑު ވެސް އެ އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން:

  • ވިޔަފާރި މުއާމަލާތުގެ ޖުމްލަ އަގު 35،000ރ.އާ ހަމައަށް ހުއްދަ ދޭނީ މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެ ޒިންމާ އަދާކުރަން ލިޔުމަކުން އޭނާ ހުއްދަ ދީފައިވާ ފަރާތެއް

  • 35،000 - 5،000،000ރ.އާ ދެމެދުގެ މުއާމަލާތްތަކަށް ހުއްދަ ދޭނީ ބިޑު ކޮމެޓީން

  • ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ މުއާމަލާތްތަކަށް ހުއްދަ ދޭނީ ނެޝަނަލް ޓެންޑާ ބޯޑުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް