އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓުގެ ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)
ޗައިނާއިން އުތުރުތިލަ ފަޅަށް އަންނަނީ އަސްކަރީ ބޭނުމެއްގައި: ފައްޔާޒު
ޗައިނާއިން އުތުރުތިލަ ފަޅަށް އިންވެސްޓު ކުރަނީ ދަނޑުވެރިކަން ކުރަން ނޫން ކަމަށާއި އެއީ އަސްކަރީ މަގްސަދެއް އޮވެގެން ކުރާ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ތުހުމަތު ކުރައްވައިފި އެވެ.
އެނގުން މުހިންމު - އުތުުރު ތިލަފަޅުގައި ގާއިމްކުރާ އެގްރިކަލްޗާ އިންޑަސްޓްރިއަލް ޒޯނަށް އެ ސަރަހައްދުން 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފަ އެވެ.
އޭގެ މައިގަނޑު މަގްސަދަކީ، ރައީސް ވިދާޅުވާ ގޮތުގައި ރާއްޖޭން ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ކުރާ ހޭދަ މަދުކޮށް ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅުވުމެވެ.
ބުނީ ކީކޭ؟ - އެމްޑީޕީއިން މިރޭ ބޭއްވި މާފަންނު ދެކުނު ދާއިރާގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސަރަހައްދުން ބިމެއް ހިއްކައިގެން ރަނގަޅު އިގްތިސާދީ މަސައްކަތެއް ނުވަތަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެން އޮއްވާ ދަނޑުވެރިކަން ކުރަން ދޭން އުޅެނީ ކީއްވެތޯ ފައްޔާޒު ވަނީ ސުވާލު އުފައްދަވާފަ އެވެ.
"ހަގީގަތަކީ މީގައި އެބައޮތް ޖިއޯޕޮލިޓިކްސް ވަރަށް ގިނަ ކަންތައްތަކެއް ގުޅިފައި. ގަސް އިންދާކަށް ނޫން [ޗައިނާއިން] އެ ތަނަށް އަންނަނީ. އެތާ ކުރިމަތީގައި އެ އޮތީ އެމްއެންޑީއެފްގެ ވަރުގަދަ ބަނދަރެއް. އެތާ ކުރިމައްޗަށް އެ އަންނަނީ މި ހިސާބުން ދުރު، ބޮޑު ގައުމެއްގެ މިލިޓަރީ މަސައްކަތް ކުރަންވެގެން،" ފައްޔާޒު ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ތެރޭގައި ތިން މަސް ވަންދެން މި ދެންނެވި ގައުމުގެ ނޭވީ އުޅަނދެއް ރާއްޖޭގެ ކަނޑުއަޑި ބަލަމުން ޗާޓެއް ހަދަމުންދާކަން. އަޅުގަނޑުމެންގެ ސަރުކާރުގައި އެގްރިމަންޓުތަކެއް ހަދައި، ހާމަކަން ބޮޑު ގޮތެއްގައި ކުރި ކަމެއް އެއީ. މިހާރު އެގްރިމަންޓެއް އޮތް ކަމެއް ނެތް ކަމެއް ވެސް ނޭނގޭ، އެ މަސައްކަތް އެބަދޭ ކުރަމުން."
މިހާރު މި ސަރަހައްދުގައި ކަން ހިނގަމުންދާ ގޮތުން ފެންނަނީ، ފައްޔާޒު ވިދާޅުވި ގޮތުގައި މި ސަރަހައްދުގައި ހަނގުރާމައަކާ ދިމާއަށް ދާ ކަމުގެ އިޝާރާތްތަކެކެވެ.
"މާ ދުރުގައި އޮތް ބާރެއް ގެނެސް، މި ސަރަހައްދަށް، އިންޑިއާ ކަނޑުގެ ތެރެއަށް ވައްދައިގެން، މުޅި އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަން ނަގާލަން އުޅޭތަން [މި ފެންނަނީ]،" އޭނާ ވިދާޅުވި އެވެ.
ތަފްސީލު - ދަނޑު ހެއްދުމުގެ ބަދަލުގައި ފައްޔާޒު ވިދާޅުވީ އުތުރުތިލަ ފަޅު ހިއްކައިގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުން ނުވަތަ އިގްތިސާދީ މަސައްކަތެއް ކުރުމުން ދައުލަތަަށް ލިބޭނެ ފައިދާ މާ ބޮޑުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ދައުލަތަށް ހިލޭ، ބޮޑު އާމްދަނީއެއް ލިބޭ ގޮތަށް ރިސޯޓު ހަދަން ކުއްޔަށް ދޭ އުސޫލަށް ގެނައި ބަދަލަށް އިޝާރާތް ކުރެއްވި އެވެ.
ކުރިން ވެއްޖެއްޔާ ރިސޯޓު ހަދަން ޓެންޑާ ކޮށްފައި ދެނީ ކުޑަ އަގެއްގައި. އަޅުގަނޑުމެން އެ ބަދަލުކުރީ، މިހެން ހުންނަ ރަނގަޅު ލޮކޭޝަންގައި ހުންނަ ތަންތަން، ބޮޑު އަގެއް، އެކުއިޒިޝަން ކޮސްޓު ކިޔާފައި [އެއީ ހަމަ ހިލޭ ލިބޭ އެއްޗެއް، އަދި ކުލި ދައްކަން ޖެހޭނެ ރިސޯޓު ހަދައިގެން] ރިސޯޓު ހެދުމަށްޓަކައި. އެކަންކަމުން ބޮޑު ފައިދާއެއް ހޯދައިގެން އެ ފައިސާ އަޅުގަނޑުމެން މި ބޭނުންކުރަނީ ބޯހިޔާވަހިކަމަށް، ބިން ހިއްކަން އަދި އެއާޕޯޓު ހަދަން،" ފައްޔާޒު ވިދާޅުވި އެވެ.
އެ ބަދަލާ އެކު އެމްޑީޕީ ސަރުކާރުން އިއުލާންކުރި ހަ އެއާޕޯޓު މަޝްރޫއަކަށް 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) އަދި ގިރާވަރު މަޝްރޫއަށް 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ދައުލަތުގެ ބަޖެޓަށް ހޯދައިދިން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ރިސޯޓު ހަދަން ވިއްކާލައިފި ނަމަ، 150 - 200 މިލިއަން ޑޮލަރު އެކުއިޒިޝަން ކޮސްޓަށް ލިބޭނެ ތަނެއް އެއީ [އުތުރުތިލަ ފަޅަކީ]. އެތަން ރިސޯޓު ހަދަން ވިއްކާލާފައި ލިބޭ ލާރިން ދަނޑުވެރިކަން ކުރަންވީނޫންތޯ ޑރ. މުއިއްޒު،" ފައްޔާޒު ވިދާޅުވި އެވެ.
"ލ. ގަމުގައި އެ އޮތީ ހެސްކިޔާފައި ބޮޑެތި ބިން. އަބްދުއްރަހީމުގެ ފޮނަދޫ އެ އޮތީ. ވަށަފަރު، ކެލާ އެ އޮތީ. މި ތަންތަނުގައި ކުރަންވީނޫންތޯ ދަނޑުވެރިކަން."
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެ ނަމަ އުތުރުތިލަ ފަޅުން އަދިވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ދޭނެ ކަމަށެވެ.
"އަޅުގަނޑު މާލޭގެ ރައްޔިތުންނަށް މި ދަންނަވަނީ، މާތްﷲ އިރާދަފުޅުކުރެއްވިއްޔާ 2028 ވަނަ އަހަރު އެމްޑީޕީ އަނެއްކާ ވެސް ރާއްޖޭގެ ވެރިކަމާ ހަވާލުވެފައި، އުތުރުތިލަ ފަޅުގައި ކިތަންމެ ގަހެއް އިންދާފައި އޮތަސް، އެތަން އަޅުގަނޑުމެން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ބަދަލުކޮށްލާނަން،" ފައްޔާޒު ވިދާޅުވި އެވެ.
"އެ ތަނަށް އެ ބޭފުޅުން ހަގީގަތުގައި ވެސް އެ ބުނާ އިންވެސްޓެއް ކޮށްފައި އޮތް ކަމަށްވާނަމަ، އޭގެ ބަދަލުގައި ރަނގަޅު، އެކަން ސާފުކޮށް ރީތިކޮށް ކުރެވޭނެ ކަހަލަ ރަނގަޅު ބޮޑު ބިމެއް ރާއްޖޭ އެހެން ސަރަހައްދަކުން އަޅުގަނޑުމެން ދައްކާނަން."
ކޮމެންޓް (3)
ފަޔާ އަށް ސަލާމް
ހެހެހެ
ސައިމާ