19 ފެބްރުއަރީ 2024: ރައީސް މުހައްމަދު މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ދަނޑުވެރިކަން

ދަނޑު ހައްދަން ޗައިނާ ކުންފުނިން އުތުރުތިލަފަޅުން 200 ހެކްޓަރު ހިއްކަނީ

ފުޑް ސެކިޔުރިޓީ ޔަގީން ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމްއައިޑީ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފައި

އުތުުރު ތިލަފަޅުގައި ގާއިމްކުރާ އެގްރިކަލްޗާ އިންޑަސްޓްރިއަލް ޒޯނަށް އެ ސަރަހައްދުން 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭން ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ކުރާ ހޭދަ މަދުކޮށް ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ތަފްސީލު - އެ މަސައްކަތުގެ ދަށުން، އުތުރު ތިލަފަޅުގައި އެގްރިކަލްޗާ އިންޑަސްޓްރިއަލް ޒޯނެއް ގާއިމްކުރުމަށް އެ ތަނުން 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ބޭރުން އެތެރެކުރުމަށްޓަކާ މި ހޭދަކުރާ ބިލިއަނުން މިލިއަނުން ޑޮލަރު، ހޭދަކޮށް އާޅުގަނޑުމެންގެ އިގްތިސާދު މި އޮތް ހާލަތު އިތުރަށް ގޯސްވެގެން ދާދިޔުން ނިމުމަކަށް ގެނައުމަށްޓަކާ މި ގައުމުގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި، ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް އުފެއްދުމަށްޓަކާ އެ އަމިއްލަ ވަންތަކަން ގާއިމް ކުރުމަށް އެ ވަނީ މަސައްކަތް ފެށިފައި،" ރައީސް ރޭ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ފުޑްސެކިޔުރިޓީ ފުރިހަމައަށް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

"... ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް ހިންގާ ރައްޔިތުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ވެސް ބައެއް ރަށްރަށް ހިމަނައިގެން، އުތުރާއި ދެކުނުގައި ހުރި މިކަހަލަ ބިނޔަ ބޮޑު ބިން ހުރި ރަށްރަށުގައި ވެސް މި މަޝްރޫއުގެ ބައިބައި ހިނގާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތުގެ މައި ހަބަކަށް ވާނީ އުތުރު ތިލަފަޅު ކަމަށާއި އުތުރާއި ދެކުނު ހިމަނައިގެން އެ މަސައްކަތް ކުރާއިރު ރާއްޖޭން ބޭރުން އެތެރެކުރާ ބާވަތްތައް މަދުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޓޫރިޒަމް ދާއިރާ އަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމުގެ މަޝްރޫއު، އެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ފައްޓަވާނެ ކަމަށެވެ.

ގުޅުން ހުރި - ކާބޯތަކެތީގެ ރައްކާތެރިކަން ނުވަތަ ފުޑް ސެކިޔުރިޓީ ޔަގީން ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމްއައިޑީ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފަ އެވެ.

މި އެމްއޯޔޫގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށް، އިގްތިސާދު ސިންދަފާތުކުރުމާއި، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ހަރުދަނާވާނެ ކަމަށް އެމްއައިޑީ އިން ބުންޏެވެ.

ފުޑް ސެކިޔުރިޓީ ޔަގީން ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެމްއައިޑީ އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ވަނީ އެމްއޯޔޫގައި ސޮއިކުރުން (ފޮޓޯ/އެސްޓީއޯ)

މި މަޝްރޫއުގެ ސްކޯޕް

  •  ބިން ހިއްކުމާއި ޕްރައިމަރީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން 

  • ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްގީ ކުރުން 

  • ފަސިންޖަރުންނާއި މުދާ އުފުލާ ޓާމިނަލްތައް ގާއިމުކުރުން

މި މަޝްރޫއާއެކު ރާއްޖޭގައި ތަރުކާރީ އަދި މޭވާ އުފެއްދުމުގެ ބޭސް އަކާއި އެގްރިކަލްޗަރަލް ޓެލެންޓް ޓްރެއިނިން ބޭސްއެއްގެ އިތުރުން އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް، ލޮޖިސްޓިކްސް އަދި ޑިސްޓްރިބިއުޝަން ސެންޓަރެއް ވެސް ގާއިމް ކުރާނެ އެވެ.

ކޮމެންޓް (1)

ހޭބަލި

30 މާރިޗު 2024
ކޮން އުތުރު ތިލަ ފަޅެއްތަ؟ ތިއޮށް ކާށިދޫ ނަގާ ތަރައްގީ ކުރެވޭތޯ ބަލާބަލަ. ހަނިމާދޫގަ ކުރާހެން ވާޓިކަލް ފާމިންގް ކުރަން ކޮންމެ ރަށަކަށް ހުޅުވާލަބަލަ! ދެކުނުގެ އަލަދަނޑުތައް އަލުން ދިރުވަބަލަ! އުދަ އަރައިގެން އެޗަސްބިންތައް ލޮނުވިޔަނުދޭނެ ގޮތެއް ހޯދަބަލަ! އަބަދު ބިން ނުހިއްކިގެން! މިއޮތީ ކަމެއް، މިގައުމުގެ ސިޔާސީ ވެރިންނަށް ދަސްވެފަ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް