ނައިފަރު މިސްކިތްތަކުގައި އިމާމުވެ ދަމުނަމާދު ކުރާ ކުޑަކުދިން

ޅ. ނައިފަރު

ނައިފަރުން މި ފަހަރު ވެސް ފެނުނީ މިސާލެއް؛ ދަމުނަމާދު ކުރާނީ 10 ކުޑަކުދިން

ނައިފަރުގައި ކޮންމެ ރެއަކު ވެސް ދަމުނަމާދު ކުރާނީ ކުޑަކުއްޖެއް

ކުރިއަށް މިއޮތް 10 ރޭ، ރަށުގެ މިސްކިތްތަކުގައި އިމާމުވެ ދަމު ނަމާދު ކުރުމަށް ކުޑަކުދިން ހަމަޖައްސައި، ޅ. ނައިފަރުން އަނެއްކާ ވެސް މިސާލު ދައްކައިފި އެވެ.

ވީ ކިހިނެއް؟- މިދިޔަ އަހަރުގެ ރޯދަ މަހުގެ ފަހު 10ގައި ވެސް، ނައިފަރުގެ ތިން މިސްކިތެއްގައި އިމާމުވެ ދަމުނަމާދު ކުރީ އެ ރަށުގެ ފަސް ކުޑަކުދިންނެވެ. އެކަމަކު މި ރޯދަ މަހުގެ ބާކީ އޮތްބައިގައި ނަމާދު ކުރާނީ 10 ކުދިންނެވެ. ކޮންމެ މިސްކިތެއްގައި ވެސް ދެ ކުއްޖަކު ބަހާލައިގެން، ދަމުނަމާދު ކުރާނެ އެވެ.

ނައިފަރު ކައުންސިލުން ބުނިގޮތުގައި އެ ރަށުގެ ހަތަރު މިސްކިތުގައި ދަމު ނަމާދުކުރާ ކުދިންނަކީ، ގުރުއާން ހިތުދަސް ހާފިޒުންނާއި މިހާރު ހިތުދަސް ކުރަމުން އަންނަ ކުދިންނެވެ. އެއީ ގްރޭޑް 6-8ގެ ދަރިވަރުންނެވެ. ނަމާދުކުރާ ކުދިންގެ ތެރޭގައި 11 އަހަރުގެ ކުޑަކުދިން ވެސް ހިމެނެ އެވެ. 

މި އަހަރު ނައިފަރު މިސްކިތްތަކުގައި އިމާމުވެ ދަމު ނަމާދު ކުރާނީ:

  • ޔޫސުފް ޒަކްނޫން މުހައްމަދު ޖުނައިދު

  • އަބްދުﷲ ޒަކްވާން މުހައްމަދު ރިކްޒާން

  • މުހައްމަދު ޔަޒިން ޔާސިރު

  • ޒާލިފް މަދީހް

  • އަބްދުﷲ ހަޔާން ހަމީޒް

  • މުހައްމަދު ހާދިން ސައުދުﷲ

  • އިސްމާއިލް އަޝްހަމް އަހުމަދު

  • މިރުއާޝް ހުސެން މިރުޒާ

  • އާސިރު އާސިފް ޔޫސުފް

  • އަބްދުﷲ ޝައިއާން އަބްދުލްވާހިދު

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ނަމާދު ކުރާ ކުދިން ހޮވީ، އެކަމަށް ކުރިމަތިލުމަށް ކުރި އިއުލާނަކަށް ފަހު އެވެ. 

އޭނާ ވިދާޅުވި ގޮތުގައި:

އިމާމުވެ ނަމާދު ކުރުމަށް ކުދިން ތައްޔާރުކުރީ އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކުގައި. އަދި  އެ ކުދިން ގުރުއާން ކިޔަވާ ކްލާސްތަކުގެ ޓީޗަރުންނާއި ނައިފަރުގައި ތިބި އިލްމުވެރިންގެ އެހީތެރިކަން ލިބުނު

މި ކުދިން ދަމުނަމާދާއި ތަރާވީސް ކުރުމުގެ ހުއްދަ މިނިސްޓްރީން ވަނީ ދީފައި

ރައްޔިތުންގެ ފަރާތުން ވެސް އެ ކުދިންނަށް ބޮޑު ތަރުހީބެއް ދީފައިވޭ

"މި ކުދިންގެ ކިޔެވުން ވެސް ވަރަށް ރީތި. ވަރަށް ފުރިހަމަ. މާޝާﷲ. އަހަރެއް އަހަރަކަށް ކުދިން އިތުރުވުމަކީ ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް،" ރަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ މިސްކިތްތަކުގައި މިހާރު ކުޑަކުދިން އިމާމުވެ ނަމާދު ކުރެ އެވެ. ހާއްސަކޮށް، ޒުވާން ހަތީބުން ތަމްރީނު ކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމައި، ގިނަ ޒުވާނުން އަންނަނީ އިމާމުވެ ހުކުރު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް