ފަލަސްތީނުގެ ގާޒާގައި ހުންނަ ޑރ. ކޯޑީގެ ގެ: އާއިލާއިން މިހާރު ބޭނުންވަނީ އެނބުރި ރާއްޖެ އަންނަން

ފަލަސްތީން

ރަފަހްގައި ތާށިވެފައިވާ ފަލަސްތީންގެ އާއިލާއަކުން ބޭނުންވަނީ ރާއްޖެ އަންނަން

ރާއްޖޭގައި ދިރިއުޅޭ ފަލަސްތީނުގެ ލެކްޗަރާގެ އަންހެން ދަރިފުޅު ބުނި ގޮތުގައި އޭނާގެ މުޅި ހަޔާތުގައި ދުށް ހުވަފެންތައް ވަނީ ގެއާ އެކު ފުނޑުފުނޑުވެފައި

އިޒްރޭލުގެ ހަމަލާތަކުން ސުންނާފަތިވެފައިވާ ގާޒާގެ އާއިލާއެއް، ރާއްޖޭގައި ދިރިއުޅޭ އެ މީހުންގެ ބައްޕަ ކައިރިއަށް ރާއްޖެ އަންނަން އެހީތެރިކަމަށް އެދެފި އެވެ.

ވީ ކިހިނެއް؟- 'ގޯފަންޑް'ގައި އެހީއަށް އެދިފައިވަނީ، ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި ކިޔަވައިދެއްވައި، ފަލަސްތީނުގެ ލެކްޗަރާ ޑރ. ހަސަން އަލް ކޯޑީގެ އާއިލާއިންނެވެ. ހަނގުރާމައިގެ ތެރެއިން ނުކުތުމަށް އެހީތެރިކަމަށް އެދުނީ ޑރ. ކޯޑީގެ އަންހެން ދަރިފުޅު މިންނާ އަލްކޯޑީ އެވެ.

ފައިސާ އެއްކުރުމަށް އެހީވެދޭ 'ގޯފަންޑް'ގައި، 18 އަހަރުގެ މިންނާ ލިޔުނު ގޮތުގައި އާއްމުންގެ އެހީތެރިކަމަށް އޭނާ އެދުނީ މަރުން ސަލާމަތްވެ، ބޭރުގައި (ރާއްޖޭގައި) ދިރިއުޅޭ އޭނާގެ ބައްޕަ ކައިރިއަށް ދިޔުމަށެވެ.

އިސްލާމިކް ޔުނިވަސިޓީގެ ބައްދަލުވުމެއްގައި ޑރ. ކޯޑީ ބައިވެރިވަނީ. އޭނާ ރާއްޖޭގައި ކިޔަވައިދެއްވާތާ އަހަރުތަކެއް ވެއްޖެ

"އޭރުން އަހަރެމެންނަށް އަލުން ދިރިއުޅުން ބިނާކުރެވިދާނެ ކަމުގެ އުއްމީދެއް އެބަ އޮތް،" ޔުނިވަސިޓީގައި އެނެސްތީޝިއާ އަދި އިންޓެންސިވް ކެއާ އިން މަތީ ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރު ލިޔުނެވެ.

މިންނާ ބުނިގޮތުގައި ގާޒާގައި މީގެ ކުރިން އޭނާ އުޅުނީ އާއިލާ އާއި ރަހުމަތްތެރިންނާ އެކު، އުފަލުގައި އޭނާގެ ހުވަފެންތަކުގައި ކުލަ ޖައްސަމުންނެވެ. އެކަމަކު އިޒްރޭލުގެ އުދުވާނީ ހަމަލާތަކުން އޭނާގެ ގެ އާއި މުސްތަގްބަލާއި ހަނދާންތައް އެއްކޮށް ފުނޑުފުނޑުކޮށްލާފައިވާ ކަމަށް ބުންޏެވެ. 

މިންނާގެ ގެ ފުނޑުފުނޑުކޮށްލާފައިވާއިރު، ގާތަކުގެ މަތީގައި އޭނާއަށް ލިބިފައިވާ ސެޓްފިކެޓެއް

އޭނާ ވަނީ ސުންނާފަތިވެފައިވާ އޭނާގެ ގޭގެ ފޮޓޯތައް ދައްކާލައިފަ އެވެ. ކުނޑިކުނޑިވެފައިވާ ގާތަކުގެ ތެރޭގައި އޭނާގެ ތައުލީމީ ސެޓްފިކެޓެއް ވެސް ފެންނަން ހުއްޓެވެ.

މިންނާ ބުނިގޮތުގައި އެ މީހުން ދިރިހުރީ، އެތައް ފަހަރަކު މަރާ ކުރިމަތިލައިގެންނެވެ. ބޮން އަޅައި، މިންނާގެ ގެ ފުނޑުފުނޑު ކޮށްލާފައިވާއިރު މިހާރު އެ އާއިލާ ހުރީ ރަފަހްގެ ޓެންޓެއްގައި ކަމަށް ބުންޏެވެ.

އެތައް އަހަރެއް ކުރިން ރާއްޖޭގައި ދިރިއުޅެމުން އަންނަ ޑރ. ކޯޑީގެ ހުރިހާ ފައިސާއެއް ހަރަދުކުރީ، މިންނާ ބުނިގޮތުގައި، އެ މީހުންގެ ގެ ހެދުމަށެވެ. އެކަމަކު ގެ ސުންނާފަތި ވުމާ އެކު، ބައްޕަ އަތުގައި ވެސް އެ އެންމެން ސަލާމަތްކޮށްގެން، ބޭރަށް ނެރެވޭހާ ފައިސާ ނެތް ކަމަށް އޭނާ ބުންޏެވެ.

ފަލަސްތީނުގެ ގާޒާގައި ހުންނަ ޑރ. ކޯޑީގެ ގެ

އެއީ ސައްހަ ޕޯސްޓެއްކަން، 'ދައުރު'އާ ވާހަކަ ދައްކަވަމުން، ޑރ. ކޯޑީ ޔަގީންކޮށްދެއްވި އެވެ. 

ލެކްޗަރާ ވިދާޅުވި ގޮތުގައި އޭނާ މިހާރު ހުންނެވީ ރަފަހް އިން އާއިލާ ނެރެވޭތޯ މިސްރުގަ އެވެ. އެކަމަކު އެކަށީގެންވާ ވަރަށް ފައިސާ ނެތް ކަމަށް ވިދާޅުވި އެވެ. މިސްރުގެ ޓްރެވަލް އެޖެންސީއެއް މެދުވެރިކޮށް، ރަފަހްއިން މިސްރަށް މީހުން އެތެރެ ކުރެވެނީ މިހާރު ބޮލަކަށް 10،000 ޑޮލަރު ދައްކައިގެންނެވެ.

މިންނާ ބުނިގޮތުގައި އާއިލާގައި ހިމެނޭ އޭނާގެ މަންމަ އާއި ކޮއްކޮމެންނާ އެކު ރަފަހް އިން ނުކުތުމަށް، 54،000 ޑޮލަރު ބޭނުންވެ އެވެ. އޭނާއަށް މިހާރު އެއްކުރެވިފައިވަނީ 517 ޑޮލަރެވެ.

މިންނާ ބުނިގޮތުގައި މަރުން ސަލާމަތްވެއްޖެ ނަމަ، އޭނާ އުޅެން ބޭނުންވަނީ ބައްޕައާ އެކު ރާއްޖޭގަ އެވެ. ހަނގުރާމަ ފެށުމުގެ ދެ އަހަރެއް ކުރިން އެ އާއިލާ، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި ވެސް ދިރިއުޅުނެވެ.

ޑރ. ކޯޑީގެ ގެ ފުނޑުފުނޑުކޮށްލާފައި. އޭނާގެ އާއިލާ މިހާރު ދިރިއުޅެނީ ރަފަހްގެ ޓެންޓެއްގައި
ޑރ. ކޯޑީގެ ގެ ފުނޑުފުނޑުކޮށްލާފައި. އޭނާގެ އާއިލާ މިހާރު ދިރިއުޅެނީ ރަފަހްގެ ޓެންޓެއްގައި

ގުޅުންހުރި ކަމެއް- މީގެ ކުރިން ވެސް ވަނީ، ދިވެހިންގެ އެހީގައި ފަލަސްތީނުގެ ދެ މީހަކު ރަފަހް އިން ނެރެފަ އެވެ. މިސްރުގައި ދިރިއުޅޭ ދިވެހި ދަރިވަރެއް ކަމުގައިވާ، މަރިޔަމް ބަރްޝާ އޭނާގެ އެކުވެރިޔާ ނަދާ މަހްމޫދު އަބްދުﷲ އާއި އޭނާގެ މަންމަ މިސްރަށް އެތެރެވެވުނީ ދިވެހިން ހަދިޔާ ކުރި ފައިސާއިންނެވެ.

ކޮމެންޓް (3)

ފާތިމަތު

2 އޭޕްރީލު 2024
އެ ބޭފުޅާގެ ބީ އެމް އެލް އެކައުންޓް ހޯދަދީ ހިއްސާ ކުރުމަށް ވަރަށް ބޮޑަށް އެދެން
4 0

ޙަސަނާ

31 މާރިޗު 2024
ފަލަސްތީނު ގެ ނިކަމެތި ރައްޔިތުން ގެ ވޭނުން ބަޔަކު ބޮޑު ވިޔަފާރި އެއް ފަށައިފި. ބޮލަކަށް 10000 ޑޮލަރު ނުނަގާ ވެސް މީހުން ބޭރު ކުރެވޭނެ. މާތް ﷲ ލަޢުނަތް ލައްވާށި ތި ޓްރެވަލް އެޖެންޓުންނަށް
46 4

ޙސހހއ

1 އޭޕްރީލު 2024
@ޙަސަނާ ވާނުވާ ބަލާފަ ކޮމެންޓް ކޮށްބަލަ. އެމީހުން އެކަން ކޮށްދެނީ ލިއްލާހިއަށްޓަކާ. އެކަމަކު ޔަހޫދީ ސީސީގެ ސަރުކާރަށާ ޔަހޫދީ އިޒްރޭލްށް އެހާ ފައިސާ ދެއްކީމަ ފުރާނައެއް ސަލާމަތް ކުރެވެނީ
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް