ރ. ފައިނު: ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ރީތި އެއް ރަށް

ރ. ފައިނު

އެއާޕޯޓާ އެކު 'ސޭވް ފައިނު'ގެ އަޑު އަނެއްކާވެސް ގަދަވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފައިނުގައި އެއާޕޯޓު އަޅަން ނިންމުމާ އެކު، ގިނަ ބަޔަކު އެކަމާ ދެކޮޅަށް ނުކުތް

ރ. ބެރިޔަންފަރުގައި އަޅާ އެއާޕޯޓު އެ އަތޮޅު ފައިނުގައި އަޅަން ނިންމުމާ އެކު، އަނެއްކާވެސް އެކަމާ ދެކޮޅަށް ބައެއް މީހުން އަޑުއުފުލަން ފަށައިފި އެވެ. 

މައްސަލައިގެ ފެށުން-  ރ. އަތޮޅުގެ ދެކުނު ބިތުގައި އޮންނަ ފައިނުގައި އެންމެ ފުރަތަމަ އެއާޕޯޓު އަޅަން ނިންމީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެކަމަކު ޑޮމެސްޓިކް އެއާޕޯޓަކާ އެކު ސިޓީ ހޮޓަލެއް އަޅަން ނިންމި އެ މަޝްރޫއާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލައި 'ސޭވްފައިނު'ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ވެސް ހިންގި އެވެ.

އޭރު އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ:

  • މަޝްރޫއު ހިންގުމަށް ރަށުގެ ބޮޑު ބައެއް ބޭނުން ކުރުން؛ ރަށުގެ ތިންބައިކުޅަ ދެބައި މަޝްރޫއުގެ ތެރެއަށް ފެތިގެންދޭ

  • ރަށުގެ އާމްދަނީ ބިނާވެފައި އޮތީ ދަނޑުވެރިކަމަށް އަދި އެ މަޝްރޫއުގެ ސަބަބުން ދަނޑުބިންތައް ގެއްލިގެންދޭ

  • ހިތްގައިމު ރަށެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ އެ ރަށުގެ ރީތިކަން މަޝްރޫއާ އެކު ގެއްލިގެން ދިޔުން

  • ތިމާވެށީގެ ޖަމިއްޔާތަކުން ވެސް އެ މަޝްރޫއާ ދެކޮޅަށް ކަންބޮޑުވުންތައް ފާޅުކުރި

އެއާޕޯޓު އަޅަން ނިންމުމާ އެކު ބައެއް މީހުން އިހްތިޖާޖްކޮށް، އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި، ފައިނަށް އުފަން އާދަމް ޝަރީފް އާއި ރައީސް އޮފީހަށް ޕެޓިޝަން ވެސް ފޮނުވި އެވެ.

ފައިނުގައި އެއާޕޯޓު އެޅުމާ ދެކޮޅަށް ކުރިން ހިންގި ކެމްޕޭނުގެ ތެރެއިން

އެންމެ ފަހުން ސަރުކާރު ބަދަލުވެ، ދެން އައި އެމްޑީޕީ ސަރުކާރުން ނިންމީ ފައިނުގެ ބަދަލުގައި އެ އަތޮޅު ބެރިޔަންފަރުގައި އެއާޕޯޓު އަޅާށެވެ.

ވީ ކިހިނެއް؟- ޕީޕީއެމް/ޕީއެންސީ ސަރުކާރުން މިހާރު ނިންމާފައިވަނީ، ރ. އަތޮޅުގައި އަޅާ އެއާޕޯޓު އަނެއްކާވެސް ފައިނަށް ބަދަލުކުރާށެވެ. އެއާ އެކު އެކަމާ މެދު ހިޔާލު ތަފާތުވެ، ކުރިން ހިންގި 'ސޭވް ފައިނު'ގެ އަޑު އަނެއްކާވެސް ވަނީ ގަދަވެފަ އެވެ.

އެ މީހުން ބުނާ ގޮތުގައި:

  • އެއީ ގިނަ މީހުންގެ ހިޔާލާ ދެކޮޅަށް ނިންމި ނިންމުމެއް

  • އެ މީހުން ދެކޭގޮތުގައި ގުދުރަތީ ރީތިކަން ލިބިފައިވާ މަދު ރަށްތަކެއް މިހާރު އޮތް އިރު، އެއާޕޯޓު އެޅުމުން އެ ރީތިކަން ގެއްލިގެންދާނެ

ފައިނަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވެސް ވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ.

'ސޭވް ފައިނު' ކެމްޕޭން ހިންގުމުގައި ކުރިން އިސްކޮށް ހަރަކާތްތެރިވެވަޑައިގެން ވަހީދު ވިދާޅުވި ގޮތުގައި:

  • ފައިނަކީ، މިހާރު ބޭނުންކުރާ އޭޓީއާރު ބޯޓުފަހަރު ޖެއްސޭވަރުގެ ރަންވޭއެއް ނެގެން އޮތް ރަށެއް ވެސް ނޫން

  • އެ ރަށުގައި އެއާޕޯޓު އެޅުމުގެ މަގްސަދަކީ، ރައްޔިތުންގެ ދިރިއުޅުން ނައްތާލައި، އެއާޕޯޓުގެ ނަމުގައި، ރަށުގެ އާބާދީ އެހެން ތާކަށް ބަދަލުކޮށް، ރަށް ވިއްކާލުމަށް ރޭވުމެއްގެ ތެރެއިން ހިންގާ ކަމެއް ކަމަށް ތުހުމަތުކުރައްވާ

އެނގުން މުހިއްމު- ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، ރ. އަތޮޅަށް ކުރެއްވި ދަތުރުތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމާ ގުޅޭ ގޮތުން ހިޔާލު ހޯއްދަވާފަ އެވެ. އޭރު، އެ އަތޮޅު އިނގުރައިދޫ މީހުންގެ އެންމެ ބޮޑު އެދުމަކަށް ވެފައި އޮތީ ފައިނުގައި އެއާޕޯޓު އެޅުމެވެ. އެކަމަކު ދެން ހުރި ގިނަ ރަށްތަކުން ބޭނުންވީ، ބެރިޔަންފަރު މަޝްރޫއު ކުރިއަށް ގެންދިޔުމަށެވެ.

އެކަމަކު ފައިނުގައި އެއާޕޯޓު އެޅުމަކީ މުއިއްޒުގެ ވައުދެކެވެ.

ރ. ފައިނު: ގިނަ މީހުން ބޭނުންވަނީ ރަށް ހިމާޔަތްކުރަން (ފައިލް ފޮޓޯ/ އައިލެންޑް ލެޖެންޑް

ފައިނުގައި އެއާޕޯޓު އަޅަން ނިންމުމާ އެކު، އެކަމަށް ތާއީދުކޮށް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަ އެވެ. އެ މީހުން ދެކޭ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ފައިނު ރައްޔިތުންގެ އިތުރުން މުޅި އަތޮޅަށް ވެސް ލިބޭނީ ފައިދާ އެވެ.

ކޮމެންޓް (1)

ޠާޙުޑި

28 މާރިޗު 2024
ޔަހޫދީންނަކަށްވެސް ހެޔޮގޮތެއް ނޯވޭ. ގެރީގެ ވާހަކަ އަޑުއަހަމެއްނު.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް