މާލޭގެ މަގެއް: ހުރިހާ މަގެއް ޗައިނާގެ ހިލޭ އެހީގައި ހަދަން ވަނީ ނިންމާފައި

މަގު ހެދުން

ޗައިނާގެ އެހީގައި މާލޭގެ ހުރިހާ މަގެއް ހެދުމުގެ މަޝްވަރާތަކަށް ޗައިނާގެ ޓީމެއް އަތުވެއްޖެ

ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހަދާ ނިމުމުން މާލޭގެ މަގުތަކުގެ ހުރިހާ މައްސަލައެއް ހައްލުވާނެ ކަމަށް

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގެއް ހެދުމުގެ މަޝްވަރާތަކަށް ޗައިނާގެ ޓީމެއް މިހާރު ރާއްޖެ އަތުވެއްޖެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އެގޮތަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ސަރުކާރު ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ އަހުމަދު ޒަމީރުގެ ކެމްޕޭނު ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގަ އެވެ.

ތަފްސީލް - "އެހެންވީމާ އެ ކުރަން ޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ކޮށް ނިމުނީމާ އެ މަސައްކަތް އަމަލީ ގޮތުން ފެށިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަގުތައް ހަދާ ނިމުމުން މިހާރު މާލޭގެ މަގުތަކަށް ދިމާވެފައިވާ ހުރިހާ މައްސަލައެއް އެކީ ހައްލުވާނެ ކަމަށެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ވެސް ރައީސް ވަނީ ޗައިނާގެ އެހީގައި މާލޭ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން މި އަހަރު ފަށާނޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޖެނުއަރީ މަހު ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާ އިން ރާއްޖެއަށް ދޭން ނިންމި 130 މިލިއަން ޑޮލަރުގެ ބޮޑު ބައެއް ހޭދަކުރާނީ މާލޭ މަގުތައް ހަދަން ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ގުޅުން ހުރި - ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭ މޭޔަރަކަށް ހުންނަވައިގެން މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރައްވަން އުޅުއްވި ކަމަށާއި ނަމަވެސް އޭރު އޮތް ސަރުކާރު އެ މަސައްކަތަށް ހުރަސްއެޅީ އެކަމަށް ކަނޑައެޅި ބަޖެޓު ވެސް ހިފެހެއްޓުމަށް ފަހު ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް