ޕީއެންއެފްއިން ކުރިން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ކެންަޑިޑޭޓަކާ ޔާމީން ސުވާލުކުރައްވަނީ. (ފޮޓޯ/ޕީއެންއެފް)

މާލެ ޕޯޓު ދުބާއީ ވޯލްޑަށް ދިނުމަކީ ބޮޑު ޖަރީމާއެއް: ޔާމީން

ޔާމީން ސިފަކުރައްވާ ގޮތުގައި މިއީ ޖީއެމްއާރަށް އެއާޕޯޓު ވިއްކާލުން ފަދަ ކަމެއް
26 މާރިޗު 2024

ދުބާއީ ސަރުކާރުގެ އިންވެސްޓުމަންޓް ކުންފުނި ދުބާއީ ވޯލްޑްއަށް މާލެ ވިޔަފާރި ބަނދަރު ވިއްކާލުމަކީ އިގްތިސާދީ ގޮތުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށާއި މިއީ ޖީއެމްއާރަށް އެއާޕޯޓު ވިއްކާލުން ފަދަ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - ޔާމީންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި ޔާމީން ވިދާޅުވީ މާލެ ޕޯޓު ދުބާއީ ވޯލްޑަށް ވިއްކާލަން ނިންމާފައިވާ ކަމުގެ އަޑު އިވިވަޑައިގެންފައިވާ ކަމަށެވެ.

"މިއީ ވަރަށް ހިތާމަވެރި ވާހަކައެއް، ކިރިޔާ ވެސް އިގްތިސާދީ ވިސްނުމެއް ފައިސާގެ ވިސްނުމެއް ހުންނަ މީހަކަށް ވެއްޖެއްޔާ އެނގޭނެ، ރާއްޖެ ކަހަލަ ވަށައިގެން ކަނޑު އޮންނަ ގައުމަކަށް އަދި އިރުން ހުޅަނގަށް ދަތުރުކުރާ ހުރިހާ ވިޔަފާރި މުދަލެއް، އަދި ހުޅަނގުން އިރަށް ދަތުރުކުރާ ހުރިހާ ވިޔަފާރި މުދަލެއް މި ދަނީ ރާއްޖޭގެ ދެ ޗެނަލް މެދުވެރިކޮށް[ކަން]،" ހުވަދޫ 'ވަން އެންޑް ހާފް ޑިގްރީ' ކަނޑާއި ރާއްޖެ އާއި އިންޑިއާއާ ދޭތެރޭ އޮންނަ ކަނޑަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ ރާއްޖެ ހުރަސްކޮށްފައި ނޫނިއްޔާ ބޮޑެތި ބޯޓުތައް ނުދާނެ. ދުނިޔޭގެ ކާގޯ ތުރޫޕުޓްގެ %50-60 މި ދަނީ ރާއްޖެ ހުރަސްކޮށްފައި. އެހާ ބޮޑު އިގްތިސާދީ ފައިދާ ނެގެން އޮތް ކަމެއް މިއީ."

ތަފްސީލު - ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ޔޫއޭއީއަށް ކުރެއްވި ރަސްމީ ދެ ދަތުރުފުޅެއްގައި ވެސް ދުބާއީ ވޯލްޑަށް ތިލަފުށި ނުވަތަ މާލެ ޕޯޓު ދިނުމަށް އެ ކުންފުނީގެ ހުށަހެޅުންތައް ރަސްމީކޮށް ލިބުނެވެ. އަދި އެކަމުގައި ދުބާއީ ވޯލްޑުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅާ ދެ ފަހަރެއްގެ މަތިން މާލެއަށް ވަޑައިގެންނެވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

30 ޖޫން 2014ގައި އޭރު ރައީސް ޔާމީންއާއި ދުބާއީ ޕޯޓްސް ވޯލްޑުގެ ޗެއާމަން ސުލައިމާން އަހްމަދު ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

'މިއީ އިގްތިސާދީ ގޮތުން ހިންގާ ބޮޑު ޖަރީމާއެއް'

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ދުބާއީ ވޯލްޑަށް މާލެ ޕޯޓު ނުދިން އެއް ސަބަބަކީ މިއީ ދިވެހިން އަމިއްލައަށް ވެސް ކުރެވޭ ވަރުގެ ކަމަކަށް ވުމެވެ.

އެގޮތުން "އޭރު ހިސާބު ހެދިއިރު މާލޭގައި ކޮންޓެއިނަރު ޓާމިނަލެއް ހެދުމަށް އޭރު ބޭނުންވާ ވަސީލަތުން 80 މިލިއަން ޑޮލަރުން އެކަން ކުރެވޭ" ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިއީ އިގްތިސާދީ ގޮތުން ހިންގާ ބޮޑު ޖަރީމާއެއް. އެއީ އެ މީހުންނަށް ކުއްޔަށް ދޭނީ 50 އަހަރަށް، 100 އަހަރަށް. އެއަކުން މާ ބޮޑު އެއްޗެއް އަޅުގަނޑުމެންނަށް ނުލިބޭނެ،" ޔާމީން ވިދާޅުވި އެވެ.

"އެކަމަކު މި ދެންނެވި ހުރިހާ ބޯޓުފަހަރު ރާއްޖެއިން ދާ ކަމަށްވާ ނަމަ މިއީ ގޯލްޑް މައިނެއް. ރަންވަޅެއް."

ޔާމީން ވިދާޅުވީ ދުބާއީ ވޯލްޑަށް މާލެ ޕޯޓު ދީފި ނަމަ، ރާއްޖެއަށް އަންނަ މުދަލުގެ އަގު ބޮޑުވުމުގެ އިތުރަށް، ޒަމާންތަކެއް ވަންދެން ރާއްޖޭގެ ޕޯޓުގެ ކޮންޓްރޯލް ވެސް ރާއްޖެއަށް ގެއްލޭނެ ކަމަށެވެ.

"ޖީއެމްއާރަށް އެއާޕޯޓް ވިއްކުން ކަހަލަ ކަމެއް މިއީ،" ޔާމީން ވިދާޅުވި އެވެ.

ދުބާއީ ވޯލްޑުން އިންޑިއާގެ ކޮޗިންގައި ތަރައްގީކުރި މިއަށްވުރެ ބޮޑު ޕޯޓަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، ރާއްޖޭގައި އެ ކުންފުނިން ހަދާ ޕޯޓަކީ އިންޓަނޭޝަނަލް ޕޯޓަކަށް ނުވާނެ ކަމަށެވެ.

"މިތަން ވާނީ އެ ތަނުގެ ސެޓެލައިޓަކަށް. އެ ތަނުގެ ކުޑަ ޕޯޓަކަށް. އެހެންވީމަ ދުވަހަކު ވެސް ދުބާއީގައި ހަދާފައި އޮތް ގޮތަކަށް ފްރީ ޒޯނެއް ހަދާ، މިކަހަލަ އެއްވެސް ކަމެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ.

"ކޮޗިންގައި އެ އޮތީ ފްރީ ޒޯން. އެހެންވީމަ މި ސަރަހައްދުގެ ހުރިހާ ކަމެއް ވެސް ހިނގާނީ ކޮޗިނުން. ރާއްޖެ ނަގަން ބޭނުންވާ ސަބަބަކީ ދިވެހިން އަމިއްލައަށް މިކަން ކޮށްފިއްޔާ ކޮޗިން ވާނީ މިތަނާ ވާދަކުރާ ތަނަކަށް."

މިކަމާ ގުޅޭގޮތުން ސުވާލުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވަ އެވެ. އެހެން ނަމަވެސް މާލެ ޕޯޓު ދުބާއީ ވޯލްޑަށް ދޭ ވާހަކަ ދޮގުކޮށް، މިނިސްޓަރާ ހަވާލާދީ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް