މާލޭ މަގުމައްޗަށް އަޅާފައި ހުރި ކުނިތައް ސާފުކުރުމުގެ މަސައްކަތުގައި ކައުންސިލްގެ މުވައްޒަފުން (ފޮޓޯ/މާލެ ސިޓީ ކައުންސިލް)
ފޮޓޯ ފޮނުވަން ފެށިފަހުން ވެސް މަގުމައްޗަށް ކުނި އެޅުން ނުހުއްޓޭ
މާލޭ މަގުތައް ސާފުކޮށް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ކުރާ މަސައްކަތުގެ ތެރެއިން މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވިޑިއޯ ފޮނުވަން ހުޅުވާލި ފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ ލިބޭ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މާލޭ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ސިޓީ ކައުންސިލަށް ފޮނުވަން ހުޅުވާލީ މިދިޔަ ހުކުރު ދުވަހު އެވެ. ސިޓީ ކައުންސިލުން އެ ފުރުސަތު ހުޅުވާލީ، މާލޭގެ މަގުތަކުގައި ކުނި ބެހެއްޓުމުގެ މައްސަލައަށް ހައްލެއް ނުލިބުމުންނެވެ.
ތަފްސީލް - ސިޓީ ކައުންސިލުގެ މީޑިއާ އޮފިިސަރު އާމިނަތު ޝަތުފާ މިއަދު 'ދައުރު'އަށް ވިދާޅުވީ ފޮޓޯ އާއި ވީޑިއޯ ފޮނުވަން ހުޅުވާލި ފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ ލިބޭ ކަމަށާއި ފޮޓޯ އާއި ވިޑިއޯ ހެކިތަކަށް ބަލައި އެމީހުންނާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
"ވީޑިއޯ އެވިޑެންސް އަށް ބަލައި މަގުމަތީ ކުނި ބަހައްޓާ މީހުން ފުލުހުންގެ އެހީއާ އެކު ދެނެގަނެ، އެމީހުން ޖޫރިމަނާ ކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
ޝަތުފާ ވިދާޅުވީ ރޭ ވެސް ނުވަ މީހަކު ޖޫރިމަނާ ކުރި ކަމަށެވެ. މަގުމަތީ ކުނި ބަހައްޓާ މީހުން ޖޫރިމަނާ ކުރަނީ 500ރ.ގެ ރޭޓުންނެވެ.
ސިޓީ ކައުންސިލުން ރޭ ވަނީ މަޖީދީމަގު ހީނާމާގޭ ޕާކިން ސަރަހައްދުގައި ކުނިތަކެއް ބަހައްޓަން ދިޔަ ބަޔަކު ޖޫރިމަނާކޮށް އެމީހުން ލައްވާ އެ ކުނިތައް އެތަނުން ނަގާ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.
ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ މާލެ އަކީ ސާފުތާހިރު ތަނަކަށް ހެދުމަށެވެ.
ފާހަގަ ކުރެވޭ - ފޮޓޯ ފޮޮނުވަން ހުޅުވާލުމުގެ ކުރިން ވެސް މަގުމަތީ ކުނިބަހައްޓާ މީހުން ދެނެގަނެވިއްޖެ ނަމަ ސިޓީ ކައުންސިލުން ދިޔައީ އެ މީހުން ޖޫރިމަނާ ކުރަމުންނެވެ.
މާލޭ މަގުމަތީ ކުނި ބަހައްޓާ މީހުން ޖޫރިމަނާކުރުމުގެ އިތުުރުން މަގުމަތީ ބަހައްޓާފައި ހުންނަ ކުނިތައް ނަގައި، މަގުތައް ސާފުކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
ލޮނުޒިޔާރަތްމަގު، ކެންގަރޫ ސުކޫލް ކުރިމަތީ ބަހައްޓާފައި ހުރި ކުނިތައް ނަގާ ސާފުކުރުން pic.twitter.com/llCmoozRVo
— Malé City Council (@MaleCitymv) March 24, 2024
-
އެ މަސައްކަތުގެ ތެރެއިން އިއްޔެ 32.9 ޓަނުގެ ކުނި ނަގާފައިވޭ
-
މިގޮތަށް ނަގާ ކުނީގެ ތެރޭގައި ގޭތެރެ ސާފުކޮށްފައި މަގުމައްޗަށް ނެރެފައި ހުންނަ ބޮޑެތި ކުނި ގިނަ އަދަދަކަށް ހިމެނޭ
-
މީގެ އިތުރުން ގޭގޭގައި އުފެދޭ ކުނި ވެސް މަގުމައްޗަށް ނެރެފައި ހުރޭ
ކޮމެންޓް (2)
ހިތަދޫ ހުސެން
ޞައްދާމު