ޑރ. މުހައްމަދު ޖަމީލް އަހުމަދު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޝަރީއަތް ލަސްވަނީ ވަސީލަތް ނެތުމުންނޭ ބުނާތީ ޖަމީލުގެ ރައްދު؛ 'ޔާމީނަށް ހުކުމް ކުރަންވީމައި ވަސީލަތް ގިނަވަނީބާ؟'

ޖަމީލު ވިދާޅުވީ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލާގައި ރޮކެޓް ސްޕީޑުގައި ހުކުމް ކުރުމަށް ފަހު ހަމަ އެ މައްސަލައިގެ އިސްތިއުނާފް ހުކުމް މިހާރު އޮތީ ފިނިހަކަ ސްޕީޑުގައި ކަމަށް

ކޯޓުގައި ޝަރީއަތްތައް ދިގުލައި، މައްސަލަތައް ނިންމުން ލަސްވަނީ ވަސީލަތްތައް ނެތުމުންކަމަށް ފަނޑިޔާރުން ވިދާޅުވާތީ ޔާމީންގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބްރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހެއްގައި ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރުމާ ގުޅޭ ގޮތުން އުސޫލުތަކެއް ކަނޑައަޅައި، އެކަން ކުރެވޭނެ ގޮތް ވަނީ ހަރުކަށިކޮށްފަ އެވެ.

އެ ޝަރީއަތުގެ ރިޔާސަތު ފަނޑިޔާރު ހުސްނުއްސުއޫދު ހުުކުމް އިއްވަވަމުން ވިދާޅުވީ:

  • މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކުރުވަފާނެ ކަމަށް ބެލެވޭ މީހަކު، ބަންދުގައި ދިގު މުއްދަތު ހޭދަވުމަކުން ނުވަތަ ބަލި ހާލަތުގެ ގޮތުންނާއި އެ ނޫން ވެސް ސަބަބަކާ ހުރެ ބަންދުން ދޫކޮށްލުމަކީ ގާނޫނުއަސާސީ ދައްކާ މަގެއް ނޫން 

  • ބަންދުގައި ގިނަ ދުވަހު ތިބެން ޖެހޭ މައްސަލަ ހައްލުވާނީ ޝަރީއަތް ކުރާނެ ތަންތަން ފަނޑިޔާރުންނަށް ދައްކައިދީ ޝަރީއަތްތައް އަވަސްކުރެވޭނެ ގޮތް ފަހިކޮށްދީގެން 

  • އެފަދަ ވަސީލަތްތައް ދައުލަތުން ޝަރީއަތަށް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުންމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި ރޮނގު އެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރު ދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް

ހައި ކޯޓުގައި ހުކުމާ ހަމަޔަށް އައިސް މަޑުޖެހިފައިވާ ވ. އާރަށު މައްސަލައިގައި ވެސް ޔާމީންގެ ދިފާއުގައި ކޯޓުގައި ވަކާލާތުކުރައްވާ ގާނޫނީ ޓީމުގެ އިސް ވަކީލު ޖަމީލް ވަނީ ސުއޫދުގެ އެ ވާހަކަތަކަށް އެކްސްގައި އިއްޔެ ރައްދުދެއްވައިފަ އެވެ. 

ބުނީ ކީކޭ؟ - އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ "ރޮކެޓް ސްޕީޑުގައި" ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތްތަކަކަށް ފަހު ކަން ޖަމީލު ފާހަގަކުރެއްވި އެވެ. އަދި ޝަރީއަތްތައް ލަސްވުމުގައި ވަސީލަތް ނެތުމުގެ ބަހަނާ ފަނޑިޔާރުން ނަންގަވާތީ ދެ ސުވާލެއް ކޯޓުތަކަށް އަމާޒު ކުރެއްވި އެވެ.

އެގޮތުން ވިދާޅުވީ:

  • ރައީސް ޔާމީނުގެ މައްޗަށް ހުކުމް ޖަހަންވީމަ އާރަށުގެ ޝަރީއަތް ރޮކެޓް ސްޕީޑްގައި ކުރިއަށް ގެންދެވުނީ ވަސީލަތް ގިނަވެގެންބާ؟ 

  • ހަމަ އެ މައްސަލައިގެ އިސްތިއުނާފު މިއަދު ފިނިހަކަ ސްޕީޑްގައި ދަނީ ވަސީލަތް މަދުވެގެންބާ؟

ޖުޑިޝަރީއަކީ މައުސޫމް، ވަކިފަރާތަކަށް ނުޖެހޭ އަދި ނުފޫޒުން މިނިވަން ބައެއް ކަމަށް ދައްކަން އުޅުމަކީ ބިންމަތީގައި ތިބެގެން ހަނދަށް ކުޅު ޖަހަން އުޅުން ކަހަލަ ކަމެއް ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި، މުޅި މުޖްތަމައުގައި ޖުޑިޝަރީގެ އިތުބާރު ވަރަށް ކުޑަކަމީ މިއަދުގެ ހަގީގަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނުކުރަންވީ ސިޔާސީވުން. ވެރިންގެ ރުހުން ހޯދަން އުޅުން. ކުނިވެ ފުޅައަޅާފައިވާ މަސްގަނޑެއް ފަދައިން މުޅި މާހައުލު ތަަގައްޔަރުކުރާ ސިޔާސީ ހަތިޔާރަކަށް ނުވާންވީ،" ޖަމީލުގެ ޕޯސްޓު ނިންމާލައްވަމުން ލިއުއްވި އެވެ.

އެނގުން މުހިންމު - އާރަށުގެ މައްސަލާގައި އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށް، މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވަން ޔާމީނަށް ޓިކެޓު ވެސް ލިބިވަޑައިގެންފައިވަނިކޮށް، އެ ފުރުސަތު ގެއްލުނީ ހައި ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ލަސްވަމުން ދިއުމުންނެވެ.

ހުކުމް ކުރުމާ ހަމަޔަށް މައްސަލަ ގޮސްފައި އޮންނަތާ ވެސް ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް އަދި އެ މައްސަލާގައި ހުކުމެއް ނުކުރެ އެވެ. ހުކުމް ކުރުން ލަސްވާ ސަބަބެއް ކޯޓުން ސާފުކޮށްނުދޭ ކަމުގެ ކަންބޮޑުވުންތައް ވެސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް ދަނީ ފާޅުކުރަމުންނެވެ.

ޔާމީން މިހާރު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް