އިރުފާން ތަގިއްޔު (ވ) އޭނާގެ ވަކީލާ އެކު މިއަދު ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި

ސުޕްރީމް ކޯޓު

އިރުފާން އަލުން ހައްޔަރުކުރަން އަމުރުކޮށް، ބަންދު މުރާޖައާ ކުރެވޭ ގޮތް ސުޕްރީމް ކޯޓުން ހަރުކަށިކޮށްފި

ސުޕްރީމް ކޯޓުން މިއަދު ވަނީ ހިނގަމުންދާ އަސްލު މައްސަލައިގެ ތެރެއިން ހާމަވާ ކަންކަމަށް ރިއާޔަތްކޮށް ބަންދު މުރާޖައާ ނުކުރެވޭނެ ކަމަށް ކަނޑައަޅާފައި

ޖުމްލަ 72 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރި މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ އިރުފާން ތަގިއްޔު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ދޫކޮށްލީ ގޯސްކޮށް ކަމަށް ނިންމައި، ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރެވޭ ގޮތް ސުޕްރީމް ކޯޓުން މިއަދު ހަރުކަށިކޮށްފި އެވެ.

މައްސަލައިގެ ފެށުން -  އިރުފާން، ސ. ހުޅުދޫ/ދޭލިޔާގެ ހައްޔަރުކުރީ، 8 ޑިސެމްބަރު 2020 ވަނަ ދުވަހުގެ ރޭގަނޑު 10 ޖަހާކަންހާއިރު، އިތުރު ބަޔަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެއްޗާއި ޕާޓީ ޑްރަގް އެތެރެކޮށް، ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރި މައްސަލައިގަ އެވެ.

އެ މައްސަލާގައި އިރުފާންގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައި ވާތީ އާއި މުޖުތަމައުގެ ސަލާމަތަށާއި ހެކިންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބަލައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމީ 24 ޑިސެމްބަރު 2020ގަ އެވެ. އެ ނިންމުން މުރާޖައާކޮށް، ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިދިނުމަށް މިދިޔަ އަހަރުގެ 29 އޮގަސްޓުގައި އިރުފާންގެ ފަރާތުން އެދުމުން، އެ ކޯޓުން ވަނީ އޭނާ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލަން 3 އޮކްޓޯބަރުގައި ނިންމާފަ އެވެ.

ވީ ކިހިނެއް؟ - އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން:

  • 26 ސެޕްޓެމްބަރު 2023 - ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރި

  •  3 ނޮވެމްބަރު 2023 - ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް އޭނާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމި؛ އަދި އޭނާ ބަންދުކުރަން ހުށަހަޅައިފި ނަމަ، އެކަމާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އަމުރުކުރި

  • 23 ނޮވެމްބަރު 2023 - ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އޭނާ ބަންދުކޮށްދިނުމަށް އެދި އަލުން ދައުލަތުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން ދެން ވެސް ނިންމީ އޭނާ ބަންދުކޮށްދެވެން ނެތް ކަމަށް

  • 5 ޑިސެމްބަރު 2023 - އެ މައްސަލަ އަލުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މި ފަހަރު އެ ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް

  • ހައި ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދައުލަތުން ދެން މި މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށް

ތަފްސީލް - މި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، އިރުފާން ބަންދުން ދޫކޮށްފައިވަނީ ރަނގަޅު ނޫން އުސޫލުތަކަކަށް ބިނާކޮށް އަދި ދަށު ކޯޓުގައި ހިނގާ އަސްލު މައްސަލައިގެ ނަޒާހަތްތެރިކަން ގެއްލޭނެ މޭރުމަކުން ކަމަށެވެ. އަދި އެ މައްސަލައިގެ ހުކުމް ކުރުމުގައި ފަނޑިޔާރުގެ ވިސްނުން ދުރާލާ ހާމަވާނެ އުސޫލަކުން ކަމަށް ވެސް ބުންޏެވެ.

އެހެންވެ އިރުފާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމާއި، އެ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުން ވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލުކޮށްފަ އެވެ.

ބަންދު މުރާޖައާ ކުރުމުގައި ފަނޑިޔާރުން ބަލަން ޖެހޭނެ އުސޫލުތަކެއް ކަނޑައަޅައި، އެ އުސޫލުތަކުގެ ދަށުން އިރުފާންގެ ބަންދާ މެދު، ހަތް ދުވަހުގެ ތެރޭގައި، އަލުން ގޮތް ނިންމުމަށް ކްރިމިނަލް ކޯޓަށް ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ. ކްރިމިން ކޯޓުން ގޮތެއް ކަނޑައެޅެންދެން ރިމާންޑު ޖަލެއްގައި އޭނާ ބަންދުކުރަން ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ބަންދު މުރާޖައާކުރުމުގައި ފަނޑިޔާރުން ބަލަން ޖެހޭ އުސޫލުތަކުގެ ގޮތުގައި ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ:

  • މީހެއްގެ މައްޗަށް ދައުވާކުރެވި ހިނގަމުންދާ އަސްލު މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުން ހާމަވާ ކަންކަމަށް ރިއާޔަތްކޮށްގެން އެ މީހަކު ބަންދު މުރާޖައާކޮށްގެން ނުވާނެ

  • މައްސަލައިގެ ޝަރީއަތްކުރުމުގެ ކުރިން މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކާ މެދު ފަނޑިޔާރަށް ފެންނަ ގޮތް ހާމަކޮށްގެން ނުވާނެ؛ އޭރުން މައްސަލައިގެ މުއާލަތް ކެނޑި މައްސަލައިގެ ހުކުމް އަންނާނެ ގޮތް އެނގި ޝަރީއަތް ހިނގަމުންދާ މައްސަލައަށް އަސަރުކުރޭ

  • ބަންދު މުރާޖައާ ކުރުމުގައި ޝަރީއަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ އެއްވެސް ކަމަކަށް ފަނޑިޔާރު ރިއާޔަތްކޮށްގެން ނުވާނެ

  • ބަންދު މުރާޖައާ ކުރުމުގައި ފަނޑިޔާރު ބަލަންވާނީ ގާނޫނު އަސާސީގެ 49ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތަކަށް ބަދަލެއް އައިސްފައިވޭތޯ

  • ފުރަތަމަ ބަންދުގެ އަމުރު ދީފައިވަނީ ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމުގެ ބިރު އޮތުމުން ކަމަށްވާ ނަމަ އެކަން ޕްރޮސިކިއުޝަނުންނާއި ފުލުުހުންގެ ކިބައިން ސާފުކުރެވިދާނެ

  • ފުރަތަމަ ބަންދު އަމުރު ދީފައިވަނީ ފިލާފާނެ ކަމުގެ ބިރު އޮތުމުން ކަމަށްވާ ނަމަ އެކަން ބަދަލުވެފައި އޮތްތޯ ފުލުހުންނާއި ޕްރޮސިކިއުޝަނުން ސާފުކުރެވިދާނެ

  • ފުރަތަމަ ބަންދު އަމުރު ދީފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެގެން ނަމަ އެކަން ބަންދު މުރާޖައާކުރާ ވަގުތު ބަދަލުވެފައި އޮތްތޯ ފުލުހުންނާއި ޕްރޮސިކިއުޝަނުން ސާފުކުރެވިދާނެ

  • ފުރަތަމަ ބަންދު އަމުރު ދީފައިވަނީ ކޯޓަށް ހާޒިރުނުވާނެކަމުގެ ބިރު އޮންނަ ހާލަތުގައި ނަމަ އެކަން ބަދަލުވެފައި އޮތްތޯ ފުލުހުންނާއި ޕްރޮސިކިއުޝަނުން ސާފުކުރެވިދާނެ

  • ބަންދުގައި ބަހައްޓަން ޖެހޭނެ ސަބަބެއް ނެތް ނަަމަ ހާޒިރުވާނެ ކަމުގެ ޔަގީންކަމަށް ވަކި އަދަދެއްގެ ފައިސާ ކޯޓުގައި ބަހައްޓަން އަމުރުކުރެވިދާނެ

ސްޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބަންޗު(ކ،ވ)؛ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ އިރުފާނަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމާއި، މަސްތުވާތަކެތީގެ ކުށުގައި ޝާމިލުވާކަން ކޯޓަށް މައްސަލަ ހުށަހެޅިއިރު ހުށަހަޅާފައިވާ ހެކިތަކުން އެނގޭ ކަމަށެވެ.

މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކުރުވަފާނެ ކަމަށް ބެލެވޭ މީހަކު، ބަންދުގައި ދިގު މުއްދަތު ހޭދަވުމަކުން ނުވަތަ ބަލި ހާލަތުގެ ގޮތުންނާއި އެ ނޫން ވެސް ސަބަބަކާ ހުރެ ބަންދުން ދޫކޮށްލުމަކީ ގާނޫނުއަސާސީ ދައްކާ މަގެއް ނޫން ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ބަންދުގައި ގިނަ ދުވަހު ތިބެން ޖެހޭ މައްސަލަ ހައްލުވާނީ ޝަރީއަތް ކުރާނެ ތަންތަން ފަނޑިޔާރުންނަށް ދައްކައިދީ ޝަރީއަތްތައް އަވަސްކުރެވޭނެ ގޮތް ފަހިކޮށްދީގެން ކަމަށް ވެސް ހުކުމުގައި ފާހަގަކުރެއްވި އެވެ.

"އެފަދަ ވަސީލަތްތައް ދައުލަތުން ޝަރީއަތަށް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުންމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި ރޮނގު އެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރު ދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް،" ސުއޫދުގެ ރައުޔުގައި ވިދާޅުވި އެވެ.

އެނގުން މުހިންމު - މި މައްސަލާގައި އިރުފާންއާ އެކު 10 މީހަކު ހައްޔަރުކޮށް ދައުވާކުރި ނަމަވެސް، އޭގެ ތެރެއިން ހަތް މީހެއްގެ ދައުވާތައް ޕީޖީ އޮފީހުން ވަނީ ފަހުން އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ މި މައްސަލާގައި މިހާރު ޝަރީއަތް ހިންގަނީ އިރުފާން ހިމެނޭހެން ތިން މީހެއްގެ މައްޗަށެވެ.

އިރުފާންގެ އިތުރުން ދެން މި މައްސަލާގައި ޝަރީއަތް ހިނގަމުންދާ ދެ މީހުންނަކީ:

  • އަހުމަދު ނަސީރު، އަނބުގޮސްދޮށުގެ/ދ. މާއެނބޫދޫ

  • މުހައްމަދު އަކްރަމް، ހ. ގާޑެންބިއުޓީ/މާލެ

ކޮމެންޓް (1)

ސުއޫދު

25 މާރިޗު 2024
"އެފަދަ ވަސީލަތްތައް ދައުލަތުން ޝަރީއަތަށް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުންމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި ރޮނގު އެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރު ދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް،" ސުއޫދުގެ ރައުޔުގައި ވިދާޅުވި އެވެ. މަތީގައިވާ އިބާރާތަކީ ޝަރުއީ ހުކުމުގައި ލިއުން އެކަށީގެންވާ ފަދަ އިބާރާތެއް ނޫން. އަދި އެއީ ހުކުމާއި ގުޅޭ ވަހަކައެއްވެސް ނޫން. ތަނާއި ވަސީލަތް ހޯދުމުގެ ނިޔަތުގައި ހުކުމުގައި އެފަދަ ވާހަކަ ލިއުމަކީ ތަންދޮރު ނޭގުން. ނުވަތަ ތިމާ މާމޮޅުކަމަށް ހީކުރުން. ހުކުމުގައި މެންދުރު ކާއެއްޗެހީގެ ވާހަކަވެސް ލިޔަންވީނުން. ތަނާއި ވަސީލަތް ހޯދުމަށް ސަރުކާރަށް ލިޔާނީ އެހެން ރަސްމީ ސިޓީއަކުން. ވަސީލަތް ލިބެންދެން ހުރި ވަސީލަތެއް ރަގަޅު ގޮތުގައި ބޭނުންކުރާނީ. ވަޒީފާގައި ތިބެގެން އެންމެން ލާރި ޕަކަޅާކުރާނީއެއްނުން. ދެދުވަހުން އެމެރިކާ ފެންވަރަށް ރާއްޖެ ނުދާނެކަން އެގެއެއްނު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް