ކުޑަހުވަދޫ ސްކޫލުގެ ދަރިވަރުން، މުބާރާތް ލައިވްކޮށް ގެނެސްދެނީ

ތައުލީމު

ކުޑަހުވަދޫ ސްކޫލުން މިކުރީ ސަޅިކަމެއް، އިވެންޓު ލައިވް ކުރީ ދަރިވަރުން

މިއީ ރާއްޖޭގެ ސްކޫލެއްގައި ދަރިވަރުން އަމިއްލައަށް، މި ފެންވަރަށް ހަރަކާތެއް ލައިވްކޮށް ގެނެސްދިން ފުރަތަަމަ ފަހަރު

އާއްމު ގޮތެއްގައި ސްކޫލުތަކުން ކުރިއަށް ގެންދާ ހަރަކާތްތަކާއި މުބާރާތްތައް ފޮޓޯނަގައި ވީޑިއޯ ކުރުމުގައި އުޅެނީ އެކަމަށް ހާއްސަކޮށްފައިވާ މުވައްޒަފުންނެވެ. އެކަމަކު ދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ އެ ސްކޫލުގައި ކުރިއަށް ގެންދާ ހަރަކާތްތައް ދަރިވަރުން ލައްވާ ކެމެރާކޮށް އެ އިވެންޓު ވަގުތުން ގެނެސްދޭން ފަށާފަ އެވެ. މިއީ އަދި ރާއްޖޭގައި ދަރިވަރުންތަކެއް އަލަށް ކުރަން ފެށި ތަފާތު އަދި ސަޅި ތަޖުރިބާ އެކެވެ.

ދ. ކުޑަހުވަދޫގައި ހުންނަ އެ ސްކޫލުގެ އާޓް އެންޑް މީޑިއާ ކްލަބުން، މިދިޔަ ހަފުތާގައި ވަނީ ސްކޫލުގެ ފުޓްސަލް މުބާރާތެއް ލައިވްކޮށް ގެނެސްދީފަ އެވެ. މުބާރާތުގެ މަންޒަރުތައް ނެގީ، ގިނަ ކެމެރާތަކެއް ބޭނުންކޮށްގެން ތަފާތު އޭންގަލްތަކުންނެވެ. ދަރިވަރުން ނަގާ އެ މަންޒަރުތައް، ކަޓް ސްވިޗަކުން ބުރިކޮށް ގުޅުވައި، އޯޑިއޯ އާއެކީ ވަގުތުން ގެނެސްދޭން ތިބީ ވެސް ދަރިވަރުންނެވެ.

މުބާރާތުގެ ލައިވް ފީޑްގެ ކޮންޓްރޯލް  ދަރިވަރުން ބަލަހައްޓަނީ

"މި އިވެންޓުގެ ހުރިހާ ކަމެއް ވެސް، މުޅި ޕްރޮޑަކްޝަން ފްލޯ ހުންނާނީ ހަމަ ޓީވީ ސްޓޭޝަނެއްގެ ފެންވަރަށް،" ދަރިވަރުންނަށް މިކަމުގެ ތައުލީމާއި ހުނަރު ފޯރުކޮށްދެމުން އަންނަ، އެ ސްކޫލުގެ މުވައްޒަފު ހުސެން ރަޝީދު ބުންޏެވެ.

ހަތް އަހަރު ވާންދެން ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރުމަށް ފަހު މިހާރު ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އާޓް އެންޑް މީޑިއާ ކްލަބްގައި ދަރިވަރުންނަށް ކިޔަވައިދެމުން އަންނަ ހުސެން ބުނިގޮތުގައި ސްކޫލުގެ މަގްސަދަކީ ކިޔެވުން ނިންމައި ދަރިވަރުން މަސައްކަތަށް ނުކުންނައިރު ވެސް ކަމުގެ ތަމްރީނު ލިބިފައި ހުރުމެވެ. އެ ކްލަބްގައި މި މަސައްކަތްތައް ކުރާނެ ގޮތުގެ ތިއަރީ ބަޔާއި ޕްރެކްޓިކަލް ބައި ކުރިއަށް ގެންދެ އެވެ. އެހެންވެ، ދަރިވަރުން ވަގުތުން ގެނެސްދޭ މި އިވެންޓުތައް ބަލާލުމުގައި ވެސް އައިބުކަމެއް ނުހުރެ އެވެ.

ކުޑަހުވަދޫ ސްކޫލުގެ ދަރިވަރުން، މުބާރާތް ލައިވްކޮށް ގެނެސްދެނީ. އެކި އޭންގަލްތަކުން ދަރިވަރުން ކެމެރާ ކުރި

ހުސެން ބުނިގޮތުގައި މުޅި ހަރަކާތް ވެސް ކޮންޓްރޯލް ކުރަނީ ހަމަ ދަރިވަރުންނެވެ. އެކި އޭންގަލްތަކުން ކެމެރާ ކުރާއިރު، ނަގާނެ މަންޒަރުތައް ދަރިވަރުންނަށް އެނގެ އެވެ. އަދި ފޭސްބުކް ނުވަތަ ޔޫޓިއުބު ފަދަ މަންސަތަކުން ހަރަކާތް ވަގުތުން ދައްކާއިރު، ދެން ގެނެސްދޭނީ ކޮން މަންޒަރެއްކަން، ކަޓް ސްވިޗްގައި ތިބޭ ކުދިންނަށް އެނގެ އެވެ. އިންޓަމް ސިސްޓަމުން ވާހަކަ ދައްކާނެ ގޮތް ވެސް އެ ކުދިން ވަނީ ދަސްކޮށްފަ އެވެ.

"އެއީ ދަރިވަރުން ދަސްކޮށްގެން ކުރާ ކަމެއް. ވައިޑް ޝޮޓް ކެމެރާގައި ހުންނަ ކުއްޖާއަށް އެނގޭނެ އޭނާ ނަގަން ޖެހޭ މަންޒަރު. އެ މަންޒަރުތައް ކަޓްކޮށް، ދެން ގެނެސްދޭން ޖެހޭ އޭންގަލް، ކޮންޓްރޯލްގައި ހުންނަ ކުއްޖާއަށް އެނގޭނެ.: ހުސެން ބުންޏެވެ.

ކުޑަހުވަދޫ ސްކޫލުގެ ދަރިވަރުން، މުބާރާތް ލައިވްކޮށް ގެނެސްދެނީ

މިދިޔަ ހަފުތާގައި ބޭއްވި ފުޓްސަލް މުބާރާތުގެ ފައިނަލް މެޗާއި ނިމުމުގެ ރަސްމިއްޔާތުގެ ލައިވް ހަރަކާތުގެ އިތުރުން، އެ ދަރިވަރުން މިދިޔަ އަހަރު ބޭއްވި ސްކޫލުގެ މަދަހަ މުބާރާތް ވެސް ވަނީ ވަގުތުން ގެނެސްދީފަ އެވެ. ކެމެރާގެ ފުރަގަހުގައި އާއި ކޮންޓްރޯލް ސިސްޓަމްގައި މުޅިން ވެސް ތިބެނީ ސްކޫލުގެ ދަރިވަރުންނެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިންނެވެ.

14 ވަރަކަށް ކުދިން އުޅޭ އާޓް އެންޑް މީޑިއާ ކްލަބްގައި، ދަރިވަރުން ބޭނުން ކުރާނެ ވަސީލަތްތައް ހުރެ އެވެ. ހަރަކާތްތަކުގެ އަމަލީ ބައި ބޮޑަށް ގެނެސްދެނީ ގްރޭޑް އަށަކުން މަތީގެ ދަރިވަރުންނެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އާޓް އެންޑް މީޑިއާ ކްލަބްގެ ދަރިވަރުން

"އަޅުގަނޑުމެން ބޭނުންވީ ގިނަ އޭންގަލްތަކަކުން ގެނެސްދޭ ލައިވް ޕްރޮޑަކްޝަންއެއްގެ އަމަލީ މަސައްކަތް ދަރިވަރުން ތަޖުރިބާ ކުރުން. މި ކުދިންނަށް މިހާރު އެނގޭނެ މި ފަދަ އިވެންޓުތައް، ޕްރޮފެޝަނަލް ކަމާއެކު ލައިވްކޮށް ގެނެސްދޭން،" ހުސެން ބުންޏެވެ.

ކޮމެންޓް (1)

އާދަނު123

20 މާރިޗު 2024
މިހާރުތީ މާއުނދަގޫ ކަންކަމެއް ނޫން ސުކޫލު ކުދިން އެއުޅެނީ ޓިކްޓޮކް ހަދަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް