ބާ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ހުސައިން ސިރާޖް. (ފައިލް ފޮޓޯ/ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު)

ބާ ކައުންސިލް

ބާ ކައުންސިލް ރައީސަކަށް ހުސައިން ސިރާޖު އިންތިހާބުވެއްޖެ

އާ ރައީސެއް އިންތިހާބުކުރުމުގެ އިތުރުން އެގްޒެކެޓިވް ކޮމިޓީއަށް އަހުމަދު ޝިފާއު ވަނީ ހޮވާފައި

ބާ ކައުންސިލްގެ އާ ރައީސަކަށް ތަޖުރިބާކާރު ގާނޫނީ ވަކީލު ހުސައިން ސިރާޖު އިންތިހާކޮށްފި އެވެ.

ވީ ކިހިނެއް؟ - ބާ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި އިސްމާއިލް ވިޝާމް ޖެނުއަރީ 31ގައި ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން އެ މަގާމު ވަނީ ހުސްވެފަ އެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން ހޮވުމަށް 'ފަހި ވޯޓު' މެދުވެރިކޮށް މިއަދު މެންދުރު ފަހު އޮންލައިން އިންތިހާބެއް ބާއްވާފައިވެ އެވެ. ސިރާޖުއަށް ރައީސްކަން ލިބިވަޑައިގެންނެވީ އެ ވޯޓުގެ އަގުލަބިއްޔަތުންނެވެ.

ތަފްސީލް - ބާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން ސިރާޖާ ދެކޮޅަށް އެ މަގާމަށް ވާދަކުރެއްވީ މުހައްމަދު ފައިސަލް އެވެ. ވޯޓުގެ ނަތީޖާ އަކީ:

  • ހުސައިން ސިރާޖް - 224 ވޯޓު

  • މުހައްމަދު ފައިސަލް - 172 ވޯޓު

މި އިންތިހާބުގައި ވޯޓުލުމަށް 991 ގާނޫނީ ވަކީލުން ރަޖިސްޓްރީވެފައިވާ އިރު، ވޯޓު ލާފައިވަނީ 396 ބޭފުޅުންނެވެ.

އެނގުން މުހިއްމު - ލަންޑަންގެ މިޑްލްސެކްސް ޔުނިވާސިޓީން ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ސިރާޖު ވަނީ މީގެ ކުރިން ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)ގެ ޗެއާޕާސަންކަން ކަމާއި މީރާގެ ބޯޑު މެމްބަރުކަން ކުރައްވާފަ އެވެ.

ވިހި އަހަރުގެ ތަޖުރިބާ އާއެކު ގާނޫނީ ދާއިރާގެ އެކި ރޮނގުރޮނގުން ފާހަގަކޮށްލެވޭ ސިރާޖަކީ ރާއްޖޭގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ނައިބު ރައީސް ވެސްމެ އެވެ. 

ފާހަގަކޮށްލެވޭ - ބާ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމުގެ އިތުރުން، އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލައްވާފައިވާ އަހުމަދު ޝިފާއު އެ މަގާމަށް އިންތިހާބު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ވެސް މިއަދު ނަގާފައިވެ އެވެ. އެ ވޯޓުގައި:

  • ފެންނަ ކަމަށް ވޯޓުލެއްވީ 248 ބޭފުޅުން

  • ނުފެންނަ ކަމަށް ވޯޓު ލެއްވީ 88 ބޭފުޅުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް