ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދަނީ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

ފުލުހުން ބޭނުންވަނީ ހާއްސަ ހާލަތްތަކުގައި ކުޑަކުއްޖެއް ވިޔަސް ބިޑި އަޅުވަން

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން 18 އަހަރު ނުފުރޭ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާއިރު ބިޑިއެއް ނޭޅުވޭނެ

ހާއްސަ ހާލަތްތަކުގައި ކުޑަކުދިންގެ އަތުގައި ބިޑި އެޅުވޭ ގޮތަށް ކުޑަކުދިންގެ އަދުލުގެ ގާނޫނު އިސްލާހު ކުރަން ބޭނުންވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެނގުން މުހިއްމު - އުމުރުން 18 އަހަރު ނުފުރޭ ކުދިން ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާއިރު ބިޑި އެޅުވުމާއި އެއްވެސް ހާލަތެއްގައި ހަތިޔާރު ބޭނުމެއް ނުކުރެވޭނެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ގާނޫނު މުރާޖައާ ކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހާއި ހޯމް މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ފަށާފައިވާ ކަމަށް ވިދާޅުވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒް އެވެ.

ބުނީ ކީކޭ؟ - އޭނާ ވިދާޅުވީ ގާނޫނުތައް ބައްޓަން ކޮށްފައިވާ ގޮތާއި ގާނޫނުތަކުގެ ދަށުން ބައެއް ކަހަލަ ގަވައިދުތައް ފަރުމާކޮށްފައި ހުންނަ ގޮތުން، ކުޑަކުދިން ކުރާ ކުށްތަކުގެ ތަހުގީގުގައި ފުލުހުންނަށް އުނދަގޫވާ ކަމަށެވެ.

"ފުލުހުން އެންމެ އަސާސީ ގޮތެއްގައި ބޭނުންކުރާ ބައެއް ކަހަލަ އާލާތްތައް [އަދި] ހަތިޔާރު، މިސާލަކަށް ބިޑި، ޕެޕާ ސްޕްރޭ، ބެޓަން، މި އެއްޗެހި ބޭނުންކުރުމުގައި ފުލުހުންނަށް އެބަ ހުރޭ ހުރަސްތައް ގާނޫނުތައް ފަރުމާކުރެވިފައި ހުރި ގޮތް ގޮތުން،" ނާފިޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ބިޑި ވެސް ބޭނުންކުރަން ވަޔަލެންޓްވާ ހާލަތްތަކުގައި އެއީ ކުޑަކުއްޖެއް ވިޔަސް."

އޭނާ ވިދާޅުވީ ގާނޫނުގައި ކުޑަކުދިންގެ ގޮތުގައި މާނަ ކުރިޔަސް 18 އަހަރު ފުރެން ކައިރިވެފައި ތިބޭ އުމުރުފުރައިގެ ކުދިން މީހުން މެރުމާއި ވައްކަމާއި މާރާމާރީ ހިންގުން ފަދަ ބޮޑެތި ގޭންގު ކުށްތަކުގައި ބައިވެރިވާ ކަމަށެވެ.

"ކުޑަކުދިން ކުރާ ކުށްތަކޭ އަޅުގަނޑުމެން ދެންނެވި ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ތެރޭގައި 18 އަހަރު ހަމަ ނުފުރި ކިރިޔާ، 17 އަހަރާއި 18 އަހަރާ ދެމެދު ތިބޭ ހަމަ ބޮޑެތި މީހުންނޭ އަޅުގަނޑުމެންނަށް ބުނެވޭ ހިސާބުގައި ތިބޭ ވަރުގަދަ، ހަށިގަނޑުގެ ގޮތުން ވެސް، އަދި އެމީހުންގެ ވިސްނުމާއި ފިކުރާ ހުންނަ ގޮތުން ވެސް ބޮޑެތި މީހުންނާ އެއްވަރަށް މަސައްކަތްކުރާ،" ނާފިޒް ވިދާޅުވި އެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ (ފޮޓޯ/ ފުލުހުން)

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:

  • ގާނޫނުގައި އޮންނަނީ އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖަކު ހައްޔަރު ކުރާއިރު އެކުދިންނަށް ފެންނަ ގޮތަށް ވެސް ފުލުހުންގެ އާލާތްތަކާއި ހަތިޔާރު ގެންގުޅެގެން ނުވާނެ ކަމަށް ދޭހަވާ ގޮތަށް

  • ސީންތަކަށް އެޓެންޑުވާ ފުލުހުންގެ އަތުގައި އާންމު ގޮތެއްގައި ބިޑި އާއި މުގުރު ހުންނާނެ؛ އެ ތަނުގައި ހުންނަ ކުޑަކުއްޖާއަށް އެ އެއްޗެހި ނުފެންނާނެހެން ހެދޭނެ ގޮތެއް ނެތް

"އަޅުގަނޑު ނުދަންނަވަން ވަކި ގޮތަކަށް، ވަކި ކަހަލަ ގޮތަކަށް ބޭނުންކުރެވޭ [ގޮތަށޭ ގާނޫނު އިސްލާހު ކުރަން ބޭނުންވަނީ]. އެންމެ ކުޑަމިނުން އެ އެއްޗެހި އެ މީހުންނަށް [އެ ކުދިންނަށް] ފެނުން އެއީ މައްސަލައެއް ނޫނޭ އޮވެއްޖެއްޔާ ވެސް އަޅުގަނޑުމެންނަށް ހައްލެއް އެއީ. އެއީ ސީނަށް އެޓެންޑުވާ މީހާ އެކަމަކާ ފިކުރު ކުރާކަށް ނުޖެހޭނެ މީތި ފެނިދާނެތީ. އެއީ ގާނޫނީ ގޮތުން ކުށަކަށް ނުވާނެ އޭރަށް،" ނާފިޒް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ކ)ގައި ވާގޮތުން:

  • ކުޑަކުއްޖަކު ހައްޔަރުކުރާ ތަނެއްގައި ތިބޭ ފުލުހުން އެކުދިންނަށް ފެންނަ ތަނެއްގައި އެއްވެސް ހަތިޔާރެއް ގެންގުޅެގެން ނުވާނެ

އެ މާއްދާގެ (ކ)ގައި އެހެން އޮތް ނަމަވެސް، އެކަން އިސްތިސްނާވާ ހާލަތްތައް ވެސް ހަމަ އެ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން:

  • ނުރައްކާތެރި ކުށެއް ހިނގަމުންދާކަމުގެ މައުލޫމާތު ލިބިގެން އެ ކުށެއް ކުރަމުންދާ ކަމަށް ބެލެވޭ ތަނަކަށް ނުވަތަ ކުށެއް ހިނގައިގެން އުޅޭ ތަނަކަށް ދާ ހާލަތު ފާހަގަކޮށްފައިވޭ

  • އެ ހާލަތުގައި ނުރައްކާ ނައްތާލަން ގާނޫނުން ހުއްދަކޮށްފައިވާ އާލާތްތައް ފުލުހުންނަށް ބޭނުންކުރެވޭނެ ކަމަށް އެ މާއްދާގައި ބުނޭ

ފާހަގަކޮށްލެވޭ - މީގެ ފަސް އަހަރު ކުރިން 2019ގައި އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ކުށްތަކަށް ހުށަހެޅޭ ކުޑަކުދިންނާ މެދު އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވެ އެވެ. އެ ގާނޫނުގެ ދަށުން، 18 އަހަރު ނުފުރޭ ނަމަ ބަލަނީ ކުޑަކުއްޖެއްގެ ގޮތުގަ އެވެ.

މި ގާނޫނުގެ މަގްސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން އަލުން އަނބުރާ މުޖުތަމައުއަށް ނެރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް