މަނީ އެކްސްޗޭންޖެއްގައި މީހަކު ބޭރު ފައިސާ މާރު ކުރަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ބިދޭސީން ޑީޕޯޓް ކުރަނީ

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ހަތް ބިދޭސީއަކު އަތުލައިގެންފައި

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދަނިކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކުރަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީ އިން ގެންގުޅޭ ސިޔާސަތުގެ ދަށުން މި މަހުގެ 9 ވަނަ ދުވަހު އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެ އިދާރާގެ ބެލުމުގެ ދަށަށް ހަތް ބިދޭސީއަކު ގެންދިޔަ އެވެ.

ތަފްސީލް - އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމާން ވަހީދު މިއަދު ވަނީ ރާއްޖެ ނާދެވޭ ގޮތަށް އެ މީހުން ޑީޕޯޓް ކުރަން ނިންމާފައިވާކަން، އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ހާމަކުރައްވައިފަ އެވެ.

ފަސްމަންޒަރު - ގަވައިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުންގެ ސަބަބުން ޑޮލަރުގެ އަގު އުފުލޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެފަދަ ވިޔަފާރިތައް ކުރާ ބިދޭސީންނަށް އަމާޒުކޮށްގެން މިފަހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަތް މީހަކު އަތުލައިގަތުމާ ބެހޭ ގޮތުން އިމިގްރޭޝަން އިން ބުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ބަހައްޓާފައި ހުރި ޑޮލަރު އޭޓީއެމް ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ގަނެވިއްކުމުގައި ހަރަކާތްތެރިވާކަން ފާހަގަވެފައިވާ ކަމަށެވެ. 

އިމިގްރޭޝަން އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި އިތުރަށް ބުނިގޮތުގައި:

  • އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އާއި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި އެފަދަ މީހުން ދެނެގަތުމަށް ހާއްސަ ހަރަކާތްތަކެއް ހިންގި

  • އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެންނަކީ ވެސް ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރާ ބިދޭސީން 

  • އޭގެ ތެރޭގައި ސައްހަ ވީސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ

ކުރިއަށް އޮތް ތަނުގައި ވެސް މި އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.

ކޮމެންޓް (1)

އާންމު މީހާ

16 މާރިޗު 2024
ކޮބާ ރާވިއްކާ ބިދޭސީމީހާ؟ ކޮބާ ހަކުރުވިއްކާ ބިދޭސީމީހާ؟ ކޮބާ ޕާޓޭ ބިދޭސީމީހާ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް