ދަތުރުވެރިންގެ މާރުކޭޓް. (ދައުރު ފޮޓޯ/ހުސައިން ސުުނައިން)

ފާސްނެތި ބިދޭސީން ލައްވާ މާރުކޭޓުގައި ތަކެތި ވިއްކާ މީހުން ޖޫރިމަނާ ކުރަން ފަށައިފި

ދީފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ ނުވަތަ އެކަން ތަކުރާރު ކުރާ ނަމަ ކައުންސިލުން މާރުކޭޓު ގޮޅި އަތުލާނެ

ފާސް ނެތި މާރުކޭޓުގައި ބިދޭސީން ލައްވާ ތަކެތި ވިއްކަމުންދާ ގޮޅިތަކުގެ ވެރިފަރާތްތައް ޖޫރިމަނާ ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މާރުކޭޓު ގޮޅީގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ އެކަމުގެ ހުއްދަ ދީފައިވާ ފާހެއް އޮތް ނަމަ އެވެ. ނަމަވެސް، ރޯދަ މަހާ ދިމާކޮށް ފާސް ނެތި ބިދޭސީން މާރުކޭޓު ގޮޅިތަކުގައި ތިބޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ތަފްސީލް - އެކަމާ ގުޅިގެން، ފާސް ނެތި ބިދޭސީން ގޮޅިތަކުގައި ތިބޭ ނަމަ، އެ ގޮޅިތަކުގެ ވެރި ފަރާތް ޖޫރިމަނާ ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކައުންސިލުން މިއަދު މީޑިއާއާ ހިއްސާ ކޮށްފައިވާ ގޮތުގައި:

  • އެ މައްސަލާގައި މާޗު މަހު ނުވަ މީހުން ޖޫރިމަނާ ކޮށްފައިވޭ؛ މިއަދު ވެސް ދެމީހަކު ޖޫރިމަނާ ކުރި

  • ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 2،000ރ. އިން

  • ދެވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 4،000ރ. އިން ޖޫރިމަނާކޮށް، ރަތް ނޯޓިސް ދޭނެ

  • ތިން ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ މާރުކޭޓު ގޮޅި އަތުލުމުގެ ބާރު ކައުންސިލަށް އޮވޭ

ފާސް ނެތި ބިދޭސީން ލައްވާ މަސައްކަތް ކުރުވާ މީހުންނަށް ޖޫރިމަނާ ދައްކަން އަންގާފައިވާ ޗިޓުގައި ވާގޮތުން، ޖޫރިމަނާ ދައްކާ ހަލާސްކޮށް، މައްސަލަ ހައްލު ކުރުމަށް ދީފައިވަނީ ދެ ދުވަހުގެ މުއްދަތެކެވެ. އަދި މި މުއްދަތުގެ ތެރޭގައި ޗިޓަށް ފައިސާ ނުދައްކައިފި ނަމަ ގޮޅިި ބަންދު ކުރެވޭނެ ކަމަށް ވެސް އަންގާފައިވެ އެވެ.

އެނގުން މުހިއްމު - ލާމަރުކަޒީ ގާނޫނުގެ ދަށުން މާރުކޭޓުތައް ބެލެހެއްޓުމާއި، މާރުކޭޓު ގޮޅި ހިފާފައިވާ ފަރާތުން ގަވައިދާ ހިލާފަށް އަމަލުކުރާ ނަމަ އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ދީފައިވަނީ ކައުންސިލްތަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް