ތ. ކިނބިދޫ ސްކޫލުގައި ދަރިވަރުން ވަކި ހަމައަކުން ތަކެތި ބަހައްޓާފައި

ތައުލީމު

ހަމައެކަނި މި ބައިސްކަލްތަކެއް ނޫން، ކިނބިދޫ ސްކޫލުން މުޅިން ވެސް ފެންނަނީ މި ތަރުތީބުކަން

75 އަހަރު ވެފައިވާ ކިނބިދޫ ސްކޫލުގެ އެންމެ ކުރީގެ ލިޔުންތައް ވެސް އަދިވެސް ފެންނަން އެބަހުރި

މިއީ މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މަންޒަރެކެވެ. ސާފުކޮށް ކުނިކަހާލާފައި އޮތް މަގެއްގެ ކައިރީގައި، ބައިސްކަލްތަކެއް ބަހައްޓާފައި ހުންނަނީ ވަކި ތަރުތީބަކުންނެވެ. ގިނަ ބަޔަކު އަޅައިގަތީ، އެއްވެސް ފާހަގައެއް ފެންނަން ނެތް ކަމުގައި ވިޔަސް ހާއްސަ ސަމާލުކަމެއް ދީގެން، ވަކި ތަރުތީބަކުން ބަޔަކު އުޅަނދުތައް ޕާކުކޮށްފައި ވާތީ އެވެ.

ބައިސްކަލުތައް ބަހައްޓާފައި އެހެރީ ތ. ކިނބިދޫ ސްކޫލުގެ ކައިރީގަ އެވެ. ހުރިހާ ދަރިވަރުން ވެސް، ސްކޫލު ތެރެއަށް ވަންނަނީ، ކަނޑައަޅާފައިވާ ވަކި ސަރަހައްދެއްގައި، ވަކި ތަރުތީބަކުން ބައިސްކަލްތައް ޕާކުކޮށްފަ އެވެ. އެކަމަކު ހަމައެކަނި މި މަންޒަރު އެކަންޏެއް ނޫނެވެ. ކިނބިދޫ ސްކޫލާއި އެ ރަށުތެރެއިން ވެސް ފެންނަނީ ހަމަ އެ ތަރުތީބުކަމާއި ސާފުކަމެވެ.

ކިނބިދޫގައި ވަރަށް ގިނަ ކަންކަން ވަރަށް ތަރުތީބު

ސްކޫލު ތެރޭގެ މަންޒަރުތައް ޕްރިންސިޕަލް އަހުމަދު އަބްދުﷲ ކިޔައިދެއްވި އެވެ؛ ގްރޭޑް އެކަކުން ފެށިގެން 6 އާހަމައަށް، ހުރިހާ ދަރިވަރުންގެ ބޫޓުތައް ވެސް ބަހައްޓާނީ ފޮށިގަނޑަކަށް ލާފައި، ވަކި ހަމައަކަށެވެ. ހަރުގަނޑުތަކުގައި ދަރިވަރުންގެ ފޮތްތައް ހުންނާނީ، ވަކި ތަރުތީބަކުން އަތުރާފަ އެވެ. ކޮންމެ ކުއްޖަކު ވެސް ސްކޫލަށް އަންނާނީ މޭޒުމަތީގައި އަޅާ ފޮތިގަނޑެއް ހިފައިގެންނެވެ. އެއީ އެ ދަރިވަރެއްގެ މޭޒުމަތީގައި އަޅާ ފޮތިގަނޑެވެ. ސްކޫލުން ދާނީ އެ ހިފައިގެންނެވެ. ސްކޫލުތެރެ ސާފުކުރުމުގައި ވެސް ކުދިންގެ ބޮޑު ރޯލެއް އޮވެ އެވެ. ކިޔެވުން ނިންމާފައި ކްލާހުން ނުކުންނާނީ، އެތަން ސާފުކުރަން ވަންނަ މީހުންނަށް ފަސޭހަވާނެ ގޮތަށް މޭޒާއި ގޮނޑިތައް އަތުރާފަ އެވެ.

ކިނބިދޫ ސްކޫލުގެ ދަރިވަރުން ދަބަސްތައް ތަރުތީބުން ބަހައްޓާފައި 
ކިނބިދޫ ސްކޫލުގެ ދަރިވަރުން ވަކި ހަމައަކުން ބޫޓުތަކާއި ފޮތްތައް ބަހައްޓާފައި

އަހުމަދު ވިދާޅުވި ގޮތުގައި އެންމެ ކުރިއްސުރެ ރަށުގެ ވެރިންގެ ފަރާތުން ވެސް ފެނިވަޑައިގެންނެވީ ހަމަ އެ ތަރުތީބުކަމެވެ. މިސާލެއްގެ ގޮތުން އޭނާ ނެންގެވީ މުހިއްމު ލިޔެކިޔުންތައް އަދިވެސް ރައްކާތެރިކަމާ އެކު ފެންނަން ހުރުމެވެ. ކިނބިދޫ ސްކޫލަށް 75 އަހަރު ވެފައިވާއިރު އެންމެ ފުރަތަމަ އެ ސްކޫލަށް ވެއްދި ދަރިވަރުންގެ ނަމާއި ބެލެނިވެރިންގެ ނަންތައް އެނގެން އެބަ ހުއްޓެވެ. އެ މައުލޫމާތުތައް ލިޔެފައިވާ ފޮތްތައް ވެރިން ބެލެހެއްޓީ، ރައްކާތެރިކަމާ އެކު ހާއްސަ ސަމާލުކަމެއް ދީގެންނެވެ.

"އެހެންވެ، އަޅުގަނޑުމެންނާ ހަމައަށް އައިއިރު ވެސް މި ތަރުތީބުކަން އޮވޭ. ދެން ޕްރިންސިޕަލެއްގެ ހައިސިއްޔަތުން އަޅުގަނޑު ބޭނުންވީ ދަރިވަރުން ވެސް ވަކި ހަމަތަކެއް ގެންގުޅެން،" އަހުމަދު ވިދާޅުވި އެވެ.

ސްކޫލު ކައިރީގައި ބައިސްކަލްތައް ޕާކުކޮށްފައި ހުންނަ ފޮޓޯއަށް މި ފަހުން ބޮޑު ސަމާލު ކަމެއް ލިބުނަސް މިއީ އެ ސްކޫލުގެ ދަރިވަރުން މީގެ ހަތަރު އަހަރު ކުރިން ފެށިގެން އަމަލު ކުރަމުން އަންނަ ގޮތެވެ.

ޕްރިންސިޕަލް ވިދާޅުވި ގޮތުގައި 250 ދަރިވަރުން ކިޔަވާ އެ ސްކޫލުގެ ކޮންމެ ކުއްޖެއްހެން ސްކޫލަށް ދާނީ ބައިސްކަލުގަ އެވެ. އެންމެ ފުރަތަމަ އޭނާއަށް ފެނިވަޑައިގެންނެވީ، އެ ބައިސްކަލްތައް ސްކޫލުގެ ވަށައިގެން ފާރުގައި ލައްކޮށްފައި ހުންނަ ތަނެވެ. އެހެންވެ، އޭނާ ބޭނުންވީ ކުދިންގެ ކިބައިގައި ތަރުތީބު ކުރުމުގެ އާދަ ހަރުލެއްވުމަށެވެ. މީގެ ހަތަރު އަހަރު ކުރިން، ސްކޫލުގެ ކައިރީގައި ޕާކު ކުރާތަނެއް ހެދީ އެ މަގްސަދުގަ އެވެ.

ކިނބިދޫ ސްކޫލުގެ ދަރިވަރުން ކިޔަވަނީ: ކޮންމެ ކުއްޖަކު ވެސް ސްކޫލަށް ދާނީ މޭޒު މަތީގައި އަޅާނެ ފޮތިގަނޑެއް ހިފައިގެން
ކިނބިދޫ ސްކޫލުގެ ދަރިވަރުން ކިޔެވުމުގައި: ރަނގަޅު އާދަ ދަސްކޮށްދޭ

ސްކޫލު ކުރިމަތިން އޮންނަ މަގުގެ އަނެއް ފަރާތަކީ ދަރިވަރުން ބަލައި އަންނަ ބެލެނިވެރިން މަޑުކޮށްލައިގެން ތިބޭ ތަނެވެ. ގޮނޑި ޖަހައި ކުޑަ ޖަހައި އެތަން ރީތިކޮށްލާފައި އޮންނައިރު، ޕާކު ކުރާތަން ހެދީ މަގުގެ އަރިމަތީގަ އެވެ. ސްކޫލަށް އަންނަ ކޮންެމެ ކުއްޖަކު ވެސް ބައިސްކަލް ބަހައްޓާނީ އެތަނުގަ އެވެ. ތަން ބެލެހެއްޓުމަށް ޕްރިފެކްޓުން ހަރަކާތްތެރިވެ އެވެ.

"ގާތްގަނޑަކަށް އަހަރެއް ވާނީ ކުދިންގެ ގައިގައި އެ އާދަ އަށަގެންނެވުމަށް. މިހާރު އެއްވެސް ކުއްޖަކު އެ ނޫން ގޮތަކަށް ޕާކެއް ނުކުރާނެ،" އަހުމަދު ވިދާޅުވި އެވެ.

"އެންމެ ކުޑަކުދިން ވެސް، ބޮޑެތި ކުދިންނަށް ބަލައިގެން ހަމަ އެގޮތަށް އަމަލު ކުރާނީ."

ކިނބިދޫ ސްކޫލުގެ ޓީޗަރަކު ދަރިވަރެއްގެ ފޮތް ބަލަނީ: ސާފުތާހިރުކަމާއި ތަރުތީބުކަމަށް މި ސްކޫލުން ބޮޑު ސަމާލުކަމެއް ދޭ

ދަރިވަރުންގެ މި އަމަލުތަކުގެ ފައިދާ ބޮޑެތި މީހުންނަށް ވެސް ކުރި އެވެ. ކުދިން ބަލާ ސްކޫލަށް ދާ ބެލެނިވެރިން ވެސް އަދި ރަސްމީ ވަގުތު ނޫން އެހެން ގަޑިތަކުގައި ސްކޫލަށް ދާ ބެލެނިވެރިން ވެސް ސައިކަލު ފަދަ ތަކެތި ޕާކުކުރާނީ، ވަކި ތަނެއްގައި ވަކި ހަމަޔަކުންނެވެ. އެއީ އެ ރަށުގައި ނުލިޔެ، އަމަލު ކުރަމުން އަންނަ ގަވައިދެކެވެ.

"ކުދިން ބޯޅަ ދަނޑަށް ދާއިރު ވެސް ބައިސްކަލްތައް މި ނޫން ގޮތަކަށް ޕާކުކޮށްފައެއް ނުހުންނާނެ. ރަށުތެރެއިން ވެސް ފެންނާނީ ހަމަ މި މަންޒަރު،" ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ކިނބިދުއަކީ ފެށުނީއްސުރެ ތަރުތީބު ރަށެއް ނަމަވެސް، ކުދިންގެ ކިބާގައި އެ ރީތި އާދަ އަށަގެންނެވުމަށް މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އެކަމަކު ނަސޭހަތާ އެކު ކުދިން އަމަލު ކުރަންވާ ގޮތް ކިޔައިދޭ ނަމަ، އެއީ އުނދަގޫ ކަމެއް ކަމަކަށް ޕްރިންސިޕަލް ދެކެވަޑައެއްނުގަންނަވަ އެވެ.

ކިނބިދޫ ސްކޫލުން މިހާރު އެ ފެންނަނީ އެ މަންޒަރެވެ. ތަރުތީބު ގެއްލިފައިވާ، 'އެ މީހަކާ އެމީހެއް'ގެ ޒަމާނެއްގައި، ބަލާލަން ރީތި، ހިތްގައިމު މަންޒަރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް