ރައީސް މުހައްމަދު މުއިއްޒު ޅ. ހިންނަވަރު ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވަނީ. (ފޮޓޯ /ރައީސް އޮފީސް)
ގާނޫނު އިސްލާހުކޮށްގެން އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓު ބޮޑުކޮށްދޭނަން: ރައީސް
ސަރުކާރަށް އެއްބާރުލުން ދޭނެ ފަދަ ބޭފުޅުން މަޖިލީހަށް ހޮވައިދެއްވައިފި ނަމަ، ގާނޫނަށް ބަދަލުގެންނަވައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (އތމ ކޮމިޓީ) ތަކުގެ ބަޖެޓު ބޮޑުކޮށް، އިތުރު ކަންކަން ފަހިކޮށްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަތޮޅުތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ޅ. ހިންނަވަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކޮށްދެއްވާނެ ކަންކަމަށް އަލިއަޅުވާލައްވާފަ އެވެ.
ބުނީ ކީކޭ؟ - އެގޮތުން، އެމަނިކުފާނު ފާހަގަކުރެއްވި ބައެއް ކަންކަމަކީ:
-
މުވައްޒަފުންގެ ގޮތުގައި ކަނޑައެޅުމުން ލިބެންޖެހޭ ހުރިހާ އިނާޔަތްތައް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރުން؛ އޭގެ ތެރޭގައި ރޯދަ މަހުގެ އިނާޔަތާއި ވިހެއުމުގެ ޗުއްޓީ ފަދަ އިނާޔަތްތައް ހިމެނޭ
-
ބޭންކު ތަކުން ލޯނު ނެގޭ ގޮތަށް ބަދަލުކޮށްދިނުން
-
ކައުންސިލް ބަޖެޓުގެ %5 އތމ ކޮމިޓިގެ ހަރަކާތްތައް ހިންގަން ހާއްސަކޮށް ހަމަޖެއްސުން
-
މުޅި ކައުންސިލްގެ ބަޖެޓަށް ލައިގެން މުސާރަ ހަމަޖައްސާގޮތަށް ހަދައިދިނުން
ފާހަގަކޮށްލެވޭ - ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި މީގެ އިތުރުން ވެސް ސަރުކާރުން ކަންކަން ފަހިކޮށްދެމުންދާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން އިގްތިސާދީ މަންފާ ހޯދުމަށްޓަކައި ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމާއި، ޓެކްސްގެ ތެރެއިން ދައުލަތަށް ވަންނަ ފައިސާގެ ވަކި އިންސައްތަ އެއް ހުރިހާ ކައުންސިލަކަށް ބެހުމަށް ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ކުރައްވަމުންދާ މަަސައްކަތްތަކުގައި ސައުންސިލްތަކުގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާ، ރައީސް ވަނީ ޝުކުރު ދަންނަވާފަ އެވެ.