ވާޓިކަލް ފާމިންގެ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން ހދ. ހަނިމާދޫގައި ހަދާފައިވާ ސްޓްރަކްޗާއެއް. (ފައިލް ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ)

ވާޓިކަލް ފާމިންގެ ފުރަތަމަ މަޝްރޫއު ފެށިއްޖެ، ޒުވާނުންގެ ބައިވެރިވުން ބޭނުން: އެގްރިކަލްޗާ މިނިސްޓްރީ

ފުރަތަމަ މަޝްރޫއު ކުރިއަށްދަނީ ހދ. ހަނިމާދޫގައި، އޭގެ ނަތީޖާތަކަށް ބަލައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މި ދަނޑުވެރިކަމުގެ މޮޑެލް ފުޅާކުރާނެ

ރާއްޖޭގައި ކާނާ ކަށަވަރުކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، މި ސަރުކާރުން އިސްކަމެއް ދީގެން ކުރިއަށް ގެންދަން ރާވާފައިވާ ވާޓިކަލް ފާމިންގެ ފުރަތަމަ މަޝްރޫއު ފަށައިގެން ކުރިއަށްދާ ކަމަށާއި މިނިސްޓްރީގެ އަމާޒަކީ ޒުވާނުންގެ ޝައުގުވެރިކަން ދަނޑުވެރިކަމަށް އިތުރުކޮށް، ޒުވާނުންގެ ބައިވެރިވުމާ އެކު މި މަޝްރޫއު ފުޅާކުރުން ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލްތައް ދިނުމަށްޓަކައި، އެގްރިކަލްޗާ މިނިސްޓްރީން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ބުނީ ކީކޭ؟ - "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވަނީ ވާޓިކަލް ފާމިންގެ މަސައްކަތް 14 ފެބްރުއަރީގައި ފައްޓާ، އިފްތިތާހުކޮށް، މިހާރު އެ މަސައްކަތްތަކުގެ ރިސާޗް މަސައްކަތްތައް ކުރަމުން،" އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ އަހުމަދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ވާޓިކަލް ފާމިން އަކީ، ރާއްޖެ ފަދަ ބިން ކުދި ގައުމުތަކުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، ކާނާގެ ޔަގީންކަން އިތުރުކުރުމަށް އެންމެ ރަނގަޅު އެއް މޮޑެލް އެވެ. ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން ވާޓިކަލް ފާމިންގެ މަސައްކަތްތައް ކުރިއަށްގެންދަނީ ހދ. ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގަ އެވެ.

ވިޝާމާ ވިދާޅުވީ، އެ ސެންޓަރުގައި ތިން ވައްތަރެއްގެ ހައިޑްރޯޕޯނިކް ސެޓަޕްތަކެއް މިހާރު ހަދާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ:

  • މިހާރު ވެސް ކުރިއަށްގެންދާ، ނިއުޓްރިއެންޓް-ފިލްމް ޓެކްނިކްގެ ތެރެއިން އޭ-ފްރޭމް ވާޓިކަލް ސްޓްރަކްޗާއެއްގެ ހައިޑްރޮޕޯނިކް ސިސްޓަމެއް

  • ޕައިނެޕަލް ޓަވާ ސިސްޓަމެއް

  • އެއިރޯޕޯނިކްސް ޓަވަރު ސިސްޓަމެއް

"ދެން އަޅުގަނޑުމެންގެ ޕްލޭނަކީ މި މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އެންމެ ރަނގަޅީ ކޮން ސިސްޓަމެއްތޯ ދިރާސާކޮށް، އެ ސިސްޓަމްގެ އިތުރަށް އަޅުގަނޑުމެން އެ މަސައްކަތްތައް ދަނޑުވެރިންނަށް ތައާރަފުކޮށް، މިނިސްޓްރީގައި ކުރިއަށް ހުރި ޕްރޮގްރާމްތަކުގެ ތެރޭގައި ވާޓިކަލް ފާމިންގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން،" އޭނާ ވިދާޅުވި އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަން މިނިސްޓްރީގެ އިސް ވެރިން ފާހަގަކުރެއްވި އެވެ.  އެގޮތުން:

  • ރާއްޖޭގައި މިހާރު ދަނޑުވެރިކަމުގެ މޮޑެލްއަށް ޒުވާނުންގެ މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށް ފާހަގަކުރެވޭ

  • ޒަމާނީ ދަނޑުވެރިކަން ތައާރަފު ކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ވެސް ޒުވާނުންގެ ޝައުގުވެރިކަން މިދާއިރާއަށް އިތުރުކުން

ދަނޑުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ އެއް ބިންގާ ކަމުގައި ހަދަން ސަރުކާރުން މަސައްކަތް ކުރާއިރު، އެކަން ކާމިޔާބު ކުރެވެން އޮތީ ޒުވާނުން މި ދާއިރާއަށް ވަދެގެން ކަމަށް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް