ނޭޝަނަލް ޑްރަގް އެޖެންސީ ހިންގާ އިމާރާތުގެ ބޭރު (ފޮޓޯ/ޕީއެސްއެމް)

ފަރުވާ ފުރިހަމަކުރަންޖެހޭ މީހުންނަށް އެންޑީއޭ އިން ދޮގު ލިއުން ވިއްކައި މަނީ ލޯންޑާކުރި މައްސަލައެއް ބަލަނީ

ފުލުހުން ބުނީ އެންޑީއޭގެ ލެބޯޓަރީން ހަދާ ޓެސްޓުތަކުގެ ނަތީޖާ އޮޅުވާލައި ފަރުވާ ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ބަދަލުކޮށް ދޮގު ލިއުން ވިއްކާ ކަމަށް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ރިހިބިލިޓޭޝަން ފަރުވާ ފުރިހަމަ ކުރަން ހުކުމްކުރާ މީހުންނަށް ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން ދޭން ޖެހޭ ފަރުވާގެ ލިއުމުގެ ދޮގު ލިޔުންތައް ވިއްކާ، މަނީ ލޯންޑަ ކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ އެންޑީއޭގެ އިސް ވެރިންތަކަކާއި އިތުރު ބަޔަކު ގުޅިގެން، އެ އެޖެންސީން ދެމުންދާ ފަރުވާގެ އެސެސްމަންޓް ރިވިއު ކުރުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ތަފްސީލް - ނަވީން ވިދާޅުވި ގޮތުގައި:

  • އެންޑީއޭގެ ބައެއް އިސް މުވައްޒަފުންނާއި އިތުރު ބަޔަކު ގުޅިގެން އެތަނުގެ ލެބޯޓަރީ ޓެސްޓުތަކުގެ ނަތީޖާ އޮޅުވާލައި ފަރުވާ ފުރިހަމަކުރަންޖެހޭ މީހުން ފަރުވާ ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ބަދަލުކޮށް ދޮގު ލިއުން ވިއްކާ

  • އަދި އެފަދަ މީހުން ފަރުވާ ފުރިހަމަ ކުރަންޖެހޭ މުއްދަތު ކުރުކޮށް މުޖުތަމަައުއަށް ދޫކޮށްލާ

  • އޭގެ ބަދަލުގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ރިޝްވަތު ފައިސާ ހޯދައި މަނީ ލޯންޑާ ކޮށްފައިވޭ

ނަވީން ވިދާޅުވީ އެ މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ދިރިއުޅޭ ތިން ތަނަކާއި އެންޑީއޭ ހިންގަމުން އަންނަ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ލިޔެކިއުންތަކާއި އިލެކްޓްރޯނިކްސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަވީން ވިދާޅުވީ އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް އަންނަ އާދީއްތަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރާނެ ކަމަށެވެ.

އެނގުން މުހިންމު - ކުރިން ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް އެންޑީއޭ، ސަރުކާރު ބަދަލުވުމާ އެކު، މިހާރު ހިންގަމުން އަންނަނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.

ފަސްމަންޒަރު - އެންޑީއޭގައި ފަރުވާގެ ރަނގަޅު ނިޒާމެއް ނެތި، ފަރުވާ ބޭނުންވާ މީހުންނަށް އެކަށީގެންވާ ފަރުވާއެއް ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. އަދި އެތަނުން ފަރުވާ ހޯދައިގެން އަލުން މުޖުތަމައުއަށް ނިކުންނަ މީހުން ރިލެޕްސްވެގެންދާތީ، އެންޑީއޭއިން ގެންގުޅޭ ފަރުވާގެ ނިޒާމަށް އަބަދުވެސް އާންމުންގެ ފާޑުކިއުން އަމާޒުވެ އެވެ.

އެންޑީއޭގެ ކުރީގެ ސީއީއޯ މުހައްމަދު ހަބީބު 2021ވަަނަ އަހަރުގެ މެއި މަހު އިސްތިއުފާ ދެއްވުމަށް ފަހު އަހަރަކާއި ހަ މަސް ވަންދެން އެތަން ހުސްކޮށް އޮތެވެ. އެ މަގާމަށް 2022ވަނަ އަހަރު އިމާދު ސޯލިހު އައްޔަންކުރީ ވެސް އެތަނުގެ ހިންގުން ހަރުދަނާ ކުރުމަށެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސޯލިހް(ފޮޓޯ/ދައުރު)

މަގާމާ ހަވާލުވުމަށްފަހު އޭނާ 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފަރުވާގައި ތިބޭ މީީހުންނަށް ބޮޑު އިސްކަމެއް ދީގެން، އެންޑީއޭގެ ދަށުން މަސައްކަތް ކުރާ 350 މުވައްޒަފުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ތަމްރީން ދިނުމުގެ މަސައްކަތް ފަށައި އެތަނުގައި ހުރި އިދާރީ މައްސަލަތައް ވެސް ހައްލުކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް