10 ޖަނަވަރީ 2024: މާލޭ މަގުމަތީގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ޕާކުކުރުން

ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތައް ޓޯ ކުރަން ފަށަން ފުލުހުން ނިންމައިފި

ފުލުހުން ބުނީ އުޅަނދުތައް ޓޯ ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް

ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލުމާ ގުޅިގެން ނުގަވައިދުން ޕާކް ކުރުން އާންމުވެ، އެގޮތަށް ޕާކް ކުރާ އުޅަނދުތައް ނަގަން ނުވަތަ ޓޯ ކުރަން ފަށާނެކަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ. 

މައްސަލައިގެ ފެށުން - ޕާކް ކުރެވޭނެ ވަރަށް ޕާކިން އިމާރާތްތައް ނަހަދައި ސްޓިކާ ނުޖަހާނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިންތިހާބުގެ ތެރޭ ވެވަޑައިގަތް ވައުދާ އެއްގޮތަށް މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުން ވަނީ ނުގަވާއިދުން ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލައިފަ އެވެ. 

ވީ ކިހިނެއް؟ - ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާންމުންނަށް އުނދަގުލަކަށް ވާ ގޮތަށް މާލޭގައި ޕާކް ކުރުން މިފަހުން އާންމުވެފައިވާ ކަމަށެވެ. އެކަން ހަމައަކަށް އެޅުވުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތަފްސީލް - ފުލުހުން ބުނި ގޮތުގައި އެކަން ހަމައަކަށް އެޅުވުމުގެ ގޮތުން ފިޔަވަޅު އަޅާނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7 ވަނަ މާއްދާ އާއި އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވައިދުގެ 14 ވަނަ މާއްދާގެ ދަށުންނެވެ. އެގޮތުން: 

  • އަންނަ ބުރާސްފަތިން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް އަޅާން ފަށާނެ

  • ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތައް ޓޯ ކުރަން ފަށާނެ 

  • ސްޓިކާ ނުޖަހާ، އެގޮތަށް ނަގާ އުޅަނދުތަކުގެ ވެރިފަރާތް 750ރ. އިން ޖޫރިމަނާ ކުރާނެ 

ބުނީ ކީކޭ؟ - ފުލުހުންގެ ބަޔާނުުގައި މިއަދު ބުނީ ހިނގާ މީހުންގެ އިތުރުން އާންމު ދަތުރުފަތުރާއި ޓްރާންސްޕޯޓާއި އެމަޖެންސީގައި ދަތުރުކުރާ އުޅަނދުތަކަށް ދަތިވާ ގޮތަށް މާލެ ސަރަހައްދުގައި ޕާކު ކުރުން އިތުރުވަމުންދާ ކަމަށެވެ. ޕާކިން ޒޯންއެއްގައި ނޫނީ ޕާކު ނުކުރަން އިލްތިމާސްކޮށް ފުލުހުން ބުނީ ގަވައިދާ ހިލާފުވޭތޯ ހާއްސަ އިސްކަމެއްދީގެން ބައެއް ސަރަހައްދުތައް ފުލުހުން ބަލަމުން ވެސް ދާނެ ކަމަށެވެ.

އެގޮތުން ފުލުހުން ބަލަމުންދާނެ ތަންތަނަކީ:

  • ގްރީން ޒޯން

  • ޕަބްލިކް ޓްރާންސްޕޯޓް އުޅަނދުތައް ދުއްވާ ތަންތަން

  • މަގުތަކާއި ގޯޅިތަކުގެ ކަންމަތިތައް

  • ސްކޫލް ސަރަހައްދުތައް

  • ހޮސްޕިޓަލުތަކާއި އޮފީސްތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ތަންތަން

  • މިސްކިތްތަކާއި އާންމު ގޭބިސީތަކާއި ގަރާޖު ފަދަ ތަންތަންނަށް ވަދެ ނުކުމެ ހަދަން ދަތިވާ ގޮތަށް ހުންނަ ތަންތަން

އެޑިޓަރުގެ ނޯޓް - މި ހަބަރު ފުރަތަމަ ޝާއިއުކުރި އިރު ފުލުހުން އަލުން ސްޓިކާ ޖަހަން ފަށަނީ ކަމަށް ބުނެފައި ވަނީ ފުލުހުންގެ ބަޔާނުގައި ހަވާލާދީފައިވާ ގާނޫނުގެ މާއްދާތައް ބެލުމުގައި އެރި އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ ފުލުހުން ސްޓިކާ ނުޖަހައި އުޅަނދުތައް ޓޯކުރަން ފެށުމެވެ. މި ކުށް މިހާރު ވަނީ އިސްލާހު ކޮށްފަ އެވެ. ވީމާ، މި ކުށަށް ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް