ރައީސް މުއިއްޒު ދުވާފަރުގައި ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ރަށު ޕިކަޕުން ނަގާ ފީ އަންނަ މަހުން ފެށިގެން އުވާލަނީ
ބެޓެރީ ޕިކަޕު ނުވަތަ ރަށު ޕިކަޕުން ނަގާ ފީ އަންނަ މަހުން ފެށިގެން އުވާލަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރ. އަދި ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރަށު ޕިކަޕަކީ އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފަސޭހައެއް ވާ އެއްޗެއް ކަމަށެވެ.
ތަފްސީލް - ރަށު ޕިކަޕުން ނަގާ 1،800ރ ގެ ފީ އުވާލުމަކީ ގިނަ ކައުންސިލްތަކަކުން އަދި ރައްޔިތުންގެ ފަރާތުން ވެސް އެދޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއަށް އެބަ ނަގާ ސަރުކާރުން1،800ރ ފީ އެއްގެ ގޮތުގައި. އެއީ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވާ ވެހިކަލްތަކެއް. އެންވަޔަރަމެންޓަލް ފްރެންޑްލީ [ތިމާވެއްޓާ ރައްޓެހި] ވެހިކަލް ތަކެއް،" ރައީސްް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސައްކަތްކުރަނީ ތިމާވެއްޓާ ރައްޓެހި، ފެހިކަން ގަދަ މުޖުތަމައެއް ބިނާ ކުރަން ކަމަށާއި، އެހެންކަމުން އަންނަ މަހުން ފެށިގެން ރަށުޕިކަޕުން ނަގާ ފީ އުވާލައްވާނެ ކަމަށެވެ.
"އޭރުން އެ1،800ރ ވެސް ސަލާމަތް ވާނެ. އޭރުން ދެން އިންޖީނުލީ އެއްޗެއްސަށް ވުރެ ބޮޑަށް ބެޓެރީ އޮޕަރޭޓެޑް ވެހިކަލްތަކަށް ދާން ވެސް ފަސޭހަ ވާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ބަލަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ.