ކޭލި ސޮފްޓުވެއާ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން

ޑީޖޭއޭ

ކޯޓުތަކުގައި ދައްކާ ވާހަކަތައް އޮޓޯކޮށް ލިޔެވޭ 'ކޭލި' އިފުތިތާހުކޮށްފި

30 މިނެޓުގެ ރެކޯޑިންއެއް އަތުން ޓައިޕުކުރަން މީގެ ކުރިން 2 ގަޑިއިރު ހޭދަވޭ؛ ކޭލި ސޮފްޓްވެއާއިން އެކަމަށް ހޭދަވާނީ 3 މިނެޓް

ކޯޓުތަކުގައި ދައްކާ ވާހަކަތައް ހަލުވިކަމާ އެކު، އޮޓޯކޮށް ލިޔެވޭ ގޮތަށް ފަރުމާކޮށްފައިވާ 'ކޭލި' ސްފޮޓްވެއާ ރޭ އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ސޮފްޓުވެއަ އިފްތިތާހުކޮށްފައިވަނީ، އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ދިވެހި ޑިވިލޮޕަރުންގެ ޓީމަކާ ހަވާލުކޮށްގެން މި ސޮފްޓުވެއާ ހަދަން ނިންމީ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޗީފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ، ކޯޓުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯޓުތަކުގައި ދެކެވޭ ވާހަކަތައް، ބަޔާންތަކުގެ  ގޮތުގައި ތައްޔާރުކުރާއިރު، ޓައިޕްކުރަން ދިމާވެފައިވާ ވަގުތާއި ވަސީލުތަކުގެ ދަތިކަން ކަމަށެވެ. ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވާ އެއް ސަބަބަކަށް ވެސް ވަނީ ޝަރީއަތްތަކުގައި ދެކެވޭ ވާހަކަތަކުގެ ބަޔާންތައް ތައްޔާރުކުރަން ނަގާ ވަގުތު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ބުނީ ކީކޭ؟ - ބަޔާންތައް ތައްޔާރުކުރަން ނަގާ ވަގުތު ހައްލުކުރަން ރިޒްނާ ވިދާޅުވި ގޮތުން:

  • ފުރަތަމަ އެކުލަވާލެވުނީ ޝަރުއީ ކޯޓުތަކުގެ މުވައްޒަފުން ހިމެނޭގޮތަށް ޓައިޕިން ޕޫލެއް އެކުލަވާލައިގެން

  • ޒަމާނީ ޓެކޮނަލަޖީ މެދުވެރިކޮށް، ކޭލި ސޮޕްޓުވެއެއް ހެދުމަށް ނިންމީ، ޓައިޕިން ޕޫލުން އެކަމަށް އެދެވޭ ހައްލެއް ނުލިބުމުން

  • ކޭލި ސޮޕްޓުވެއާއަކީ ވަރަށް ދުރާލާ ދިވެހި ޑިވިލޮޕަރުންގެ ޓީމަކުން ކުރި މަސައްކަތުގެ ނަތީޖާ

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، މައްސަލައެއް ނިންމާތާ 15 ދުވަސްތެރޭ އެ މައްސަލައެއް ނިމުނު ގޮތުގެ ރިޕޯޓު ހަވާލުކުރަން ޖެހޭ ނަމަވެސް، އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި މިހާރު ހިނގަމުން ނުދާ ކަމަށެވެ.

އެކަން ހިނގަމުން ނުދާ މައިގަނޑު ސަބަބަކީ، ކޯޓުގައި ދައްކާ ވާހަކަތަކުގެ ބަޔާންތައް ލިބުމުގައި ހުރި ލަސްކަން ކަމަށް ހުސްނުއްސުއޫދު ވިދާޅުވި އެވެ. ކޭލި ސޮފްޓުވެއާ އެކު އެކަން ހައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ 15 ދުވަސްތެރޭ ދޫކުރަންޖެހޭ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމުގައި ދެން އުޒުރުވެރިކަން ދައްކަން، މިއީ ލަސްވާ ސަބަބެއް ކަމަށް ދައްކަން ވަރަށް އުނދަގޫވާނެ،" ހުސްނުއްސުއޫދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖުޑީޝަލް ސަވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޭލި ސޮފްޓްވެއާ ބޭނުންކުރަން ފެށުމަކީ ދިވެހި ބަހަށާއި ޝަރުއީ ދާއިރާއަށް އިންގިލާބެއް ގެނުވާނެ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން 30 މިނެޓުގެ ރެކޯޑިންއެއް ޓައިޕްކުރަން ނަގާ ދެގަޑިއިރު ތިން މިނެޓަށް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯޓުތަކުން ބުނާގޮތުން، ފަސް މިނެޓާ، ހަތް މިނެޓާއި ދެމެދުގެ ރެކޯޑިންއެއް އަތުން ޓައިޕްކުރަން މިހާރު 30 މިނެޓަށް ވުރެ ގިނަ ވަގުތު ނަގަ އެވެ.

އެނގުން މުހިންމު - ކޯޓުތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި:

  • ފާއިތުވެ ދިޔަ ތިން އަހަރު، ހައި ކޯޓުގައި 77،201 މިނެޓުގެ ރެކޯޑިންތައް އަކުރުން އަކުރަށް ލިޔެފައިވޭ

  • އަދި ވެސް ލިޔަންޖެހޭ 27،790 މިނެޓުގެ ރެކޯޑިންތައް އެބަހުރި

  • ކްރިމިނަލް ކޯޓުގައި 3951 މިނެޓުގެ ރެކޯޑިންތައް ނުލިޔެވި އެބަހުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް