އުނގޫފާރާ ޖެހިގެން އޮންނަ ފަޅު ރަށް އުނގުލު

އުނގޫފާރަށް ރައީސްގެ ވައުދަކީ އުނގުލު ހޯދައިދިނުން

އުނގުލަކީ ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ސަން ހިޔާ އިންޓަނޭޝަނަލް އަށް 21 އަހަރަށް ދޫކޮށްފައި އޮތް ރަށެއް

ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައި އޮތް ރ. އަތޮޅު އުނގުލު، އެ އަތޮޅު އުނގޫފާރުގެ އިހުތިސޯސްގެ ތެރެއަށް ބަދަލުކޮށްދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރ. އަތޮޅަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުނގޫފާރަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކައުންސިލުން، އެ ރަށަށް ބޭނުންވާ 15 ކަމެއްގެ ވާހަކަ ރައީސަށް ދެންނެވި ކަމަށެވެ.

އޭގެތެރެއިން ރަށުގެ އިގްތިސޯދީ ތަރައްގީއަށް އެކި ކަހަލަ މަސައްކަތް ކުރަން ޖާގަ ނެތްކަމުގެ ޝަކުވާ ކައުންސިލުން ކުރެއްވިކަން ފާހަގަކުރެއްވި އެވެ.

ބުނީ ކީކޭ؟ - އެކަމަށް ހައްލު ހޯދައިދިނުމަށް ގެންގުޅޭ ވިސްނުން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ މަސައްކަތްތައް ކުރުމަށް އެ އަތޮޅު އުނގުލު އުނގޫފާރަށް ހޯދައިދޭނެ ކަމަށެވެ.

ނަމަވެސް އޭގެ ކުރިން އެރަށާ ގުޅުވާ އެއްވެސް ކަހަލަ އެއްބަސްވުމެއް މީގެ ކުރިން ބަޔަކާ ހަދާފައި އޮތްތޯ ބަލަންޖެހޭ ކަމަށާއި އެ މަސައްކަތް މިއަދުން ފެށިގެން ކުރަައްވަން ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"ކޯޓުގައި އެއްވެސް މައްސަލައެއް އޮތްތޯ، ކުރީ ސަރުކާރުން އެހެން އެއްވެސް ބަޔަކާ [އުނގުލު]އާ ގުޅުވާފައި އޮތްތޯ ބަލަންޖެހޭނެ. އެ އޮތްކަމެއް ބަލާފައި އެ އޮތް ކަމެއްގެ ތެރެއިން އެރަށް ސަލާމަތްކޮށްގެން މި ރަށު ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށް ހަވާލުކޮށްދޭނަން މިރަށަށް އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - އުނގޫފާރާ ޖެހިގެން އޮންނަ ފަޅު ރަށެއް ކަމަށްވާ އުނގުލަކީ، ސަން ހިޔާ އިންޓަނޭޝަނަލް އަށް 21 އަހަރަށް ދަނޑުވެރިކަން ކުރުމަށް ދީފައި އޮތް ރަށެކެވެ.

ދަނޑުވެރިކަމާ ގުޅޭ މަސައްކަތް ކުރުމަށް އެރަށް ސަން ހިޔާ އިންޓަނޭޝަނަލަށް ދިނީ 30 ޖޫން 2016ގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2036 އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް