'ޔޫތު ހެކަތޯން' ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޔޫތު މިނިސްޓްރީ

1 ލައްކަ ރުފިޔާގެ އިނާމް ލިިބޭ 'ޔޫތު ހެކަތޯން' ފަށައިފި

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ހެކަތޯންގައި 10 ޓީމެއް ބައިވެރިވޭ

ޒުވާނުންނަށް އަމާޒުކޮށް ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ 'ޔޫތު ހެކަތޯން' މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ތިން ދާއިރާއަކަށް ބަހާލައިގެން ހުށަހެޅުންތައް ހުށަހަޅައިގެން އެއް ވަނައަށް ދާ ޓީމަކަށް 1 ލައްކަ ރުފިޔާގެ އިނާމެއް ހުށައަޅާފައިވާ މި ހެކަތޯން ފެށީ، މިއަދު ޝޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މި ހަކަތޯންގައި ހިމެނޭ ތިން ދާއިރާއަކީ:

  • މެންޓަލް ހެލްތު: ނަފުސާނީ ދުޅަހެޔޮކަމާއި ސިއްހަތަށް އަމާޒުކޮށްގެން ޓެކްނޮލޮޖީ ބޭނުން ކޮށްގެން އިނޮވޭޓިވް ސޮލިއުޝަންތަކެއް އުފެއްދުން 

  • އިނޯވޭޓިވް މާކެޓްޕްލޭސް: ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އީ- ކޮމާސް ސްޓްރެޓެޖީތައް އެކުލަވާލުން.

  • ކްރިއޭޓާ އެކޮނޮމީ: ކޮންޓެންޓް ކްރިއޭޓަރުންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށް ދުޅަހެޔޮކަމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި، ވިސްނުންތެރިކަމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ޙައްލުހޯދައިދޭ އިނޮވޭޓިވް އެޕްތަކެއް އުފެއްދުން

ތަފްސީލު - މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ، މި ހެކްތޯންގެ ތިން ދާއިރާއިން ވެސް ބޭނުންތެރި އަދި އުފެއްދުންތެރި ހިޔާލުތަކެއް ލިބި އޭގެ ފައިދާ މުޖްތަމައުއަށް ކުރާނެ ކަމަށެވެ. އަދި ދުނިޔޭގެ ކަންކަން ބަދަލުވަމުންދާ ސްޕީޑްގައި ޓެކްނޮލޮޖީގެ މުހިންމުކަން އިތުރުވަމުން އަންނައިރު އެ ދާއިރާއިން ޒުވާނުންގެ ބޭނުންތެރިކަން ނުހަނު މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ހަރަކާތާ އެކު ހާސިލްވާނެ ބައެއް ކަންކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވާލެއްވި އެވެ. އެގޮތުން ވިދާޅުވީ:

  • ޓެކްނޮލޮޖީގެ ދާއިރާގައި  ޒުވާާނުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުނަރު ތަރައްގީވުން 

  • އެ ހުނަރު ދުނިޔޭގެ ބާޒާރުގައި ބޭނުން ކުރެވޭ ވަރަށް ފުރުސަތުތައް ކިޔައިދީ، އެކަން ތަނަވަސްކޮށްދިނުން

ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ

މި ހަރަކާތުގައި ޒުވާން އަންހެނުން ނިސްބަތުން ގިނަ އަދަދަކަށް ބައިވެރިވެފައި ވާތީ އެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން މުޅިން އަންހެނުންގެ މައްޗަށް އެކުވެލެވޭ ޓީމެއް މި ހަރަކާތުގައި ބައިވެރިވާކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ހަރަކާތަށް އެއްބާރުލުންދީ، އެހީތެރިވެދިން ވިޔަފާރިތަކަށް ވެސް އޭނާ ޝުކުރު އަދާކުރެއްވި އެވެ. 

ފާހަގަކޮށްލެވޭ - މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. ކޯ ޕާޓްނަރުންގެ ގޮތުގައި މާސްޓާކާޑް، މޯލްޑިލްވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ރާއްޖެއޮންލައިން (އާރް.އޯ.އެލް) ހިމެނެ އެވެ. މިއީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ފަށަން ނިންމާފައިވާ ހަރަކާތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް