28 ޖެނުއަރީ 2024: ބައެއް ވަޒީރުންނަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމުމުން ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން މަޖިލިސް ސަރަހައްދުގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

މުޒާހަރާ

މަޖިލިސް ދޮށުގައި ސަރުކާރުން ކުރި މުޒާހަރާގައި ގޭންގުތަކުން ބައިވެރިވި: ސީޕީ

ޝުޖާއު ވިދާޅުވީ، ފުރަތަމަ މަޖިލިސް ކުރިމައްޗަށް ސުލްހަވެރިކަމާއެކު އެއްވި މީހުންގެ ތެރޭގައި ގޭންގުތަކަށް ނިސްބަތްވާ މީހުން ނުހިމެނޭ ކަމަށާއި، އެމީހުން އެތަނަށް އައީ މާ ފަހުން ކަމަށް
28 ފެބްރުއަރީ 2024
2

ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު ޕާޓީތަކުން ނިންމި މައްސަލާގައި މިދިޔަ މަހު 28ގައި ރައްޔިތުންގެ މަޖިލިސް ކައިރީގައި ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން ކުރި މުޒާހަރާގައި ގޭންގު މެމްބަރުން ބައިވެރިވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެދުވަހު މަޖިލިސް ކުރިމަތީގައި ކުރި މުޒާހަރާގައި މަޖިލީހުގެ ވަށާފާރު މައްޗަށް އަރާ، ގޯތި ތެރެއަށް އެއްޗިހި އުކާފައިވެ އެވެ. އެ މައްސަލާގައި ސުވާލު ކުރުމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދުގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ވަނީ ހާޒިރުކޮށްފަ އެވެ.

މަޖިލިސް ދޮށުގައި ކުރި މުޒާހަރާގައި ގޭންގުތަކަށް ނިސްބަތްވާ މެމްބަރުން ވެސް ބައިވެރިވެފައިވާ ކަމަށް ޝުޖާއު ވިދާޅުވީ، މިއަދުގެ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު ޕާޓީތަކުން ނިންމުމުން، ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން 28 ޖެނުއަރީގައި މަޖިލިސް ސަރަހައްދުގައި ކުރި މުޒާހަރާގައި ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ބުނީ ކީކޭ؟ - "ކޮމިޝަނަރުގެ ލިޔުއްވުމުން ފޮނުއްވާފައި އޮތް ޖަވާބުތަކާއި، އަދި ދެންމެ އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވެދެއްވި ވާހަކަތަކުން މި ސަރަހައްދަށް މީހުން އެއްވި އިރުގައި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އަދި ގޭންގު މެމްބަރުން ހިމެނޭ ކަމަށް ކޮމިޝަނަރު ވިދާޅުވި،" މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ފާހަގަކުރެއްވި އެވެ.

އެއާއެކު، އެމްޑީޕީއަށް ނިސްބަތްވާ ސަލީމް އެދިވަޑައިގެންނެވީ، އާއެކޭ ނުވަތަ ނޫނެކޭ ވިދާޅުވެ، ކޮމިޝަނަރު އެކަން ކަށަވަރުކޮށްދެއްވުމަށެވެ. ކޮމިޝަނަރު އެ ސުވާލުގެ ޖަވާބު ތަފްސީލުކޮށްދެއްވަން ފެެއްޓެވުމުން ވެސް ސަލީމް ތަކުރާރުކޮށް އެދިވަޑައިގެންނެވީ، ޖަވާބުގައި އާއެކޭ ނުވަތަ ނޫނެކޭ ވިދާޅުވުމަށެވެ.

ޖަވާބުގައި ކޮމިޝަނަރު ވިދާޅުވީ "ޔެސް،" އެވެ.

"އޭގެ ޓައިމްލައިން އެއް އަޅުގަނޑު ހަަމަ، [މިތަނުގައި] ތިއްބެވި ބޭފުޅުން ވެސް އެނގިލައްވަން ބޭނުންފުޅުވާތީ، އަޅުގަނޑު އެޑް ކޮށްލާނަން ކުޑަކުޑަ ތަންކޮޅެއް،" ސަލީމް ތަފްސީލެއް ބޭނުން ނޫން ކަމަށް ވިދާޅުވި ނަމަވެސް، މުގައްރިރުގެ ހުއްދައާއެކު ކޮމިޝަނަރު ކުރިއަށް ގެންދެވި އެވެ.

"ގޭންގުތަކަށް ނިސްބަތްވާ މީހުން އެތަނަށް އެއްވި ހިސާބުން ފެށިގެން އަޅުގަނޑުމެންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުން އެމީހުން ފޮނުވާލުމަށްޓަކައި މަސައްކަތް ކޮށްފައިވާނީ."

ޝުޖާއު ވިދާޅުވީ، ފުރަތަމަ މަޖިލިސް ކުރިމައްޗަށް ސުލްހަވެރިކަމާއެކު އެއްވި މީހުންގެ ތެރޭގައި ގޭންގުތަކަށް ނިސްބަތްވާ މީހުންނެެއް ނުހިމެނެ އެވެ.

"އެހެން ނަމަވެސް ފަހުގެ މަރުހަލާއެއްގައި އެމީހުން އައިމަ އަޅުގަނޑުމެންގެ ފޯސަސް އިތުރުކޮށް މަސްލަހަތު ހިފެހެއްޓުމަށްޓަކައި އިތުރަށް މަސައްކަތް ކުރިން،" ސީޕީ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/މުޙައްމަދު އަމާން)

ފާހަގަކޮށްލެވޭ - ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ކުރެެއްވި ސުވާލުގައި، ކޮމިޝަނަރުގެ ޖަވާބުން ގޭންގު މެމްބަރުން އައި ހިސާބުން ސަރުކާރުގެ މެމްބަރުން އެ ސަރަހައްދުން ގޮސްފި ކަމަށް މާނަކުރެވޭ ކަން ފާހަގަކުރެއްވި އެވެ. އެއާ އެކު އޭނާ ކޮމިޝަނަރު އަރިހުން ސާފުކޮށްދޭން އެދިވަޑައިގެންނެވީ:

  • ސަރުކާރުގެ މިނިސްޓަރުން، ނައިބު މިިނިސްޓަރުން، ކޯޑިނޭޓަރުން އަދި އެ ނޫން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަޖިލިސް ދޮށަށް ވަޑައިގެންނެވީ ކޮން ގަޑިއަކުތޯ؟

  • އެބޭފުޅުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން މިތަނަށް މީހުން އެއްވާން ގޮވާލީ ކޮން ގަޑިއަކުތޯ؟ 

  • ގޭންގް މެމްބަރުން މަޖިލިސް ކައިރިއަށް އައީ ކިހާ ވަގުތެއްގެ ފަހުންތޯ؟

  • ސަރުކާރަށް ނިސްބަތްވާ މިނިސްޓަރު ފެންވަރުގެ ބޭފުޅުންނާއި އަދި އެ ނޫން ސިޔާސީ ބޭފުޅުން މަޖިލިސްދޮށުން ވަޑައިގެންނެވީ އެ މީހުން އައިތާ ކިހާ އިރެއްގެ ފަހުންތޯ؟

"ވަރަށް ސާބިތު ކަމާއެއްކޮށް ވިދާޅުވެއްޖެ އެ ދެބައިމީހުން މިތަނުގައި މިކްސް ނުވާ ކަމަށް. އެކަމަކު އަޅުގަނޑުމެންގެ ލޮލަށް ފެނުނު މަންޒަރުތައް ފެނުނީ ތިޔަ ވިދާޅުވި ގޮތަކަށް ނޫން،" ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ވެސް އެކަމުގެ ހެކި ލިބޭކަން ފާހަގަކުރައްވާ ހިސާން ވިދާޅުވި އެވެ.

އެ ސުވާލުގެ ޖަވާބުގައި ކޮމިޝަނަރު ވިދާޅުވީ:

  • އެތަނަށް މީހުން އެއްވީ ސަރުކާރަށް ނިސްބަތްވާ އިސް ފަރާތްތަކާއި ގޭންގު މެމްބަރުން ކޯޑިނޭޓު ވެގެންތޯ ޔަގީންކުރެވޭ ވަރަށް ތަފްސީލީ މައުލޫމާތު ލިބިފައެއް ނެތް

  • ނަމަވެސް، ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި ހިސާބުން ފެށިގެން އިތުރު ޓީމުތައް ފޮނުވައިގެން އެ ސަރަހައްދަކީ ރައްކާތެރި ސަރަހައްދަކަށް ހަދަން މަސައްކަތް ކުރެއްވި

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، ފުލުހުން ސިޓީ މެދުވެރިކޮށް ހިއްސާ ކޮށްފައިވާ މައުލޫމާތާއި ކޮމިޓީގައި ދެއްކެވި ވާހަކަތަކުން، ސަރުކާރުގެ އިސް ބޭފުޅުން މުޒާހަރާގެ މައިދާނުން އެނބުރި ވަޑައިގަތުމާއި ގޭންގުތައް އެ ސަރަހައްދަށް ދިޔުމާ ގުޅުމެއް ވާކަން ދޭހަވާ ކަމަށެވެ.

"މި ޓައިމްލައިންއާ ހެދި، ސަރުކާރުން އިހުތިޖާޖު ކުރުމަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާ [ގޭންގުތަކާ] ގުޅުމެއް ވޭތޯ، މި ސުވާލު ވަރަށް ބޮޑަށް އެބަ އުފެދޭ. އެއީ އެއް ބަޔަކު އައުމުން އަނެއް ބަޔަކު އެތަނުނން ދާން ޖެހޭތީ،" އޭނާ ފާހަގަކުރެއްވި އެވެ.

އެ ގުޅުމަކީ ކޮބާތޯ ފުލުހުންގެ ތަހުގީގުގައި ބަލަމުންދޭތޯ ޖީހާން ކުރެެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝުޖާއު ވިދާޅުވީ، އެފަދަ ގުޅުމެއް އޮތް ކަމަށް ފާހަގަ ނުކުރެވޭ ކަމަށެވެ. ޝުޖާއު އިތުރަށް ވިދާޅުވީ:

  • ފުލުހުން ބަލަހައްޓަނީ، އެތަނުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް

  • މުޒާހަރާއަށް އެއްވާ ފަރާތްތައް އެތަނަށް ދިޔުމާ ނުދިޔުން އޮންނަނީ އެމީހުންގެ އަތްމަތީގައި

  • މެމްބަރުން ނުވަތަ އާންމު ރައްޔިތުން އެތަނަށް އެއްވާ އެއްވުމަކީ ވަކި ފަރާތަކުން އަންގައިގެން ނުވަތަ މެސެޖުތަކެއް ފޯރުކޮށްދީގެން ވީ ކަމެއް ކަން ބުނާކަށް ނޭނގޭ

  • ފުލުހުން މަސައްކަތް ކުރީ އެއްވި ފަރާތްތަކުގެ މައްސަލަ ބަލާކަށް ނޫން؛ މަސައްކަތް ކުރީ ހިނގާފާނެ ކަންތައްތައް ސުލްހަވެރިކަމާއެކު ގެންދިޔުމަށް، އަދި ހާދިސާއެއް ހިނގައިފި ނަމަ ކުރަންޖެހޭ މަސައްކަތްތައް ކުރުން

ގުޅުން ހުރި - އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން އެ ފުރުސަތު ނުލިބުނަސް، މީގެ ކުރިން ބައެއް މަޖިލިސް ކުރިމައްޗަށް މީހުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ފުރުސަތު ފުލުހުން މީގެ ކުރިން ދީފައިވާނެ ކަމަށާއި ނަމަވެސް މަޖިލިސް ކުރިމަތީގައި ކުރި މުޒާހަރާއަށް ފަހު އެ ފުރުސަތު ދެން ނުދޭނެ ކަމަށް ސީޕީ ޝުޖާއު މިއަދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ގާނޫނު އަކުރުން އަކުރަށް ތަންފީޒު ކުރާނެ ކަމަށެވެ. އެހެންކަމުން، ފުލުހުންގެ ހުއްދައާ ނުލާ މިހާރު މާލޭގައި އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ.

ކޮމެންޓް (2)

ސިއެރާ

28 ފެބްރުއަރީ 2024
އެކަމާ ކަންބޮޑުވާނެ ކަމެއްނެތް! ގޭންގުތަކުގެ ބުރަމަސައްކަތުންގެނާ ވެރިކަން ދިފާޢުކުރަން އެމީހުން ހުރިހާދިމާލަކުންވެސް ނިކުންނާނެ، އެއީ އެންމެންވެސް ދަންނަ ހަޤީޤަތެއް
6 0

ގޭންގް

29 ފެބްރުއަރީ 2024
@ސިއެރާ ގޭންގް އުފެއްދީ އެމްޑީޕީން. އެމްޑީޕީގެ އަސްލަކީ ކުށްވެރިން. ޖަލުހުކުމަކުން މައުމޫނުދެކެ ރުޅިއައި މީހުން
1 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް