7 ފެބްރުއަރީ 2024 - ދެވަނަ ޑިވިޒަންގެ ކްއާޓާ ފައިނަލްގައި ވިކްޓްރީ އާއި ކުޑަ ހެންވޭރުގެ މެޗުގެ ފަހު 10 މިނިޓްގައި ކުޑަ ހެންވޭރަށް ނިސްބަތްވާ ސަޕޯޓަރުންގެ ބަޔަކު ދަނޑުގައި ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތްްކުރަނީ. --ފޮޓޯ/މިހާރު

މާރާމާރީ

ގަލޮޅު ދަނޑުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި 13 މީހަކު ދޫކޮށްލައިފި

މި މައްސަލާގައި 16 މީހަކު ހައްޔަރުކުރި؛ މިހާރު ބަންދުގައި ތިބީ 3 މީހަކު

ގަލޮޅު ދަނޑުގައި ވިކްޓަރީ އާއި ކުޑަ ހެންވޭރު ބައްދަލުކުރި ދެވަނަ ޑިވިޒަންގެ ކްއާޓާ ފައިނަލް މެޗުގައި ކުޑަ ހެންވޭރުގެ ސަޕޯޓަރުން ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 13 މީހަކު ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - މެޗުގެ ފަހު 10 މިނިޓަށް އެޅިފައި އޮއްވާ ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ބަޔަކު ދަނޑަށް އަރައި ހަމަލާދޭން އުޅުނީ ވިކްޓަރީގެ ބިދޭސީ ކުޅުންތެރިއަކަށެވެ. އެ މީހުން ރުޅިއައީ މެޗުގެ ތެރޭގައި ކުޑަ ހެންވޭރުގެ ކުޅުންތެރިޔަކަށް ގަސްދުގައި އޭނާ ހަމަލާ ދިނުމުންނެވެ. 

ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ އަމަލްތައް ހުއްޓުވަން ދަނޑުގައި ތިބި ދެތިން ފުލުހަކު މަސައްކަތް ވެސް ކުރި އެވެ. ތަޅާފޮޅުން ހުއްޓުވަން ވިކްޓަރީގެ ކޯޗު އަދި 2008ގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމުގެ މުހިންމު އެއް ދިފާއީ ކުޅުންތެރިޔާ ސޮބާހު މުހައްމަދު ވެސް އުޅުނެވެ.

އެ ހަމަނުޖެހުން ހަމަޔަކަށް އެޅި ސޮބާހު ވެސް ވިކްޓަރީގެ ބެންޗާ ދިމާއަށް ދަނިކޮށް ދެން ފެނުނީ ކުޑަ ހެންވޭރުގެ ސަޕޯޓަރަކު އޭނާގެ މޫނުމަތީގައި ޖެހި ތަނެވެ. އެ ހަމަލާގައި ސޮބާހުގެ އަނގަމަތި ފެޅުނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 16 މީހެކެވެ. 

ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނިގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ތިން މީހެކެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ތިން މީހުންނެވެ. ދެން ތިބި 13 މީހުންގެ ތެރެއިން އެއްބަޔަކު ދޫކޮށްލާފައިވަނީ ޝަރުތުކޮށްފަ އެވެ. އަނެއް ބަޔަކު ދޫކޮށްލާފައިވަނީ ޝަރުތަކާ ނުލަ އެވެ.

މީގެ ތެރެއިން ބައެއް މީހުންގެ އެފަދަ ކުރީގެ ކުށުގެ ރެކޯޑުތައް ވެސް އޮތްއިރު، 13 މީހުން ދޫކޮށްލި ސަބަބެއް ކަމަށް ކޯޓު އަމުރުތަކުގައި ބުނެފައިވަނީ، މާރާމާރީއަށް ހިތްވަރު ދޭ ކަމަށް އަދި އެފަދަ އަމަލެއް ކުރާތަން ނުފެންނާތީ އެވެ. އަދި ކުށުގެ ރެކޯޑު އޮތްނަމަވެސް، އެ މީހުންގެ ހަރަކާތްތަކުން މުޖުތަމައުއަށް ނުރައްކަލެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ކޯޓު އަމުރުތަކުގައިވެ އެވެ.

ބައެއް ކޯޓު އަމުރުތަކުގައި ބުނެފައިވާ ގޮތުން، ގަލޮޅު ދަނޑުގައި ހިންގި މާރާމާރީއަކީ ބަޔަކަށް ސީދާ ގެއްލުން ދިނުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ޝަރީއަތައް ބުރައެއް ނުވެވެ އެވެ. ބަދަލުގައި، ޝަރީއަތުން ފާހަގަކުރަނީ އެކަމަކީ ޖަޒްބާތުގައި ހިނގި ކަމެއްގެ ގޮތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް