ވިކްޓްރީ އާއި ކުޑަ ހެންވޭރުގެ މެޗުގެ ފަހު 10 މިނިޓްގައި ކުޑަ ހެންވޭރަށް ނިސްބަތްވާ ސަޕޯޓަރުންގެ ބަޔަކު ދަނޑުގައި ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތްްކުރަނީ. --ފޮޓޯ/މިހާރު
ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ މާރާމާރީއާ ގުޅިގެން ހުއްޓާލި ވިކްޓަރީ މެޗު އެހާ ހިސާބުން ނިންމާލައިފި
އިއްޔެ ގަލޮޅު ދަނޑުގައި ކުޅުނު ވިކްޓަރީ އާއި ކުޑަ ހެންވޭރު ބައްދަލުކުރި ދެވަނަ ޑިވިޒަންގެ ކްއާޓާ ފައިނަލް މެޗުގައި ކުޑަ ހެންވޭރުގެ ސަޕޯޓަރުން ހިންގި މާރާމާރީއާ ގުޅިގެން ހުއްޓާލި ހިސާބުން މެޗު ނިންމާލަން އެފްއޭއެމުން މިއަދު ނިންމައިފި އެވެ.
އެފްއޭއެމްގެ މި ނިންމުން އައީ ކުޑަ ހެންވޭރުން އެދުނު އެދުމާ އެއްގޮތަށެވެ. އެފްއޭއެމުން ފުރަތަމަ ނިންމީ މެޗު ހުއްޓާލި ހިސާބުން ފަށައިގެން އަލުން ކުޅުމަށެވެ. އެކަމަކު އެއީ ކުޅިބަލާ މީހުން ދަނޑަށް ނުވައްދަ އެވެ.
މެޗު ހުއްޓާލީ ފަހު10 މިނިޓަށް އެޅިފައި އޮއްވަ އެވެ.
ކުޑަ ހެންވޭރުން އެދުނީ 3-1 އިން ވިކްޓަރީ ކުރީގައި އޮތް މެޗު ހުއްޓާލި ހިސާބުން ނިންމާލާށެވެ. އެފްއޭއެމްގެ މުބާރާތާ ބެހޭ ކޮމިޓީން ފަހުން ވަނީ އެ އެދުމާ އެއްގޮތަށް މެޗު ނިންމާލިކަން އިއުލާންކޮށްފަ އެވެ.
އިއްޔެ ކުޑަ ހެންވޭރުގެ ސަޕޯޓަރަކު ވަނީ ވިކްޓަރީގެ ކޯޗު އަދި 2008ގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމުގެ މުހިންމު އެއް ދިފާއީ ކުޅުންތެރިޔާ ސޮބާހު މުހައްމަދުގެ މޫނަށް ހަމަލާދީފަ އެވެ. ސޯޝަލް މީޑިއާގައި ފެތުރުނު ވީޑިއޯއިން ފެންނަ ގޮތުގައި ސޮބާއަށް ހަމަލާދިނީ ފުރަތަމަ އުފެދުނު ހަމަނުޖެހުން ހަމަޔަކަށް އެޅިގެން ވިކްޓަރީގެ ބެންޗާ ދިމާއަށް ހިނގާފައި ދަނިކޮށެވެ.
މި ހަމަނުޖެހުން އުފެދުނީ ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔަކު ކުޑަ ހެންވޭރުގެ ކުޅުންތެރިޔަކަށް ކުޅުމުގެ ތެރޭގައި ހަމަލާ ދިނުމުން ރެފްރީ އަޅާނުލުމުން އުފެދުނު ހިތްހަމަނުޖެހުމެއްގަ އެވެ. އެކަމަކު ސަޕޯޓަރުން އެ ހިންގި އަމަލް ފެނިފައި އެތައް ބަޔަކު ވަނީ ފާޑުކިޔައި، ސޯޝަލް މީޑިއާގައި މަލާމާތް ވެސް ކޮށްފަ އެވެ.
ސެމީ ފައިނަލްގައި ވިކްޓަރީ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އެންމެ ދުވަސް ވީ އަދި އެންމެ ކާމިޔާބު ދެ ކްލަބެވެ. ނަމަވެސް ހިންގުމުގައި ދިމާވި މައްސަލަތަކާ އެކު އެއްވަނަ ޑިވިޒަނުން ވެއްޓިފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
ކޮމެންޓް (3)
ކުދީނާ
ހަސަނުގ
Nޓބަަނަސް