ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގާ ބެހޭގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން މީގެ ކުރިން ބޭއްވި ބައްދަލުވުމެއް. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ފްލެޓުތަކާ ގުޅޭ 'ސިއްރު މައުލޫމާތު' މަޝްވަރާކުރަން ކޮމެޓީ ބައްދަލުވުން ސިއްރުކޮށްފި

އޭސީސީއިން ކޮމެޓީއާ ހިއްސާކުރި މައުލޫމާތުގެ ތެރެއިން މިހާރު މަޝްވަރާ ކުރަމުންދަނީ އޭގެ ސިއްރު ބައިތަކާ ބެހޭގޮތުން؛ އާންމުކުރީ އޭސީސީއިން ބައެއް މީހުން ޝަރުތު ހަމަނުވާ ކަމަށާއި ފޯމުތަކުގައި މައްސަލަ ހުރި ކަމަށް ބުނާ ސަބަބުތައް
28 ފެބްރުއަރީ 2024

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ކުރީގެ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސުކީމްގެ މައްސަލަތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިހާރު ކުރިއަށްގެންދާ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމަށް މިއަދު ހާޒިރުކުރީ:

  • ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގައި ފްލެޓާ ގުޅޭ ކަންކަމުގައި އިސްކޮށް އުޅުއްވި އޮފިޝަލުން

  • މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލުން

  • އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު

ތަފްސީލު - މިއަދުގެ ބައްދަލުވުން ސިއްރު ކުރަން ނިންމީ، މީގެ ކުރިން ބޭއްވި ކޮމެޓީ ބައްދަލުވުމުގައި މިއަދުގެ ބައްދަލުވުން ސިއްރުކުރަން ނިންމާފައި އޮތުމުންނެވެ.

ސިއްރުކުރާ ސަބަބެއް ކަމަށް ކުރިން ބޭއްވި ބައްދަލުވުމުގައި ބުނީ، ފްލެޓުތަކާ ގުޅޭގޮތުން އޭސީސީއިން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުގައި ހިމެނޭ ސިއްރު މައުލޫމާތުގެ ބައިތަކާ ބެހޭގޮތުން މަޝްވަރާ ކުރާތީ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިއަދުގެ ކޮމެޓި ބައްދަލުވުން ސިއްރުކުރުމުގެ ކުރިން، ފަހުން ތަފްސީލުތަކެއް ލިބިފައިވާ ކަމުގެ އިޝާރާތެއް ކޮމެޓީގެ މުގައްރިރު މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ދެއްވާފަ އެވެ. އެހެން ނަމަވެސް މައިކު ކަނޑާލުމުން އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އެނގުން މުހިންމު - އޭސީސީއިން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާ ހިއްސާކުރި މައުލޫމާތުގެ ތެރެއިން އާންމުކުރީ ތަހުގީގުގައި ބައެއް މީހުން ޝަރުތު ހަމަނުވާ ކަމަށާއި ޝަރުތު ހަމަވި ނަމަވެސް ފޯމުގައި މައްސަލަ ހުރި ކަމަށް ބުނާ ސަބަބުތަކެވެ.

  • 1-

    15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވުން

  • 2-

    މާލޭގައި އުޅުނުކަން ސާބިތުކޮށްދޭން ހުށަހެޅި ކައުންސިލް ސިޓީގައިވާ މައުލޫމާތާއި ގެދޮރުވެރިން ޕޯޓަލްއާ ގުޅުވާފައިވާ ދައުލަތުގެ އެކި ޑޭޓާބޭސްތަކުގައިވާ މައުލޫމާތު ފުށޫއެރުން

  • 3-

    މާލޭގައި އުޅުނުކަން ސާބިތުކޮށްދޭން ގޭގެއިންނާއި ކުންފުނިތަކުން ދޫކުރި ލިޔުންތަކުގައިވާ މައުލޫމާތާއި ގެދޮރުވެރިން ޕޯޓަލްއާ ގުޅުވާފައިވާ ދައުލަތުގެ އެކި ޑޭޓާބޭސްތަކުގައިވާ މައުލޫމާތު ފުށޫއެރުން

  • 4-

    15 އަހަރު މެދުނުކެނޑި މާލޭގައި އުޅުނުކަން ސާބިތުކުރަން ލިޔުން ހުށަހަޅާފައިނުވާތީ، މަދުވާ އަހަރުތަކަށް އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވުން

  • 5-

    މައި އެޕްލިކެންޓަށް ނުވަތަ ކޯ އެޕްލިކެންޓަށް މީގެ ކުރިން ސޯޝަލް ހައުސިންއެއް ލިބިފައިވުން

  • 6-

    މާލޭގައި އުޅުނުކަން ސާބިތުކޮށްދޭން ހަމައެކަނި ކައުންސިލް ލިޔުމެއް ހުށަހަޅާފައިވުން

  • 7-

    މާލޭގައި އުޅުނުކަން ސާބިތުކޮށްދޭން ހަމައެކަނި ގޭގެއިން ލިޔުން ހުށަހަޅާފައިވުން

  • 8-

    ރިސޯޓެއްގައި މަސައްކަތްކުރި ނަމަވެސް މެދުނުކެނޑި 15 އަހަރު މާލޭގައި އުޅުނުކަމަށް ލިޔުން ހުށަހަޅާފައިވުން

  • 9-

    ތައުލީމު ހާސިލުކުރަން ބޭރަށް ދިޔަ މީހުން މެދުނުކެނޑި މާލޭގައި އުޅުނުކަމަށް ބަލާ މުއްދަތުގައި ތައުލީމު ހާސިލުކުރަން ބޭރަށް ގޮސްފައިވުން

  • 10-

    ކުންފުންޏެއް ވުޖޫދުވުމުގެ ކުރިން އެ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ކަމަށް ލިޔުން ހުށަހެޅުން

  • 11-

    މަހެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީ 60،000ރ.އަށް ވުރެ އިތުރުވުން

  • 12-

    ޝަރުތު ފުރިހަމަ ވި ނަމަވެސް ފޯމުގައި މައްސަލަތަކެއް ހުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް