އުމުރުން 96 އަހަރުގެ މަރިޔަމް މަނިކެ، ބޮޑުތަކުރުފާނުގެ ގަނޑުވަރުގައި

ހއ. އުތީމު

އުމުރުން 96، ހަމައެކަނި ގަނޑުވަރު ދެކިލަން މާލެއިން އުތީމަށް

އެހާ ދުވަސްވީ މީހަކު މި ފަހުން ގަނޑުވަރު ބަލާލަން ގޮސްފައެއް ނުވޭ، އެހެންވެ އެތަނުގެ މުވައްޒަފުން އެކަން ބަލައިގަތީ ޝުކުރުވެރިކަމާ އެކުގައި
28 ފެބްރުއަރީ 2024
1

އެކަމަކު އެ މަސައްކަތުގެ ތެރެއިން އިއްޔެ އޭނާއާ ބައްދަލުވީ ތަފާތު ޝަހުސިއްޔަތަކާ އެވެ. އެއީ އުމުރުން 96 އަހަރު ވީ މަރިޔަމް މަނިކެ އެވެ. އުމުރުން ދުވަސްވީ އެ އަންހެން މީހާ އޭނާއަށް ހާއްސަވީ، ހަމައެކަނި ގަނޑުވަރު ދެކިލަން ވެގެން މާލެއިން ދަތުރު ހަދައިގެން އެހާ ދުރަށް ދިޔަ، އެހާ ދުވަސްވީ މީހަކާ އޭގެ ކުރިން ބައްދަލުވެފައި ނެތުމުންނެވެ.

މުނީފާގެ ބަހުން ނަމަ 'އެ ލޯބި މާމައާ' ބައްދަލުވުމުން ހިތުގައި އުފެދިގަތީ ވަރަށް އެހެން ކަހަލަ ޖަޒުބާތުތަކެކެވެ.

"އަޅުގަނޑުމެން މިއުޅެނީ އުތީމުގައި. ގަނޑުވަރުގައި. އެކަމަކު ގިނަ ފަހަރަށް މިތަނުގެ މުހިއްމުކަމެއް ހަނދާނެއް ނުވޭ،" ގަނޑުވަރުގެ ކަންކަން ބަލަހައްޓާ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ހިންގުމާ ހަވާލުވެ ހުރި މުނީފާ ކިޔައިދިނެވެ.

މަރިޔަމް މަނިކެ ބޮޑުތަކުރުފާނުގެ ގަނޑުވަރުގެ ދޮރުމަތީގައި
ބޮޑުތަކުރުފާނުގެ ގަނޑުވަރަށް ޒިޔާރަތްކުރުމަކީ އޭނާގެ ދުވަސްވީ އުއްމީދެއް

މަސައްކަތުގެ ތެރެއިން އައިޝަތު މުނީފާއަށް ކޮންމެ ދުވަހަކު ވެސް، ނުދަންނަ އެތައް ބަޔަކާ ބައްދަލުވެ އެވެ. ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ގަނޑުވަރަށް ޒިޔާރަތް ކުރާ މީހުންނަށް އެތަން ދައްކާލައި، ގަނޑުވަރުގައި ހުންނަ ތަންތަނާ ގުޅޭ މައުލޫމާތު އެ މީހުންނަށް ކިޔައިދިނުމަކީ އޭނާގެ އެއް ޒިންމާ އެވެ.

"އަޅުގަނޑުމެން ގިނަ ފަހަރު ހަނދާނެއް ނުވޭ މިއުޅެވެނީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރި ބަތަލުންގެ އުފަން ރަށުގައޭ ވެސް."

މާމަ ދަރިންނާ އެކު މަރިޔަމް މަނިކެ އުތީމަށް އިއްޔެ ދިޔައީ، ކުޅުދުއްފުށީ މަގުންނެވެ. މަތިންދާބޯޓުގައި މާލެއިން ކުޅުދުއްފުއްޓަށް ގޮސް، ސްޕީޑްބޯޓުގައި އުތީމަށެވެ. ކަނޑު މަގުގައި ބައިގަޑިއެއްހާ އިރު ހޭދަކުރި އެވެ.

އެކަމަކު އެއީ މާމަގެ ދުވަސްވީ އެ އެދުން ފުރިހަމަކޮށްދިނުމަށް އޭނާގެ އާއިލާއިން ދިން ހަދިޔާއެކެވެ. އުމުރުން 100އާ ގާތްކުރި ނަމަވެސް މަރިޔަމް މަނިކެގެ ސިއްހަތު ރަނގަޅެވެ. އަސާގަނޑެއްގެ އެހީގައި އަމިއްލައަށް ހިނގާބިނގާވެ އުޅެވެ އެވެ. ރަނގަޅަށް މުއާމަލާތު ކުރެވެ އެވެ.

އުމުރުން 96 އަހަރުގެ މަރިޔަމް މަނިކެ، އޭނާ އެތަނަށް އިއްޔެ ދިޔައީ މާމަދަރިންނާ އެކުގައި

އެހެންވެ، އިއްޔެ އޭނާ ހުރީ، ދުވަސްވީ އެ އުއްމީދު ފުރިހަމަވީތީ ވަރަށް އުފާވެ އެވެ. މުނީފާގެ އެހީގައި ގަނޑުވަރުގެ އެކި ތަންތަން ބެލީ ޝައުގުވެރިކަމާ އެކު އެވެ. ސުވާލުކޮށް، ކަންކަން އޮޅުންފިލުވި އެވެ.

މުނީފާ ބުނިގޮތުގައި ގަނޑުވަރު ބަލާލަން، މިދުވަސްކޮޅު ދުވާލަކު 3-4 ގުރޫޕު ދެ އެވެ. ސްކޫލު ބަންދު ދުވަސްވަރު، ކޮންމެ ދުވަހަކު 100-200 މީހުންނާ ބައްދަލުވެ އެވެ. އެކަމަކު އުމުރުން އެހާ ދުވަސްވީ މީހަކު، އެފަދަ ބޮޑު ޝައުގުވެރިކަމަކާ އެކު އެހާ ދުރުން މި ފަހުން އެތަނަށް އައިސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"އެހާ ދުރުން އެފަދަ ބޭފުޅަކު މިތަނަށް އައުމުން އަޅުގަނޑަށް އިހުސާސް ކުރެވުނު، މި ރަށާއި މި ގަނޑުވަރާ މެދު އަޅުގަނޑުމެން ފަހުރުވެރިވާން ޖެހޭނެކަން. އަޅުގަނޑުމެން ނޫނަސް މި ގައުމުގައި އެބަ ތިބިކަން، އެ އަބްތޯލުންގެ ޒިކުރާ އާކުރާ ބަޔަކު،" މުނީފާ ކިޔައިދިނެވެ.

އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ގަނޑުވަރު. (ފޮޓޯ/އެޓޯލް ސެއިލާސް)

ނަމަވެސް ހިތާމައާ އެކު ދެން އޭނާ ފާހަގަކުރީ، މި ޖީލުގެ ކުދިން އެ ތަންތަނާ މެދު ޝައުގުވެރިކަން ނެތް މައްސަލަ އެވެ. ބޭރު ބައެއްގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރި ބަތަލުންގެ މަސައްކަތާއި ގުރުބާނީއާ މެދު މާ ބޮޑު މައުލޫމާތެއް ނޭނގޭ ކަމެވެ.

"އެބަ އުޅޭ ކަންނޭނގެ ބޮޑުތަކުރުފާނަކީ ކާކުކަން ނޭނގޭ ކުދިން ވެސް،" މުނީފާ ބުންޏެވެ.

ބޮޑުތަކުރުފާނުގެ ގަނޑުވަރު ބަލައިލުމަށް ފަހު، މަރިޔަމް މަނިކެ، އޭނާގެ އާއިލާއާ އެކު މިހާރު އުޅެނީ މާލެ އައުމުގެ މަގުމަތީގަ އެވެ. އާއިލާއިން ބުނާ ގޮތުގައި، އެހާ ދުވަސްވީ އެދުމެއް ފުރިހަމަވުމުން މާމަ ހުރީ ހިތްހަމަޖެހިފަ އެވެ. އެނބުރި އެ ދަނީ އުފަލުންނެވެ.

ކޮމެންޓް (1)

ހަބަރު

29 ފެބްރުއަރީ 2024
ހަބަރުގަ އެއް ފަހަރު އަތޮޅު ޖެހީމަ ނިމުނީ. އެއް ފަހަރު މީހެއްގެ ފުރިހަމަ ނަން ޖެހީމަ ނިމުނީ.. އެކަމަކު މި ލިޔުން އެހެނެއް ނޫން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް