27/2/2024؛ ބާރަށުގައި ހުންނަ ބޮޑު ކާނި ގަހުގައި ރޯކޮށްލާފައި(ފޮޓޯ/އަލީ ޝަމީމް)

ހއ. އަތޮޅު

ސިޔާސީ ފޯރީގައި ބާރަށުގައި ހުރި ބޮޑުތަކުރުފާނާ ގުޅޭ ކާނިގަހުގައި ހުޅުޖަހައިފި

ހުޅުޖަހާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި؛ އަލިފާންގަނޑު މިއަދު ހެނދުނު ނިއްވާލެވުނުއިރު ގަހުގެ އެއްފަޅި އެއްކޮށް ވަނީ އަނދާފައި

ސިޔާސީ ފޯރީގައި ހއ. ބާރުގައި ހުންނަ ތާރީހީ ޒަމާންވީ ބޮޑު ކާނިގަހުގައި ރޭ ބަޔަކު ހުޅުޖަަހައި އަންދާލައިފި އެވެ.

ވީ ކިހިނެއް؟ - ތިލަދުންމަތީ ބާރަށު އީދުކުޅޭ މަގުގައި ހުންނަ މި ކާނިގަހަކީ ކަޅުއޮށްފުންމި އަލަށް ބަދެގެން ރިޔާ ފަަހަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނިކަޑައިން ހެދި ބޮޑުވެފައި ހުރި ޒަމާންވީ ބިޔަ ގަހެއް ކަމަށް ބުނެވެ އެވެ. ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ގަަހަށް މިހާރު 400 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ.

ބާރަށުގައި ހުންނަ ބޮޑު ކާނިގަސް؛ މި ގަހަށް 400 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށް ތާރީހު ދިރާސުރައްވާ ބޭފުޅުން ވިދާޅުވޭ؛ ފޮޓޯ/ ނާޖިހް ދީދީ

ރޭގެ ދަންވަރުގެ ވަގުތެއްގައި މި ގަހުގައި ބަޔަކު ހުޅުޖަހާފައި ވަނީ ގަހުގެ ބޮޑު ބައި ހިކިފައި ހުއްޓައި އަލުން އާ ކުރިތަކެއް ޖަހަން ފަށާފައިވަނިކޮށެވެ.

ބުނީ ކީކޭ؟ - އެ ރަށު ކައުންސިލް މެމްބަރު އަލީ ޝަމީމް މިއަދު 'ދައުރު' އަށް ވިދާޅުވީ ގަހުގައި ރޯކޮށްލާފައި ހުއްޓާ ފެނިފައިވަނީ ރޭ ދަންވަރު 2:15 ހާއިރު ކަމަށެވެ. އެ މަންޒަރު ފުލުހުންނަށް ފެނުމާ އެކު، ގަސް ސަލާމަތް ކުރުމަށްޓަކައި އަލިފާން ނިއްވުމުގެ ކަންކަން ކައުންސިލާ ގުޅިގެން ކޮށްފައިވާއިރު، އަލިފާންގަނޑު ނިއްވާލާފައި ވަނީ މިއަދު ހެނދުނު 7 ޖެހިއިރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަހުގެ އެއްފަޅި އެއްކޮށް އޮތީ އަނދާފައި. ނަމަވެސް އަޅުގަނޑުމެން ގަބޫލު މިކުރަނީ އަދިހަމަ އެ ގަސް ވުޖޫދަށް ގެނެވިދާނެ ކަމަށް. އެ ކޮންމެވެސް ވަރަކަށް ބޮޑުބައި ހިކިފައި ހުރެ، ފަހުން ދިރުމެއް ހުރެ، އެބަހުރި ނިރުތަކެއް ވެސް ނުކުމެފައި، އަޅުގަނޑުމެން ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން މަސައްކަތް މިކުރަނީ އެ ގަސް ވުޖޫދަށް ގެނެވޭނެ ގޮތްތަކެއް ކުރިއާލައި ބަލައި އެގޮތަށް މަސައްކަތްތަކެއް ކުރަން،" ޝަމީމް ވިދާޅުވި އެވެ.

އެކަން ކުރީ ވަކި ބަޔެކޭ ބުނާކަށް ޝަމީމަކަށް ވެސް އެނގިވަޑައެއްނުގަންނަވަ އެވެ. އެކަމަކު އޭނާ ލަފާކުރައްވަނީ އެ ގަހުގައި ބަޔަކު ހުޅުޖަހާފައި ވަނީ ސިޔާސީ ހިޔާލުތަފާވުމުގެ ތެރެއިން ކަމަށެވެ. އެގޮތުން ގަހުގައި އިއްޔެ ރޯކޮށްލާފައިވަނީ، އެ ގަހުގެ ތެރެއިން ފަޅަމުން އަންނަ ނިކަ ގަހެއްގެ ގޮފިތަކެއް އިއްޔެ ކައުންސިލުން ކޮށާލާފައި ވަނިކޮށް، އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ނިކަގަހުގެ ގޮފިތައް ކަނޑާލީ، ރަށުގެ ތާރީހާ ގުޅިފައިވާ، ހިމާޔަތްކުރުން މުހިންމު، ބޮޑު ކާނިގަހުގެ ތެރެއިން ނިކަ ގޮފިތަކެއް ފަޅަން ފަށާފައިވުމަކީ، ކާނި ގަހުގެ ހެދިބޮޑުވުމަށް ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން ލަފާދިނުމުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

މި ލަފާ ދިނީ އެރަށަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން، ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސާލިމް އެވެ. ޝަމީމް ގަބޫލުކުރައްވަނީ، ރޭ ގަހުގައި ހުޅުޖަހާފައިވަނީ އެކަމާ ހިތްހަމަނުޖެހިގެން، ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ބަަޔަކު ކަމަށެވެ.

"ސްޓޭޓް މިނިސްޓަރު ސާލިމް، އެ ގަސް ބައްލަވާ ލެއްވުމަށް ފަހު އަޅުގަނޑުމެންނާ ބައްދަލުކޮށް ވިދާޅުވީ، އެ ގަހުގައި މިހާރު އެބަ ހުއްޓޭ ނިކަގަސް ފަޅާފައި. ދުރު ނޫން މާޒީއެއްގައި ފެންނާނީ ނިކަގަސް ވެރިވެގަންނަތަނޭ، ކާނިގަސް މަރުވެ ފަނާވާނީއޭ، އެހެންވެ ސްޓޭޓް މިނިސްޓަރާ އަޅުގަނޑުމެން ގުޅިގެން އެ ގޮފިތަކަށް ކަނޑާފައި އުކާލީ، އެހެންވީމަ އޭނާ [މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ސާލިމް] އެކަން ކުރީމައި ހިތްހަމަ ނުޖެހޭ ބަޔަކު އުޅެނީހެން އަޅުގަނޑުމެންނަށް ހީވަނީ." 

މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ޝަމީމް ވިދާޅުވީ، އެ ގަހުގައި ހުޅުޖެހި ވަގުތަކީ ސާލިމް އެ ރަށުގައި ހުންނެވި ވަގުތެއް ކަމަށާއި، އަލިފާން ނިއްވުމުގައި އަދި ގަސް ސަލާމަތް ކުރަމަށްޓަކައި ކުރެވިދާނެ ކަންކަން ކިޔައި ދެއްވާ، އޭނާ ވަރަށް ބޮޑަށް އެހީތެރިވެފައިވާ ކަމަށެވެ. އޭނާ މާލެ ވަޑައިގެންނެވީ އެއަށް ފަހު މިއަދުގެ ވަގުތެއްގަ އެވެ.

"އަޅުގަނޑުމެން ގޮވާލަން އެ ގަހުގެ އެންމެ މުލެއް، ނިރެއް، މައްޗަށް ފެންނަން އިނަސް، އެންމެ ދަނޑިއެއް ނާނދާ އިނަސް އެ ގަސް ހިމާޔަތް ކޮށްދޭން،" އެ އަމަލު ކުށްވެރިކުރައްވާ ޝަމީމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް