ކިނބޫ އޮތްތަނުން ނުކުންނައިރު ސަލާމަތް ވާންވެގެން ސަލާމް އެތަނުން ދުއްވައިގަންނަނީ

ފުލުހުން

ކިނބޫ ހިފަން ކުރި ތަޖުރިބާ؛ 'ދުވަހަކު ހަނދާނެއް ނުނެތޭނެ'

ކިނބޫ ލޯ ހުޅުވާލާފައި ސަލާމަތް ވާންވެގެން ދުއްވައިގެން އިރު ސަލާމް އޮތީ އެއާ ފޫޓެއްހާ ދުރުގައި
25 ފެބްރުއަރީ 2024
6

ކިނބުލަކީ ރާއްޖޭގައި އުޅޭ ޖަނަވާރަކަށް ނުވިޔަސް، ދޭތެރެ ދޭތެރެއިން ރަށްރަށުގެ ގޮނޑުދޮށުން ނުވަތަ ރަށް ކައިރީ މޫދުން ކިނބުލެއް ފެނިގެން ރިޕޯޓު ކުރެ އެވެ. ނަމަވެސް ގިނަ ފަހަރަށް އާއްމުންނަށް ފެންނަނީ އެ ކިނބުލުގެ ފޮޓޯ އެކެވެ. އިއްޔެ ފުރަތަމަ ފަހަރަށް ކިނބުލާ ބަޔަކު ކުރިމަތިލާ ތަން ފެނުނު އިރު، އެ ހިފަން އުޅުނު ގޮތުން ގިނަ ބަޔަކަށް މަޖާވި އެވެ.

ށ. ފުނަދުއާ އެއް ފަޅެއްގައި އޮންނަ ފަރުކޮޅުގެ ގޮނޑުދޮށަށް އަރާ އޮތް ބޮޑު ކިނބޫ މޫދަށް ފައިބަން ދުއްވައިގެންއިރު އެތާ ކައިރީގައި ތިބި މީހުން އެއާ ދުރަށް ދާން އެއަށް ވުރެ ބާރަށް ދުއްވައިގަންނަ މަންޒަރުން ގިނަ ބަޔަކު ހެއްވާލި އެވެ. 

ނުރައްކާވެދާނެ އެ ހާލަތާއި ކުރި މަސައްކަތް 'ދައުރު'އަށް ކިޔައިދިނީ ކިނބޫ އޮތް ތަނުން އެންމެ ފަހުން ނުކުމެވުނު އަބްދުއްސަލާމް ހުސެން އެވެ.

ކިނބޫ ހިފުމަށް އިއްޔެ ފުލުހުން މަސައްކަތް ކުރަނީ

ރަށަށް ކިނބުލެއް އަރައިގެން އުޅޭ ކަމަށް، ސަލާމް އާއި އޭނާގެ އެކުވެރިންނަށް ހަބަރު ދިނީ އެ ރަށަށް ދިޔަ އިތުރު ބައެކެވެ. އޭރު ސަލާމް ހިމެނޭ ގޮތަށް، ބީއެމްއެލް ފުނަދޫ ބްރާންޗުގެ ހުރިހާ މުވައްޒަފުން އުޅެނީ އެ ރަށަށް ދަތުރު ގޮސްގެންނެވެ.

ފަރުކޮޅުގެ ގޮނޑުދޮށުން، ކުރެދި ގަސްތަކުގެ ތެރޭގައި އޮތް 11 ފޫޓުގެ އެ ކިނބޫ ފެނުނީ ޑިންގީގައި ރަށް ކައިރިން، ދުއްވާފައި ދިޔަ ބަޔަކަށެވެ. ފުލުހުންނަށް އެކަން ރިޕޯޓު ކުރީ ވެސް އެ މީހުންނެވެ.

ދުވަހަކު ވެސް ނުފެންނަ އެއްޗަކަށް ވުމުން، ފުލުހުން އައުމުގެ ކުރިން ސަލާމް އާއި އޭނާގެ އެކުވެރިން ތަންކޮޅެއް ދުރުގައި، އެ ބެލުމަށް ފާރަވެރިވެގެން ތިއްބެވެ. ދިހަވަރަކަށް މިނިޓް ފަހުން، ފުލުހުންގެ 12 މީހުން އެ ރަށަށް ދިޔަ އެވެ.

ކިނބޫ އޮތީ ކުރެދި ގަސްތަކުގެ ތެރޭގައި ގޮނޑުދޮށުގަ އެވެ. ލޯ މަރައިގެން އޮތުމުން، އޭތި އޮތީ މަރުވެފައި ކަމެއް ނުވަތަ ނިދާފައި ކަމެއް ނޭނގުނެވެ. އެކަން ޔަގީންކުރުމަށް އެއާ ގާތްވީ، ސަލާމެވެ. ވެލިގަނޑު މަތީގައި ބަނޑު ޖަހައިގެން، ކުރެދި ގަސްތަކުގެ ދަށުން ކިނބުލުގައި އަތް ލެވޭހާ ކައިރިއަށް، އޭނާ އެއާ ގާތްވި އެވެ. އޭރު ފުލުހުން މަސައްކަތް ކުރަމުން ދިޔައީ އޭގެ ކަރަށް މަޅިގަނޑު ލެއްވުމަށެވެ.

ކިނބޫ ދުވެފައި މޫދަށް ފައިބަނީ

އެކަމަކު އެކަން ފަނުފުލުން ދިޔައީ، މަޅިގަނޑު ލެއްވުމަށް ގެންގުޅުނު ރިތުން ކިނބުލުގެ ބޮލުގައި ޖެހުމުންނެވެ. ލޯ ހުޅުވި އިރު އެންމެ ކައިރީގައި މިއޮތީ ސަލާމެވެ. ކިނބޫ އެނބުރިލި ވަގުތު އޭގެ ނިގޫ ގަހުގައި ޖެހުނު އަޑު އިވުމާ އެކު މަންޒަރު ބަލަން ތިބި މީހުން ހަޅޭއްލަވައިގަތެވެ. އެ ވަގުތު ކޮންމެ މީހަކު ވެސް ބެލީ އެ މީހެއްގެ ސަލާމަތް ހޯދޭތޯ އެވެ.

ކިނބޫ ހިފަން އުޅުނު ހުރިހާ ފުލުހުން ވެސް ބަލަން ނުތިބެ ދުއްވައިގަތެވެ. ގަސްތަކުގެ ތެރެއިން އެންމެ ފަހުން ނުކުމެވުނީ ސަލާމަށެވެ. އޭރު ގާތްގަނޑަކަށް އޭނާ އާއި ކިނބުލާ ދެމެދު ފޫޓެއްހާ ދުރުމިން ވެސް ނެތެވެ. ބިރުގެންފައިވާ ކިނބޫ ވެސް ގަސްތަކުގެ ތެރެއިން ނުކުމެ، ހަލުވި ދުވެލީގައި ފޭބީ މޫދަށެވެ. 

"އަސްލު އަޅުގަނޑު ބިރެއް ނުގަނޭ. އެކަމަކު މިއީ އެކަހަލަ ފުރަތަމަ ތަޖުރިބާ ވީމަ ދެން ކިނބޫ އެޓޭކް ކުރާނީ ކިހިނެއްކަން ނޭނގުނީމަ ޖެހިލުންވި،" ސަލާމް ބުންޏެވެ.

ފުލުހުން ކިނބުލުގެ ބޮލުގައި އަޅުވަން އުޅުނު މަޅިގަނޑު އޮތީ ބޮލަށް ރަނގަޅަށް ނުފެއްތި އެވެ. އެހެންވެ، ކިނބޫ މޫދަށް ފޭބުމާ އެކު އޭގެ ބޮލުން އެ ނެއްޓުނެވެ.

ކިނބޫ ހިފުމަށް އިއްޔެ ފުލުހުން މަސައްކަތް ކުރަނީ

ސަލާމް ބުނިގޮތުގައި ކިނބޫ އެ ވަގުތު އުޅުނީ މީހަކަށް ހަމަލާ ދިނުމަށް ވުރެ އަމިއްލަ ސަލާމަތްކަން ހޯދާށެވެ.

"އޭތި ދިޔަ ގޮތަށް ގޮސް، މޫދަށް ފައިބައިގެން ވިލު ތެރެއަށް ގޮސް އަޑީގައި އޮތީ،" އޭނާ ބުންޏެވެ.

އެއްގަމުން އަތު ނުވިޔަސް، މޫދުން ނަމަވެސް އެ ހިފޭތޯ ފުލުހުން މަަސައްކަތް ފެށި އެވެ. އޭރު އެ ހިސާބުގައި، ބޭންކުގެ މުވައްޒަފުން ވެސް ޑިންގީގައި މަޑުކޮށްލައިގެން ތިއްބެވެ.

ސަލާމް ކިޔައިދިން ގޮތުގައި މޫދު އަޑީގައި އޮތުމަށް ފަހު ނޭވާލުމަށް ކޮންމެ ފަސް މިނިޓަކުން ކިނބޫ މައްޗަށް އަރަ އެވެ. ލޯންޗުގައި ހުރި އާންމުންގެ މީހަކު ގޮސް އޭގެ ކަރަށް ދާވަންޏެއް ވައްޓާލީ، އެގޮތަށް ނޭވާލާން މައްޗަށް އެރި ވަގުތެއްގަ އެވެ. އަދި ހިފެހެއްޓުމަށް ފަހު އޭގެ ތުންގަނޑުގައި ވާ އައްސައި ހައްޔަރުކޮށްލި އެވެ. ކިނބޫ ހިފުމަށް ގާތްގަނޑަކަށް 15 މިނިޓް ހޭދަވި ކަމަށް ސަލާމް ބުންޏެވެ.

ކިނބޫ ހިފުމަށްފަހު އިއްޔެ ފުނަދުއަށް ގެންގޮސްފައި

މޫދުގައި ބާއްވައިގެން ފުލުހުން ކިނބޫ ގެންދިޔައީ ފުނަދު އަށެވެ. އަދި ފަހުން ސިފައިން އެޔާ ހަވާލުވި އިރު ވެސް އޭތި ދިރި އޮތެވެ.

ފުރަތަމަ ފަހަރަށް ސަލާމަށް ކިނބުލެއް ފެނުނު އިރު، އޭގެ ބިރުވެރިކަން ވެސް އޭނާއަށް ތަޖުރިބާކުރަން ޖެހުނެވެ. އޭނާ ބުނިގޮތުގައި އެއީ ހަނދާނުން ނުފިލާނެ ތަޖުރިބާއެކެވެ.

ކޮމެންޓް (6)

ތަކުރު

25 ފެބްރުއަރީ 2024
ސަލާމުވެސް ބިރުން ދުވަނީ. ކިނބޫވެސް ބިރުން ދުވަނީ
2 0

ކިނބޫ

25 ފެބްރުއަރީ 2024
ފުލުހުން ތިބީ މަންޒަރު ބަލަން. ހުރިހާކަމެއްކުރީ ރައްޔިތުމީހާ
2 0

އިއްސެ

25 ފެބްރުއަރީ 2024
@ކިނބޫ ފުލުހުން މަންޒަރު ބަލަން ތިއްބަސް ނެތަސް ކަމެއް ވާއިރަށް ކަލޭމެންވެސް ގުޅާނީ ފުލުހުން ނުވަތަ ސިފައިންނަށް.ވަރަށް އީޒީކޮށް ގުޅާލެވޭނެ.
5 1

ދިފާއީ ބާރުތަށް

26 ފެބްރުއަރީ 2024
@އިއްސެ ހަމަ ތެދަށް ތިބުނީ، ކަމެއްވާއިރަށް ދެފައިތަޅާ ރޮއެގަނެފަވެސް ގުޅާނީ ފުލުހުންނަށް🤭
1 2

ކޯޓު މީހާ

26 ފެބްރުއަރީ 2024
@ކިނބޫ އެއީ ކޯޓު އަމުރު ނުލިބޭތީ
0 0

ކިނބޫ

26 ފެބްރުއަރީ 2024
@އިއްސެ ބަލަ. ފުލުހުންނަށް ގުޅީމަ ދިޔަ ފުލުހުން ކަންތައްކުރީ ޕްރޮފެޝަނަލްކޮށެއް ނޫނޭ މިބުނީ. އެފަދަކަމެއް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު ނާޅަ ފެށީމަ ކަޑަ. ދެން ކިނބޫ މޫދަށް ފޭބީމަވެސް ފުލުހުން ކުޑަ ޑިންގީއެއްގަ ދުރުގަތިބީ . ގަބޫލުކުރަން އެވެސްއިންސާނުން. އެކަމަކު ފުލުހުން ކިޔަނީ ކަމަކު. ކިނބޫހިފީ ފުލުހުންނެއްނޫން. ކްރެޑިޓް ލިބުނީ ބަލަންތިބި ފުލުހުންނަށް. އެހެންވީމަ ކިނބޫ ދެރަވާނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް