ފަރުކޮޅުން ފެނުނު ކިނބޫ ރަށުގެ ގޮނޑުދޮށުގައި
ށ. ފަރުކޮޅަށް ދަތުރު ދިޔަ ބަޔަކަށް ފެނުނީ 10 ވަރަކަށް ފޫޓުގެ ކިނބުލެއް
ހިމާޔަތްކޮށްފައި އޮންނަ ށ. ފަރުކޮޅަށް ދަތުރު ދިޔަ ބަޔަކަށް، 10 ވަރަކަށް ފޫޓުގެ ކިނބުލެއް އެ ރަށުން ފެނިއްޖެ އެވެ.
ވީ ކިހިނެއް؟- އެނގިފައިވާ ގޮތުގައި ކިނބޫ ފެނުނީ އެ އަތޮޅު ފުނަދުއިން ފަރުކޮޅަށް ދަތުރު ދިޔަ ބަޔަކަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ކިނބޫ އޮތީ ރަށުގެ ގޮނޑުދޮށުގައި ކުރެދި ގަސްތަކުގެ ތެރޭގަ އެވެ.
ތަފްސީލު- ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި:
-
މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު ކިނބުލުގެ ދިގު މިނުގައި 10 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ބެލެވޭ، އެކަމަކު އެއަށް ވުރެ ދިގުވުން ވެސް އެކަށީގެންވާ ކަމަށް ވިދާޅުވި
-
ކިނބޫ ފެނުމާއެކު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައި
-
ފުލުހުން އެ ރަށަށް މިހާރު ގޮސް ވަނީ ކިނބޫ ހިފާފައި؛ ހިފި ކިނބޫ ވަނީ މިހާރު ފުނަދުއަށް ގެނެސްފައި
ފާހަގަކޮށްލެވޭ - ދަތުރު ދިޔަ މީހުން އެ ކިނބޫ ހިފަން މަސައްކަތްކުރާތަން ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި:
-
ދަތުރު ދިޔަ 5 މީހަކު ވަނީ އެ ކިނބޫ ހޭޅިފަށުގައި ހެދިފައިވާ ގަސްތަކު ތެރޭ އޮއްވައި އޭތި ހިފަން މަޅިގަނޑެއް ހަދައިގެން މަސައްކަތްކޮށްފައި
-
ނަމަވެސް އެ މީހުންނާ ދިމާލަށް ކިނބޫ ދުއްވައިގަނެ މަޅިގަނޑާއެކު މޫދު ތެރެއަށް އޭތި ދޫވެގެން ދޭ
-
އޭރުވެސް ފަޅު ތެރޭ އެހެން ޑިންގީއެއްގައި އެ ރަށަށް ދަތުރު ދިޔަ ބަޔަކު ތިބި
އެނގުން މުހިއްމު- ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓު ކައިރިން މިދިޔަ މަހު ފަހުކޮޅުގައި ވެސް ވަނީ ކިނބުލެއް ފެނިފަ އެވެ. ނުވަ ފޫޓުގެ އެ ދިގު ކިނބޫ ހިފީ ސިފައިން އެ ރަށް ގޮސްގެންނެވެ.