އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ އުޅަނދުތަކެއް ހުޅުމާލޭގައި ބަނދަރުކޮށްފައި (ދައުރު ފޮޓޯ/ހުސައިން ސުނައިން

ރާއްޖެ-އެމެރިކާ

4 ޕެޓްރޯލް ބޯޓު ގަންނަން އެމެރިކާއިން 8 މިލިއަން ޑޮލަރު ދެނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމްކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި
24 ފެބްރުއަރީ 2024
2

ރާއްޖެއިން ހަތަރު ޕެޓްރޯލް ބޯޓު ގަންނަން އެމެރިކާ އިން 8 މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ) ދޭން މަޝްވަރާކޮށްފި އެވެ.

ވީ ކިހިނެއް؟ - މި އުޅަނދުތައް ގަތުމަށް އެމެރިކާއިން ފައިސާ ދިނުމާ ބެހޭ ގޮތުން ވާހަކަދެއްކީ އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ މެނޭޖްމަންޓް އެންޑް ރިސޯސަސް، ރިޗާޑް ވާމާ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ބައްދަލުކުރެއްވުމުގަ އެވެ.

ތަފްސީލް - އެމެރިކާއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވާ ގޮތުން ހަތަރު ޕެޓްރޯލް އުޅަނދަށް ފައިސާ ދިނުމުގެ ބޭނުމަކީ:

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުން

  • ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ ގޮތަށް ރާއްޖޭގެ އީއީޒެޑް ތެރޭގައި ހިންގާ އަމަލުތައް ހުއްޓުވުން

މިކަމާ ބެހޭ މައުލޫމާތު މިހާތަނަށް ދިވެހި ސަރުކާރުން ހިއްސާކޮށްފައެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ - އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެއަށް ކުރެއްވި ދަތުރުގެ ބައްދަލުވުންތަކުގައި ޒަމީރުގެ އިތުރުން ވެސް ގިނަ ވަޒީރުންތަކެއް ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި:

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

  • ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

  • ހޯމް މިނިސްޓަރު އަލީ އިހުސާން

  • އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް

  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

ފާހަގަކޮށްލެވޭ - ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މި ފަހުން އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ވަދެ، ރާއްޖޭގެ މަސް ދޯނިތަކަކަށް އަރާ ބަލާފާސްކުރި އެވެ. އެކަމާ ގުޅިގެން އިންޑިއާއިން އަދިވެސް ޖަވާބުދާރީވެފައެއް ނުވެ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓޭނެ ގާބިލުކަން ރާއްޖޭގައި ނެތެވެ.

އެނގުން މުހިއްމު - އެ މައްސަލަތަކަށް ފަހު، ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމްކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (2)

ލޯދުބެ

25 ފެބްރުއަރީ 2024
ތިޔަށްކިޔަނީ "ޕެޓްރޯލިންގ ބޯޓް" ނުވަތަ ފޯރިމަރާ އުޅަނދެވެ. "ޕެޓްރޯލް" ބޯޓޭ ކިޔުމުން ދޭހަވަނީ ތެޔޮ ގެންގުޅޭ އުޅަނދެއް ގަންނަން އެމެރިކާއާ އެކު މަޝްވަރާކުރާހެނެވެ.
0 0

ޥަރު

24 ފެބްރުއަރީ 2024
ޢަސްކަރިއްޔާ ހާއްސަކޮށް ކަނޑުގެ ފުލީޓް ވަރުގަދަ ކުރަންޖެހޭ މި އެޙީ ގެ ދަށުން ޒަމާނީ އުޅަދު ހޯދަންޖެހޭ . ޢޑު އިވިފަވާ ގޮތުން އަސްކަރިއްޔާ އަށް ޒަމާނީ ސާވައިލެންސް އެއާކުރާފްޓެއް ވެސް ހޯދަ މީގެ ޢަޕްޑޭޓެްް އެއް ނެތްތަ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް