ރައީސް މުއިއްޒު ގައްދޫގައި ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ގައްދޫ ކައުންސިލް ރައީސް ޖަލްސާއަށް ނައުމުން ރައީސް ފާޑު ވިދާޅުވެއްޖެ
ރައީސް މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ގދ. ގައްދޫގެ ކައުންސިލުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގައްދޫ ރައްޔިތުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެރަށުގެ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމަކީ މިދިޔަ އާދިއްތަ ދުވަހު އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި މިހާތަނަށް އެންމެ އެއްބާރުލުން ކުޑަ ބައްދަލުވުން ކަމަށެވެ.
ބުނީ ކީކޭ؟ - "ކައުންސިލް މީޓިން ދިޔައީ މިހާތަނަށް އަޅުގަނޑު މިއަދާ ހަމައަށް އައި އިރު، މި ފެށި ދަތުރުތަކުގައި ވަރަށް ގިނަ ކައުންސިލްތަކާ ބައްދަލު ވެއްޖެ. އެހެން ނަމަވެސް މި ރަށުގެ ކައުންސިލްގެ އެއްބާރުލުން ތަންކޮޅެއް ކުޑަކޮށް މި ލިބުނީ. ވަރަށް ހިތާމަކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދު ގައްދޫ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގެ އެޖެންޑާގައި ވެސް ރަށުގެ ކައުންސިލުގެ ފަރާތުން ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަން އޮތް ކަމަށެވެ. އެ މަނިކުފާނުގެ ދަތުރުފުޅުގައި ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވެސް ބައްދަލުވުން ބާއްވާއިރު ރަށުގެ ފަރާތުން ކައުންސިލުގެ ރައީސް ނޫނީ މޭޔަރު ވާހަކަފުޅު ދައްކަވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"މިއަދާ ހަމައަށް އައިއިރު، އަޅުގަނޑުމެންނާ ސިޔާސީ ގޮތުން މުޅިން ހިޔާލު ތަފާތު ޕާޓީ، އެމްޑީޕީގެ ކައުންސިލްތަކުގެ ރައީސުން، މޭޔަރުން ފެނިވަޑައިގަންނަވާނެ ހުރިހާ ރަށްރަށެއްގައި ވަރަށް ފުރިހަމަ އަށް ބައިވެރިވެ ވަޑައިގެންނެވި،'" ރައީސް ވިދާޅުވި އެވެ.
"ރޭގައި އެންމެ ފަހުން ތިނަދޫ ސިޓީގެ މޭޔަރު، ކުރިން ފުވައްމުލައް ސިޓީގެ މޭޔަރު އޭގެ ކުރިން އައްޑޫ ސިޓީގެ މޭޔަރު. އަދި އެހެން ރަށްރަށުގައި ވެސް. އެމްޑީޕީގެ ކައުންސިލްތަކުގެ ރައީސުން ފުރިހަމައަށް ބައިވެރިވެ ވަޑައިގަންނަވާ. މީޓިން ތަކުގައި ވެސް ބައިވެރިވޭ. ރަށަށް ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކަވާ. އެއީ އެކަންކަން ވާން ޖެހޭނެ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިހާބުގެ ތެރޭގައި އޮންނަން ޖެހޭ ސިޔާސީ ވާދަވެރިކަން އޮންނާނެ ކަމަށާއި، އިންތިހާބު ކާމިޔާބުވުމުން ދެން ހަވާލުވަނީ އިންތިހާބުގައި ވޯޓު ދިން މީހުންނާއި އަދި ނުދޭމީހުންނަށް ވެސް ހިދުމަތްކުރުމުގެ ޒިންމާއާ ކަމަށެވެ.
"ހަމަހަމަ ކަމާއެކީގައި އެމީހަކު އެ ނިސްބަތްވާ ޕާޓީ އަކަށް ބެލުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ޒިންމާއާ ހުވައެއް ކޮށްގެން މި ހަވާލުވަނީ،" ގައްދޫ އިން ފެންނަ މަންޒަރާމެދު ހިތާމަ ކުރައްވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއީ ލާމަރުކަޒީ ނިޒާމެއްގައި ފެންނަން ޖެހޭ އުސޫލެއް ނޫން ކަމަށާއި ރައްޔިތުން ހަވާލުކުރާ ޒިންމާ އަމާނާތްތެރިކަމާއެކު އަދާކުރުމަށް އޮންނަ ހުރަހަކަށް ސިޔާސީ ވިސްނުމާއި ފިކުރު ވެގެން ނުވާނެ ކަމަށެވެ.
ރައީސް ވަނީ، ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށްޓަކާ މަަސައްކަތް ކުރާނެ ބަޔަކު އިންތިހާބު ކުރަން ގޮވާލައްވައިފަ އެވެ.